ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
ދައުލަތުގެ އިޤްތިޞާދީ އޮނިގަނޑަށް ގެންނަންޖެހޭ މުހިންމު އިޞްލާޙީ ބަދަލުތައް ގެނައުމަށް ސަރުކާރުން އެދެވޭ މަސައްކަތްތަކެއް ކުރަމުންދާ ތަނެއް ނުފެންނަ ކަމަށް ވިދާޅުވެ، ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އަމީރު މިހެން ވިދާޅުވީ، އިންޑިއާއިން ދިވެހިރާއްޖެއަށް ދޫކޮށްފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްދިނުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެދިފައިވާ ކަމަށް ރިޕޯޓްތައް ބުނަމުންދާ ދަނޑިވަޅެއްގައެވެ.

އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އަމީރު ވިދާޅުވީ، މި ފެސިލިޓީގެ މުއްދަތު މީގެ ކުރިން ދެ ފަހަރަކު އިތުރުކޮށްދީފައިވީ ނަމަވެސް، އިޤްތިޞާދީ ޙާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ކުރަންޖެހޭ މަސައްކަތްތައް ކުރާތަން ފެންނަމުން ނުދާ ކަމަށެވެ. އަދި މިހާރު ތިންވަނަ ފަހަރަށް މުއްދަތު އިތުރުކުރުމަށް އެދިފައިވާކަމީ ކަންބޮޑުވުމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"ކަރަންސީ ސްވޮޕްގެ މުއްދަތު އިތުރުކުރުމަކީ އިޤްތިޞާދު ހަމަޖެއްސުމަށްޓަކައި ބޭނުންކުރެވިދާނެ ވަސީލަތެއް. ނަމަވެސް އެއީ ދައުލަތުގެ މާލީ ޒިންމާދާރުކަން އަދާކުރުމުގެ ބަދަލުގައި ބޭނުންކުރެވޭނެ ހައްލެއް ނޫން،" އަމީރު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، ސަރުކާރުގެ ބޭކާރު ޚަރަދުތައް ކުޑަނުކޮށް އޮތް އޮތުމަށް ދަރަނި ދޫކުރާ ފަރާތްތަކުން އެއްބަސްވެ، ކުރިމަތިވާން އޮތް މާލީ ނުރައްކާ ފަސްކޮށްލުމުގެ ބަދަލުގައި، އިޞްލާޙީ ބަދަލުތައް ގެނައުމަށް ބާރުއަޅަންޖެހެއެވެ. މާލީ އެހީތެރިކަމަކީ މާލީ ނިޒާމު ހަރުދަނާކޮށް އަދަބުވެރިކުރުވުމަށް މަގުފަހިކޮށްދޭ ބާރަކަށް ވާންޖެހޭނެ ކަމަށާއި، އެއީ ކުރިމަތިވެދާނެ ބޮޑު ކްރައިސިސްއެއް ވަގުތީ ގޮތުން ފަސްކޮށްލުމަށް ބޭނުންކުރާ ވަސީލަތަކަށް ވެގެން ނުވާނެ ކަމަށްވެސް އަމީރު ވިދާޅުވިއެވެ.



އަމީރުގެ މި ފާޑުކިޔުންތައް އަމާޒުވެފައި މިވަނީ، 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ދޫކުރި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީގެ މުއްދަތު އިތުރުކުރަން ސަރުކާރުން އިންޑިއާގައި އެދިފައިވާ ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ދަނޑިވަޅެއްގައެވެ. ސާކް ކަރަންސީ ސްވޮޕްގެ އުސޫލުތައް އޮންނަ ގޮތުން އިތުރަށް މުއްދަތު ދިގުކުރުމުގައި ގާނޫނީ އަދި އިދާރީ ގޮންޖެހުންތަކެއް ހުރި ނަމަވެސް، އިންޑިއާ ސަރުކާރުން މިހާރު ދަނީ ގަވާއިދުގެ ތެރެއިން މިކަމަށް ހައްލެއް ހޯދުމަށް ދިރާސާކުރަމުންނެވެ.

އަމީރު ވިދާޅުވި ގޮތުގައި އެހީތެރިކަން ފޯރުކޮށްދޭ ގައުމުތަކުންވެސް، އެ އެހީގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ޙަޤީޤީ އިޞްލާޙީ ބަދަލުތައް އަންނަކަން ކަށަވަރުކުރަން ޖެހެއެވެ. ސަރުކާރުން ޚަރަދު ކުޑަކުރުމުގެ ހަރުދަނާ ފިޔަވަޅުތަކެއް ނާޅާނަމަ، މިފަދަ އެހީތަކަކީ ހަމައެކަނި ވަގުތީ ހައްލެއް ކަމަށް އޭނާ ތަކުރާރުކޮށް ފާހަގަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު