ޕީއެންސީގެ ގިނަ ބަޔަކު އިދިކޮޅު އެމްޑީޕީއާ ގުޅުމަށް ނިންމައިފި
ޕީއެންސީގެ ގިނަ ބަޔަކު އިދިކޮޅު އެމްޑީޕީއާ ގުޅުމަށް ނިންމައިފި
ގދ. މަޑަވެލީގައި ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް އޮތް ތާއީދު ކުޑަވެ، އެ ޕާޓީގެ 200 އަށްވުރެ ގިނަ މެންބަރުން އިދިކޮޅު އެމްޑީޕީއާ ގުޅުމަށް ނިންމައިފިއެވެ.

މިއީ މި ފަހަކަށް އައިސް ރަށެއްގެ ސިޔާސީ މަސްރަހަށް އައި އެންމެ ބޮޑު ބަދަލު ކަމަށް ބެލެވެއެވެ.

ޕީއެންސީ ދޫކޮށް އެމްޑީޕީއާ ގުޅެން ނިންމި އިސް މެންބަރަކު 'އޮންލައިން ނޫހަކަށް މައުލޫމާތު ދެމުން ބުނީ، މި ނިންމުން ނިންމަން ޖެހުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މަޑަވެއްޔާމެދު އިހުމާލުވަމުންދާ ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.

ޚާއްސަކޮށް، ރަށުގެ ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައި އޮތުމާއި، މި ސަރުކާރު ވެރިކަމަށް ގެނައުމަށް ރަށުގެ ރައްޔިތުން ވީ ގުރުބާނީގެ އަގު ވަޒަންކުރަމުން ނުދާތީ މެންބަރުންގެ މެދުގައި ބޮޑު މާޔޫސްކަމެއް އުފެދިފައިވާކަން އޭނާ ފާހަގަކުރިއެވެ.

މަޑަވެލީގެ ސިޔާސީ ތާރީޚަށް ބަލާއިރު، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒު ވަނީ އެ ރަށުގެ ދެ ފޮށިންވެސް ބޮޑު އަޣުލަބިއްޔަތެއް ހޯއްދަވާފައެވެ.

އަދި އޭގެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބާއި މިއަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުވެސް ޕީއެންސީން ކާމިޔާބުކުރި ނަމަވެސް، އެންމެ ފަހުން ބޭއްވި ހިޔާލު ހޯދުމުގެ ވޯޓުން ފެނިގެންދިޔައީ ރަށުގެ ރައްޔިތުން ސަރުކާރުގެ ސިޔާސަތުތަކަށް "ނޫނެކޭ" ބުނި މަންޒަރެވެ.

މަޑަވެލީގެ ގިނަ އަދަދެއްގެ ބަޔަކު ސަރުކާރު ކޯލިޝަން ދޫކޮށް އެމްޑީޕީއާ ގުޅެން ނިންމުމަކީ ކުރިއަށް އޮތް ތަނުގައި އެ ސަރަހައްދުގެ ސިޔާސީ ބާރުވެރިކަމަށް ބޮޑެތި ލޮޅުންތަކެއް އަރާނެ ކަމެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު