މިއީ އޭއައި ބޭނުން ކޮށްގެން ހަދާފައިވާ ފޮޓޯއެއް
މިއީ އޭއައި ބޭނުން ކޮށްގެން ހަދާފައިވާ ފޮޓޯއެއް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ހުސްވެފައިވާ ޗެއާޕާސަންގެ އިންތިޚާބުގައި ވޯޓުލާން ބޭނުންނަމަ މިރޭ 12ގެ ކުރިން ޕާޓީއަށް ވަންނަންޖެހޭނެ ކަމަށް އެމްޑީޕީން ހާމަކޮށްފިއެވެ.

އެމްޑީޕީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މޭ މަހުގެ ދެވަނަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ މިއަދުގެ ނިޔަލަށް އެ ޕާޓީގެ މެންބަރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނި ކަމަށްވެސް އެ ޕާޓީން ވަނީ ކަނޑައަޅާފައެވެ.

އެމްޑީޕީގެ މެންބަރަކަށް ވުމަށްޓަކައި އީސީގެ ވެބްސައިޓް މެދުވެރިކޮށް މެމްބަރަކަށް ވުމަށް އެދި ފޯމް ހުށައެޅޭނެއެވެ.

އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، ޕާޓީގެ މެންބަރަކަށްވުމުގެ އިތުރުން، ގާނޫނުއަސާސީގެ 73 ވަނަ މާއްދާ އާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނުގެ އަށް ވަނަ މާއްދާގައި ބަޔާންކުރާ، މަޖިލިސް އިންތިހާބަށް ކުރިމަތިލާ މީހެއްގެ ހުންނަންޖެހޭ ހުރިހާ ޝަރުތުތަކެއް ފުރިހަމަވާން ޖެހެއެވެ.

އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ފޯމު ހުށަހަޅަންޖެހެނީ ގޫގުލް ފޯމް މެދުވެރިކޮށެވެ. ފޯމާއެކު ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑމިނިސްޓްރޭޝަންގެ ކުށާއި ދަރަނީގެ ރެކޯޑުގެ އިތުރުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ފުރިހަމަކޮށްފައިވާ ކުށުގެ ރެކޯޑް ހުށަހަޅަންޖެހޭނެ ކަމަށް އެމްޑީޕީން މައުލޫމާތުދެއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް މިހާތަނަށް ޝައުގުވެރިކަން ފާޅުކުރަށްވާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއިލް އަހުމަދު ނަސީމްގެ އިތުރުން ކުރީގެ މަޖިލިސް މެންބަރު އަލްހާން ފަހުމީއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެހެންކަމުން، އިންތިހާބުން އާ ބޭފުޅަކު އިންތިހާބު ކުރެވެންދެން ވަގުތީ ގޮތުން އެ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރައްވަމުން ގެންދަވަނީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާއެވެ.

އެމްޑީޕީން އިއުލާންކޮށްފައިވާ ގޮތުގައި، ޖޫން 12 ވަނަ ދުވަހު އޮންނަ މި އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނީ އެ ދުވަހުގެ މެންދުރުފަހު 2:30 އިން ފެށިގެން ރޭގަނޑު 8:00 އާ ހަމައަށެވެ.



ކިޔުންތެރިންގެ ހިޔާލު