ބަހާމަސްގެ ކަނޑުގެ ސަރަހައްދު
ބަހާމަސްގެ ކަނޑުގެ ސަރަހައްދު
ބަހާމަސްގެ ކަނޑުގެ ސަރަހައްދުގައި އުޅޭ މިޔަރުތަކުގެ ހަށިގަނޑުން ކޮކެއިން އާއި ކެފެއިން ފަދަ މަސްތުވާތަކެއްޗާއި ކެމިކަލްތައް ފެނިފައިވާކަމަށް ދާދިފަހުން ކުރި ދިރާސާއަކުން ދައްކައިފިއެވެ.

"އެންވަޔަރަންމަންޓަލް ޕޮލިއުޝަން" ޖާނަލްގައި ޝާއިޢުކޮށްފައިވާ މި ދިރާސާގައި ބަހާމަސްގެ އެލޫތެރާ ރަށާ ކައިރިން 85 މިޔަރެއްގެ ލޭގެ ސާމްޕަލް ތަހުލީލުކުރިއިރު، އޭގެ ތެރެއިން ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި މިޔަރުގެ ހަށިގަނޑުން މަސްތުވާތަކެއްޗާއި އާންމުކޮށް ބޭނުންކުރާ ތަދުކަނޑުވާ ބޭސްތަކުގެ އަސަރު ވަނީ ފެނިފައެވެ.

ކެރީބިއަން ސަރަހައްދުގެ މިޔަރުތަކުން މި ފެނުނު ކޮކެއިން އާއި ކެފެއިން ފެނިގެން ދިއުން މިއީ މިހާތަނަށް މުޅި ދުނިޔެއިންވެސް މިޔަރު ހަށިގަނޑުން ކެފެއިން އަދި ކޮކެއިން ފެނުނު ފުރަތަމަ ފަހަރުވެސް މެއެވެ.

ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި މި ނުރައްކާތެރި ކެމިކަލްތައް މިޔަރުގެ ހަށިގަނޑަށް ފޯރަނީ ކަނޑުދަތުރުކުރާ ބޮޑެތި ކުރޫޒް ޝިޕްތަކުންނާއި، ހަލުވިކަމާއެކު ތަރައްގީވަމުންދާ ރަށްރަށުން ކަނޑަށް ދޫކުރާ ސާފުނުކުރާ ނަޖިސް ފެނުގެ ސަބަބުންނެވެ.

މީގެ އިތުރުން، ކަނޑަށް އުކާލާފައި ހުންނަ މަސްތުވާތަކެތީގެ ބާވަތްތައް މިޔަރު ފަދަ ޝިކާރަކުރާ މަސްތަކުން ކައި ހެދުމަކީވެސް މިކަމަށް މެދުވެރިވާ ސަބަބެއް ކަމަށް ބެލެވެއެވެ.

މި ހޯދުންތަކުން ދޭހަވަނީ އިންސާނުންގެ ހަރަކާތްތަކުގެ ސަބަބުން ތަޣައްޔަރުވަމުންދާ މިންވަރު، އެންމެ އެކަހެރި އަދި ސާފު ކަމަށް ބެލެވޭ ކަނޑުގެ ސަރަހައްދުތަކަށްވެސް ފޯރާފައިވާ މިންވަރެވެ.

މި ކެމިކަލްތަކުގެ ސަބަބުން މިޔަރުތަކުގެ ދިރުމަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރަމުންދާކަން ދިރާސާވެރިން ވަނީ ފާހަގަކޮށްފައެވެ.

އޭގެ ތެރޭގައި މިޔަރުތައް އާދަޔާ ހިލާފަށް ބޮޑަށް ސްޓްރެސްވުމާއި، ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތައް ބޭރުކުރުމަށްޓަކައި ހަކަތަ ހޭދަވާ މިންވަރު އިތުރުވުން ހިމެނެއެވެ.

ފަތުރުވެރިކަމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތައް އިތުރުވަމުންދާއިރު، މިއީ ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމަށްޓަކައި ނަޖިސް ފެން ބޭރުކުރުމުގެ ނިޒާމުތައް ހަރުދަނާކުރަން ޖެހިފައިވާކަމުގެ އިންޒާރެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް