މަރްޔަމް ނަހްދާ ވަޙީދު   23 އޭޕްރީލު 2026 - 9:23
ދުފުމުގައި ބިލަތާއި ފޯއް، ހުނި، ދުންފަތް ކެއުމަކީ ދެކުނު އޭޝިއާގެ ބައެއް ޤައުމު ތަކުގައި އާދަކާދައާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެކެވެ. ގިނަ ބަޔަކު މިއީ އަނގަ މީރުކޮށްލާ ހަށިގަނޑަށް ކޮންމެވެސް ވަރެއްގެ ތާޒާކަމެއް ގެނެސްދޭ ކަމެއްގެ ގޮތުގައި ބޭނުންކުރި ނަމަވެސް، މީގެ ސަބަބުން ސިއްހަތަށް ކުރިމަތިވާ ނުރައްކާތަކަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް އެކުލެވިގެން ވާކަމެކެވެ.

އެންމެ ފުރަތަމަ ފާހަގަކުރެވެނީ އަނގައިގެ ސިއްހަތަށް ލިބޭ ބޮޑެތި ގެއްލުންތަކެވެ. ގިނަދުވަހު ދުފުމުގެ ސަބަބުން ދަތްތަކުގައި އެއްޗެހި ހަރުލާ ކުލަ ބަދަލުވުމާއި، އަނގައިން ނުބައިވަސް ދުވުން މެދުވެރިވެއެވެ. މީގެ އިތުރުން، ހިރުގަނޑު ދުޅަވެ، ދަތް ފީވުމަށް މަގުފަހިވެއެވެ. މިއަށްވުރެ ނުރައްކާތެރި ހާލަތެއް ކަމަށްވާ "އޯރަލް ސަބްމިއުކަސް ފައިބްރޯސިސް" ޖެހުމުގެ ފުރުސަތު ބޮޑެވެ. މީގެ ސަބަބުން އަނގައިގެ އެތެރޭގެ މަސްތައް ހަރުވެ، އަނގަ ހުޅުވަން އުނދަގޫވުމާއި، ކެއުމާއި ވާހަކަދެއްކުން ފަދަ އަސާސީ ކަންކަމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެއެވެ.

ދެން އޮތް އެންމެ ބޮޑު ނުރައްކަލަކީ ކެންސަރުގެ ބިރެވެ. ދުފުމުގައި ހިމެނޭ ބައެއް މާއްދާތަކަކީ އަނގަޔާއި، ކަރުތެރެ އަދި ކާތަކެތި ހިނގާ ހޮޅިއަށް ކެންސަރު ޖެހުމަށް މަގުފަހިވާ މާއްދާތަކެކެވެ. ހާއްސަކޮށް، ފޯކާ ބިލަތާ އެކު ދުންފަތުގެ ބާވަތްތައް ބޭނުންކުރުމަކީ މި ނުރައްކާ އެތައް ގުނައަކަށް އިތުރުކޮށްދޭ ކަމެކެވެ. މިއީ އާދައިގެ ކަމެއްގެ ގޮތުގައި ފެށުނު ނަމަވެސް، ނަތީޖާއަކީ ފުރާނައަށް ނުރައްކާވާ ފަދަ ބައްޔަކަށް ވެދާނެއެވެ. ދުފާއިރު ވިސަނާލަން ޖެހެނީ ދުފާއިރު ރަހަމީރު ކޮށްލަންލާ ހުނި މިއީ ކިހިނެއް އުފައްދާ ފައި ހުންނަ އެއްޗެއްކަން، އަޅުގަނޑުމެން ކާއިރުވެސް ގިނަމީހުންނަށް އިނގޭ ހުނި ހަދާ ގޮތްވެސް އެކަމުވެސް ވަގުތީ އުފަލަކަށް ބޭނުންކޮށްލަނީ ފަހުންވާނެ ގޮތަކާ ދޭތެރޭ ވިސްނާނުލެވި.

މީގެ އިތުރުން ދުފުމަކީ އޭގެ މައްޗަށް ދެވިހިފާ އެއްޗެކެވެ. މީގައި ހިމެނޭ "ސްޓިމިއުލަންޓް" ތަކުގެ ސަބަބުން، އެ ބޭނުންކުރުމުން ހަށިގަނޑަށް ވަގުތީ ހިތްހަމަޖެހުމެއް ލިބުނު ނަމަވެސް، ގިނަދުވަސްވުމުން އެއާ ނުލައި ނޫޅެވޭ ވަރަށް މީހާ ދެވިހިފައެވެ. މީގެ ސަބަބުން ހަށިގަނޑަށް ލިބޭ ގެއްލުންތައް އިތުރުވެ، އެ އާދަ ދޫކޮށްލުމަކީ ދަތި ކަމަކަށް ވެގެންދެއެވެ.

ދުފުމުން އޭގެ ނޭދެވޭ އަސަރު މުޅި ހަށިގަނޑަށް ކުރެއެވެ. އެގޮތުން ހިތުގެ ވިންދު އަވަސްވުމާއި، ލޭގެ ޕްރެޝަރު މަތިވުން ފަދަ ކަންކަން މެދުވެރިވެއެވެ. ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި، ގަވާއިދުން ދުފާ ހެދުމަކީ ހަކުރު ބައްޔާއި ހަޖަމުކުރުމުގެ ނިޒާމުގެ މައްސަލަތަކަށް ވެސް މަގުފަހިވާ ކަމެކެވެ.

ސިއްހީ ގޮތުން ލިބޭ ގެއްލުންތަކުގެ އިތުރުން، މިއީ އިޖުތިމާއީ ގޮތުންނާއި ސާފުތާހިރުކަމުގެ ގޮތުން ވެސް ގިނަ މައްސަލަތަކެއް ކުރިމަތިކުރުވާ ކަމެކެވެ. ދުފުމުން އުފެދޭ ރަތް ކުޅާއި، އަނގައިން ދުވާ ނުބައި ވަހުގެ ސަބަބުން މީހާގެ ސާފުތާހިރުކަން ގެއްލި، މީހުންގެ މެދުގައި އޮންނަ ގަދަރަށް ވެސް އަސަރުކުރެއެވެ. ހާއްސަކޮށް ވަޒީފާގެ މާހައުލުގައި މިފަދަ ކަންކަމަކީ އެހެން މީހުންނަށް އުނދަގޫވާ ކަންކަމެވެ.

ބިލަތަކީ އޭގެ ޒާތުގައި މާ ބޮޑު ގެއްލުމެއް ހުރި އެއްޗަކަށް ނުވި ނަމަވެސް، ފޯކާ ދުންފަތާ އެކު ބޭނުންކުރުމަކީ ސިއްހީ ގޮތުން ބޮޑެތި ނުރައްކާތަކެއް އޮތް ކަމެކެވެ. އަނގައިގެ ބަލިތަކުން ފެށިގެން ކެންސަރާ ހަމައަށް މި ނުރައްކާ އޮތްއިރު، މިފަދަ ނުރައްކާތެރި އާދަތަކާ ދުރުހެލިވުމަކީ ދިގު މުއްދަތަކަށް ސިއްހަތު ސަލާމަތުން ބެހެއްޓުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު