މާލޭގެ މޭޔަރުކަމަށް ވާދަކުރެއްވި އިސްމާއީލް ޒަރިޔަންދު
މާލޭގެ މޭޔަރުކަމަށް ވާދަކުރެއްވި އިސްމާއީލް ޒަރިޔަންދު
ގްރީސްއަށް ކުރިމަތިވި ފަދަ ނުރައްކާތެރި އިގްތިސާދީ ކާރިސާއަކާ ރާއްޖެ ކުރިމަތިލާން ޖެހިދާނެކަމުގެ އިންޒާރު މާލޭގެ މޭޔަރުކަމަށް ވާދަކުރެއްވި އިސްމާއީލް ޒަރިޔަންދު، ދެއްވައިފިއެވެ.

ރާއްޖޭގެ މިހާރުގެ އިގްތިސާދީ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޒަރިޔަންދު ވިދާޅުވީ، ސިޔާސީ ބޭނުންތަކަށް ކުރާ ބޮޑެތި ޚަރަދުތަކާއި، އިތުރުވަމުންދާ ދަރަންޏާއި، ދޯހަޅި މާލީ ކޮންޓްރޯލްތަކުގެ ސަބަބުން ގައުމުގެ ހާލަތު ގޯސްވަމުންދާ ކަމަށެވެ.





އަދި ހަގީގަތް އޮޅުވާލައިގެން ކަންކަން މެނޭޖްކުރެވޭނެ ކަމަށް ވެރިންނަށް ހީވި ނަމަވެސް، ސަރުކާރަށް ރައްޔިތުން ކުރާ އިތުބާރު ގެއްލޭ ހިސާބުން މުޅި ނިޒާމު ފުނޑުފުނޑުވެގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޒަރިޔަންދު އިތުރަށް ވިދާޅުވި ގޮތުގައި، މިފަދަ ހާލަތެއް މެދުވެރިވުމުން އިތުރަށް ލޯނު ނެގުމަށް ދަތިވެ، ތަކެތީގެ އަގުތަކާއި ޚަރަދުތައް އިންތިހާއަށް އުފުލިގެންދާނެއެވެ.

މީގެ ނަތީޖާއެއްގެ ގޮތުން އާންމު ރައްޔިތުންގެ ދިރިއުޅުމަށް ނުހަނު ބޮޑެތި ތަކުލީފުތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް އޭނާ އިންޒާރު ދެއްވިއެވެ. ބެލެވޭ ގޮތުގައި އޭނާ މި އިޝާރާތް ކުރައްވަނީ ސަރުކާރުގެ ބައެއް ސިޔާސަތުތަކާއި އިގްތިސާދީ ހަގީގަތްތައް ރައްޔިތުންނަށް ސިއްރުކުރަމުންދާ ދިއުމަށެވެ.

ގްރީސްގެ އިގްތިސާދަށް ބަލާއިރު، 2009 ވަނަ އަހަރު އެ ގައުމަށް ދިމާވި ބޮޑު އިގްތިސާދީ ކާރިސާގެ މައިގަނޑު ސަބަބަކީ އަތްނުފޯރާ މިންވަރަށް ދަރަނި ބޮޑުވުމާއި މަނިޓަރީ ފްލެކްސިބިލިޓީ ނެތުމެވެ.

ރާއްޖޭގެ ދަރަނިވެސް މިހާރު ހުރީ އިންތިހާއަށް މަތީގައި ކަމަށްވާއިރު، މިކަމުގެ ނޭދެވޭ އަސަރުތައް މިހާރުވެސް ދަނީ އިގްތިސާދަށް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު