ށ. ފުނަދޫ ދާއިރާގައި ސަރުކާރު ހިންގާ ޕީއެންސީއަށް އޮތް ތާއީދު ކުޑަވުން
ށ. ފުނަދޫ ދާއިރާގައި ސަރުކާރު ހިންގާ ޕީއެންސީއަށް އޮތް ތާއީދު ކުޑަވުން
ށ. ފުނަދޫ ދާއިރާގައި ސަރުކާރު ހިންގާ ޕީއެންސީއަށް އޮތް ބޮޑު އަޣުލަބިއްޔަތު ބަދަލުވާން ފަށާފައިވާކަމުގެ ނިޝާންތައް ފެންނަން ފަށައިފިއެވެ.

އެގޮތުން އެ ދާއިރާގެ ރަށްތަކުން ގިނަ އަދަދެއްގެ ބަޔަކު މިހާރު ވަނީ އިދިކޮޅު މައި ޕާޓީ، އެމްޑީޕީއަށް ސޮއިކޮށްފައެވެ. ދާއިރާގެ މަޖިލިސް މެންބަރަކު ސަރުކާރު ތަމްސީލުކުރައްވަން ހުންނަވަނިކޮށް، މިފަދަ ބޮޑު ސިޔާސީ ބަދަލެއް އައުމަކީ ތާރީޚީ ކަމެއްގެ ގޮތުގައި އެ ދާއިރާގެ ބައެއް ފަރާތްތަކުން ސިފަކުރެއެވެ.

ޚާއްޞަކޮށް، މިހާރުގެ މަޖިލިސް މެންބަރަކީ ސަރުކާރުގެ ސިޔާސަތުތައް ކުރިއެރުވުމަށް އެކްޓިވިސްޓެއްގެ ފެންވަރުގައި މަސައްކަތް ކުރައްވާ ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވޭ ބޭފުޅެކެވެ.

މި ހަފުތާގެ ތެރޭގައި އެކަނިވެސް ފުނަދޫ ދާއިރާއިން ޖުމްލަ 245 މީހަކު ވަނީ އެމްޑީޕީއާ ގުޅިފައެވެ. އޭގެ ތެރޭގައި ފުނަދޫން 155 މީހަކާއި، މާއުނގޫދޫން 54 މީހެއްގެ އިތުރުން ޅައިމަގުން 36 މީހަކު ހިމެނެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ފަރާތްތަކުގެ ތެރޭގައި ގިނައީ މީގެ ކުރިން ޕީއެންސީގެ ސަފުތަކުގައި އިސްކޮށް އުޅުނު މީހުންނެވެ. އުންމީދު ކުރެވޭ ގޮތުގައި ކުރިއަށް އޮތް ތަނުގައި ފުނަދޫން އެކަނިވެސް އިތުރު 250 އެއްހާ މީހުން އެމްޑީޕީއަށް ސޮއިކުރާނެއެވެ.

މި ބަދަލު އަންނަން މެދުވެރިވި މައިގަނޑު ސަބަބެއްގެ ގޮތުގައި ބެލެވެނީ، ސަރުކާރަށް ދެ އަހަރާއި ބައި ވެގެންދާއިރުވެސް ދާއިރާގެ ތިން ރަށުގައި ތަރައްޤީގެ އެއްވެސް މަޝްރޫޢެއް ކުރިއަށް ނުދިއުމެވެ.

މީގެ ސަބަބުން ރައްޔިތުން ތިބީ ވަރަށް ބޮޑަށް މާޔޫސްވެ، ސަރުކާރާއި މަޖިލިސް މެންބަރަށް އޮތް އިތުބާރު ގެއްލިފައެވެ. މީގެ އިތުރުން، އެމްޑީޕީގެ އެތެރޭގެ އިންތިޚާބުތަކަށް ތިން ރަށުންވެސް ކެންޑިޑޭޓުން ނުކުތުމަކީވެސް ޕާޓީގެ މެންބަރުން އިތުރުވުމަށް ލިބުނު ބޮޑު ބާރެކެވެ.

މިހާތަނަށް ދާއިރާގެ ރައީސްކަމަށް ވާދަކުރައްވާނެކަން ތިން ބޭފުޅަކު ވަނީ އިޢުލާން ކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު