މާފުށީގައި ގެސްޓުންތަކެއް ސްނޯކްލިއަކަށް ދިޔުމަށް ތައްޔާރުވެގެން
މާފުށީގައި ގެސްޓުންތަކެއް ސްނޯކްލިއަކަށް ދިޔުމަށް ތައްޔާރުވެގެން
ދިވެހިރާއްޖޭގެ އިގްތިސާދުގެ މައިނާރު ކަމުގައިވާ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ލިބޭ އާމްދަނީގެ ތެރެއިން އެންމެ މުހިންމު އެއް ބަޔަކީ ސާވިސް ޗާޖެވެ. ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ރިސޯޓުތަކާއި ހޮޓާތަކުން ޚިދުމަތް ހޯދާ ކަސްޓަމަރުންގެ އަތުން ނަގާ 10 އިންސައްތަ ސާވިސް ޗާޖަކީ، އެއްވެސް ހާލެއްގައި ރިސޯޓު އޯނަރުންގެ އާމްދަނީ އިތުރުކުރުމަށް ނުވަތަ އެފަރާތްތަކުން ބޭނުންހާ ގޮތަކަށް ބޭނުންކުރުމަށް ދެވޭ ފައިސާއެއް ނޫނެވެ. މިއީ މުވައްޒަފުން ކުރާ ބުރަ މަސައްކަތުގެ އަގުވަޒަންކޮށް، އެމީހުންނަށް ހިތްވަރު ދިނުމުގެ ގޮތުން ކަސްޓަމަރުންގެ އަތުން ވަކިން ނަގާ ފައިސާއެކެވެ. މިއީ ރިސޯޓަށް ލިބޭ އާމްދަނީއަށް އިތުރުކުރެވޭނެ ނުވަތަ އުނިކުރެވޭނެ އަދަދެއް ނޫނެވެ.

ރާއްޖޭގެ ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި، ރިސޯޓުތަކާއި ހޮޓާތަކުން ދޭ ޚިދުމަތުގެ އަގުގެ 10 އިންސައްތަ ސާވިސް ޗާޖުގެ ގޮތުގައި ނެގުން ލާޒިމްވެއެވެ. މިގޮތުން ނެގޭ ފައިސާގެ ތެރެއިން 99 އިންސައްތަ، ކޮންމެ މަހަކުވެސް މުވައްޒަފުންގެ މެދުގައި އެއްވެސް ތަފާތުކުރުމެއް ނެތި، ހަމަހަމަ އުސޫލަކުން ބަހަންޖެހެއެވެ. މި ގާނޫނުގެ މައިގަނޑު މަގުސަދަކީ މުވައްޒަފުންނަށް ކަނޑައެޅިފައިވާ މުސާރައިގެ އިތުރުން، އެމީހުން ދޭ ޚިދުމަތަށް އެކަށީގެންވާ އިތުރު އާމްދަނީއެއް ކަށަވަރުކޮށްދިނުމެވެ. ނަމަވެސް، މި ފައިސާ ބެހުމުގައި އަމަލީ ގޮތުން ތަފާތު ގޮންޖެހުންތަކާއި އޮޅުންބޮޅުންތައް ހުރިކަން ފާހަގަކުރެވެއެވެ.

ސާވިސް ޗާޖަކީ މުވައްޒަފުންގެ ހައްގަކަށް ވީހިނދު، އެ ފައިސާއަށް ރިސޯޓު އޯނަރުންނަށް ނުފޫޒު ނުފޯރުވޭނެ ގޮތް ހެދުމަށްޓަކައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވަނީ ވަޒީފާއާ ބެހޭ ގާނޫނަށް މުހިންމު އިސްލާހުތަކެއް ހުށަހަޅުއްވާފައެވެ. މި އިސްލާހުގެ ތަފްސީލު ދެއްވަމުން މެންބަރު މައުރޫފް ރަސްއޮންލައިން އަށް ވިދާޅުވީ، ސާވިސް ޗާޖަކީ މުވައްޒަފުން ވަރަށް ބޮޑަށް ބަރޯސާވެފައިވާ އާމްދަނީއެއް ކަމަށާއި، ގިނަ ދިވެހިން ރިސޯޓު ވަޒީފާތަކަށް ދަނީ މުސާރައަށްވުރެ ބޮޑަށް ސާވިސް ޗާޖަށް ބަލައިގެން ކަމަށެވެ.

މައުރޫފް ވިދާޅުވި ގޮތުގައި، 2022 ވަނަ އަހަރު ގާނޫނަށް ގެނެވުނު ބަދަލަށްފަހު ގިނަ ރިސޯޓުތަކުން ސާވިސް ޗާޖު ދެމުން އައީ ޑޮލަރުންނެވެ. ނަމަވެސް، ފަހަކަށް އައިސް ބައެއް ރިސޯޓުތަކުން މި ފައިސާ ރުފިޔާއަށް މާރުކޮށްގެން ބަހަން ފަށާފައިވާތީ މުވައްޒަފުންނަށް ބޮޑެތި ގެއްލުންތަކެއްވަމުންދެއެވެ.

މައުރޫފް ޒާކިރު ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުގެ ފޮރެކްސް ގަވާއިދަށް ގެނައި ބަދަލުތަކާއެކު ރިސޯޓުތަކުން ޑޮލަރު މާރުކުރަން މަޖުބޫރުވުމުން، އޭގެ އަސަރު މުވައްޒަފުންގެ ސާވިސް ޗާޖަށް ވަނީ ކޮށްފައެވެ. "ސާވިސް ޗާޖު ރުފިޔާއިން ދޭން ފެށުމުގެ ޓްރެންޑެއް އައިސް ގިނަ ރަށްތައް މަޑުމަޑުން ބަދަލުވަމުން ގޮސް... މުވައްޒަފެއްގެ އާމްދަނީން ގާތްގަނޑަކަށް 5000 އާ 2000 ރުފިޔާއާ ދޭތެރޭގެ އަދަދެއް އެބަ ގެއްލޭ އެގޮތަށް ހެދީމަ." މައުރޫފް ވިދާޅުވިއެވެ.

މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން ހުށަހެޅި އިސްލާހުގައިވަނީ، ސާވިސް ޗާޖު ނަގާ ބާވަތަކުން (ކަރަންސީއަކުން) މުވައްޒަފުންނަށް އެ ފައިސާ ބަހަންޖެހޭނެ ކަމަށެވެ. މައުރޫފް އިތުރަށް ވިދާޅުވީ، ރިސޯޓުތަކަށް 99 އިންސައްތަ ފައިސާ ލިބެނީ ޑޮލަރު، ޔޫރޯ ނުވަތަ ޕައުންޑުން ކަމަށްވާއިރު، އެ ނަގާ އެއްޗަކަށް އިތުރު ގޮތްތަކެއް ހެދުމުގެ ހައްގެއް ރިސޯޓުތަކުގެ ވެރިފަރާތަށް ނުވަތަ މެނޭޖްމެންޓަށް އޮވެގެން ނުވާނެ ކަމަށެވެ.

މި އިސްލާހުގެ ދެވަނަ ކަމަކަށް އޮތީ، ރިސޯޓުތަކުގައި އައުޓްސޯސްކޮށްގެން ނުވަތަ ތާޑް ޕާޓީގެ ދަށުން މަސައްކަތްކުރާ ނަމަވެސް، ޓޫރިސްޓުންނަށް ސީދާ ޚިދުމަތްދޭ ފަރާތްތަކަށް ސާވިސް ޗާޖު ހޯދައިދިނުމެވެ. މީގެ ތެރޭގައި ޑައިވިން ދޯނިފަހަރުގެ މުވައްޒަފުންނާއި، ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރާ ވެއިޓަރުން ފަދަ ފަރާތްތައް ހިމެނެއެވެ.

މައުރޫފް ވިދާޅުވި ގޮތުގައި، މި މީހުންނަކީ ހަމަ ކޮންމެ ދުވަހަކު ސީދާ ޓޫރިސްޓުންނަށް ޚިދުމަތްދޭ، އަދި ބައެއް ފަހަރު ނުރައްކާތެރި މަސައްކަތްތައް ކުރާ ބައެކެވެ. ނަމަވެސް އެމީހުންގެ ކޮންޓްރެކްޓުގެ ބާވަތުން ސާވިސް ޗާޖު ނުލިބުމަކީ ބޭއިންސާފެކެވެ. "ސީދާ ހިދުމަތްދޭ މީހުންނަށް އެއްބަޔަކަށް ލިބިފަ އަނެއް ބަޔަކަށް ނުލިބޭކަމުގަ ވާނަމަ، އެއީ ވަރަށް ބޮޑު ބޭއިންސާފެއް، އަދި ހިދުމަތް ދިނުމަށްވެސް އޭގެ ސަބަބުން ހުރަސް އެޅޭނެ،" މައުރޫފް ވިދާޅުވިއެވެ.

މި އިސްލާހު މަޖިލީހަށް ހުށަހެޅުމުން، ސަރުކާރަށް ނިސްބަތްވާ މެންބަރުންގެ ފަރާތުން ފުރަތަމަ ފެނުނީ މިއާ ދެކޮޅު ހެދުމުގެ ރޫހެކެވެ. ބައެއް މެންބަރުން ވިދާޅުވަމުން ގެންދެވީ ސަރުކާރުން މިއަށްވުރެ ފުރިހަމަ އިސްލާހެއް ގެންނަން އުޅޭ ކަމަށާއި، މިއީ އެކަން އެނގިގެން އިދިކޮޅުން ހުށަހެޅި ބިލެއް ކަމަށެވެ. ނަމަވެސް، ކުއްލި ގޮތަކަށް ހިޔާލު ބަދަލުވެ، މަޖިލީހުން ވަނީ މި ބިލު ބަލައިގަނެފައެވެ. އާންމު އުސޫލުން ވަޒީފާއާ ބެހޭ ގާނޫނަށް ގެންނަ އިސްލާހުތައް ދިރާސާކުރަނީ އިޖުތިމާއީ ކޮމިޓީ ނުވަތަ އިގްތިސާދީ ކޮމިޓީން ނަމަވެސް، މި ބިލު ދިރާސާކުރުމަށް ފޮނުވާފައިވަނީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށެވެ. މިއީ މިފަދަ ބިލެއް ފޮނުވަން ޖެހޭނެ ކޮމިޓީއެއް ނޫން ކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ސާވިސް ޗާޖަކީ ރިސޯޓުގެ އަމިއްލަ މިލްކެއް ނޫން ކަމާއި، އެއީ މުވައްޒަފުންނަށް ދިނުމަށް ގާނޫނުން ލާޒިމްކޮށްފައިވާ އަމާނާތެއްކަން ކަށަވަރުކުރުމަކީ ފަތުރުވެރިކަމުގެ ސިނާއަތުގެ ކުރިއެރުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. މި އިސްލާހުތައް ފާސްވެ އަމަލުކުރަން ފެށުމުން، މުވައްޒަފުންގެ އާމްދަނީއަށް ލިބޭ އުނިކަން ހުއްޓި، ހުރިހާ ޚިދުމަތްތެރިންނަށް ހަމަހަމަ އިންސާފެއް ލިބިގެންދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު