މިއީ އޭއައި ބޭނުން ކޮށްގެން ހަދާފައިވާ ފޮޓޯއެއް
މިއީ އޭއައި ބޭނުން ކޮށްގެން ހަދާފައިވާ ފޮޓޯއެއް
ގުރުދާ ނުވަތަ ކިޑްނީގައި ހިލަ އުފެދުމަކީ ކުޑަކަމުދާ ނިޒާމުގައި ހުންނަ ބައެއް ކަހަލަ މިނަރަލްސް ގަނޑުވެ، ހަރު އެއްޗަކަށް ބަދަލުވުމުގެ ސަބަބުން ދިމާވާ ވަރަށް ވޭންދެނިވި ސިއްހީ މައްސަލައެކެވެ. މި ހިލަތައް އުފެދޭއިރު ވަރަށް ކުޑަ ނަމަވެސް، އެ ބޮޑުވަމުންދާ ވަރަކަށް ކުޑަކަމުދާ ނިޒާމުގެ ތެރޭގައި ދަތުރުކުރާއިރު އިންތިހާއަށް ތަދުވެ، ބޮޑެތި އުނދަގޫތަކާ ކުރިމަތިލާންޖެހެއެވެ. ރާއްޖެ ފަދަ ހޫނު ގައުމުތަކުގައި، ހަށިގަނޑުން ފެން މަދުވުން ނުވަތަ ޑީހައިޑްރޭޓް ވުމަކީ ގުރުދާގައި ހިލަ އުފެދުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބެވެ.

ގިނަފަހަރަށް ގުރުދާގައި ހިލަ އުފެދެނީ ކުޑަކަމުދާ ތަކެތީގައި ފެނުގެ ބައި މަދުވެ، މިނަރަލްސްތައް ގިނަވުމުގެ ސަބަބުންނެވެ. މީގެ ސަބަބުން ކެލްސިއަމް، އޮކްސަލޭޓް އަދި ޔޫރިކް އެސިޑް ފަދަ މާއްދާތައް އެކުވެ، ކްރިސްޓަލް ނުވަތަ ހިލައަށް ބަދަލުވެއެވެ. މިކަމަށް މެދުވެރިވާ އާންމު ސަބަބުތަކުގެ ތެރޭގައި ބޯންޖެހޭ މިންވަރަށް ފެން ނުބުއިން، ކާތަކެތީގައި ލޮނު ގިނައިން ބޭނުންކުރުން، ރަތް މަސް ނުވަތަ ޕްރޮޓީން ގިނަ ކާނާ އިންތިހާއަށް ބޭނުންކުރުން އަދި ހަކުރު ގިނަ ބުއިންތައް ބޭނުންކުރުން ހިމެނެއެވެ. މީގެ އިތުރުން ހަށިގަނޑުގައި ގުދުރަތީ ގޮތުން ހިލަ އުފެދުން ހުއްޓުވައިދޭ މާއްދާތައް މަދުވުމަކީވެސް މީގެ ސަބަބެކެވެ.

ގުރުދާގައި ހިލަ އުފެދުމުން ފުރަތަމަ އެއްވެސް އަލާމާތެއް ފެނުމަކީ ނާދިރު ކަމެކެވެ. ނަމަވެސް އެ ހިލަ ގުޑަން ފެށުމުން ނުވަތަ ކުޑަކަމުދާ ހޮޅިއަށް ދިއުމުން ބުރަކަށީގައި ނުވަތަ އަރިކަށީގައި ގަދައަށް ރިއްސުމާއި، ކުޑަކަމުދާއިރު ތަދުވުން ނުވަތަ ދިލަނެގުން ފަދަ ކަންކަން މެދުވެރިވެއެވެ. އަދި ކުޑަކަމުދާ ތަކެތީގެ ކުލަ ރަތްވުން ނުވަތަ ލޭގެ އަސަރު ހުރުމާއި، މޭނުބައިކުރުން ނުވަތަ ހޮޑުލެވުން ފަދަ އަލާމާތްތައް ފެންނަނަމަ، ލަސްނުކޮށް ޑޮކްޓަރެއްގެ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެކެވެ.

މި ނުރައްކާތެރި ބަލިން ރައްކާތެރިވުމަށް ބޭނުންކުރެވިދާނެ އެންމެ ފަސޭހަ އަދި ގުދުރަތީ އެއް ވަސީލަތަކީ ލުނބޮލެވެ. ލުނބޮލުގައި ގިނަ އަދަދަކަށް 'ސިޓްރޭޓް' ހިމެނެއެވެ. މިއީ ހިލަ އުފެދުން ހުއްޓުވައިދޭ ގުދުރަތީ މާއްދާއެކެވެ. ސިޓްރޭޓަކީ ކުޑަކަމުދާ ތަކެތީގައި ހުންނަ މިނަރަލްސްތައް އެކަތި އަނެކައްޗާ ތަތްވިޔަނުދީ ހިފަހައްޓައިދޭ އައްޑަނައެއް ފަދަ އެއްޗެކެވެ. މީގެ އިތުރުން، ކުދިކުދި ހިލަތައް ބޮޑުވުމުގެ ކުރިން މުގުރާލުމަށްވެސް ސިޓްރޭޓް އެހީތެރިވެދެއެވެ.

ގަވާއިދުން ލުނބޯފެން ބޯނަމަ، ހަށިގަނޑަށް ބޭނުންވާ ފެނުގެ މިންވަރު ލިބުމަށް މަގުފަހިވެ، ކުޑަކަމުދާ ތަކެތި ތުނިކޮށްދީ ހިލަ އުފެދުމުގެ ކުރިން މިނަރަލްސްތައް ހަށިގަނޑުން ބޭރުކޮށްދެއެވެ. މީގެ ސަބަބުން ކުޑަކަމުދާ ނިޒާމުގެ ދުޅަހެޔޮކަން ދަމަހައްޓައިދީ، ހިލަ އުފެދުމުގެ ފުރުސަތު ހަނިކޮށްދެއެވެ. ލުނބޯ ބޭނުންކުރާނެ އެންމެ ރަނގަޅު ގޮތަކީ ފެން ތަށްޓަކަށް ބައި ލުނބޯ ނުވަތަ އެއް ލުނބޯ ފިއްތާލައިގެން ދުވާލަކު އެއްފަހަރު ނުވަތަ ދެފަހަރު ބުއިމެވެ. މީގެ އަސަރު އެންމެ ބޮޑަށް ކުރާނީ ހަކުރު ނާޅައި ބުއިމުންނެވެ. ހަކުރު އެޅުމަކީ ލުނބޮއިން ލިބޭ ފައިދާ ކުޑަވެގެންދާނެ ކަމެކެވެ. ލުނބޯގެ ބަދަލުގައި ހުތް ލުނބޯ ނުވަތަ "ލައިމް" ވެސް ބޭނުން ކުރެވިދާނެއެވެ.

ހަނދާން ބަހައްޓަންޖެހޭ މުހިންމު ކަމަކީ، ލުނބޯ ފެނަކީ ހިލަ އުފެދުމުން ރައްކާތެރިވުމަށާއި ވަރަށް ކުދި ހިލަތައް ބޭރުކުރުމަށް އެހީތެރިވެދޭ އެއްޗެއް ކަމެވެ. ނަމަވެސް، މިއީ ބޮޑެތި ހިލަތަކަށް އޮތް ފަރުވާއެއް ނޫނެވެ. ހިލަ ބޮޑުވެފައިވާނަމަ، ސިއްހީ ފަރުވާ ހޯދުން މަޖުބޫރެވެ.

މިކަމުން ސަލާމަތްވުމަށް ދުވަހުން ދުވަހަށް އެޅިދާނެ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރޭގައި މުޅި ދުވަހުވެސް ގިނައިން ފެން ބުއިމަށް އާދަކުރުމާއި، ލޮނާއި ޕްރޮސެސް ކޮށްފައިވާ ކާތަކެތި ބޭނުންކުރުން މަދުކުރުން ހިމެނެއެވެ. އަދި ހަރަކާތްތެރިވެ އުޅުމާއެކު ހަށިގަނޑުގެ ބަރުދަން އެއްވަރެއްގައި ހިފަހައްޓަން މަސައްކަތް ކުރުމަކީވެސް މުހިންމު ކަމެކެވެ. ގުރުދާގައި ހިލަ އުފެދުމަކީ ވޭންދެނިވި ކަމެއް ނަމަވެސް، ކޮންމެ ދުވަހަކު ކުރާ މިފަދަ ކުދިކުދި ކަންކަމުން މި ބަލިން ރައްކާތެރިވެވިދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު