ޞާދިރު ޢަލީދީދީ   24 އޭޕްރީލު 2026 - 5:36
ލޭގެ ޕްރެޝަރު މަތިވުމުން ފެށިގެން ކުރިން ޖެހިފައިވާ އިންފެކްޝަންތަކާ ހަމައަށް، ހިތް ހުއްޓުމަށް މަގުފަހިވެދާނެ ކަންކަން ދެނެގަންނާށެވެ.

ހިތް ހުއްޓުން ނުވަތަ 'ހާޓް ފެއިލިއާ' އަކީ އާންމުކޮށް މީހުން އެކަމާ މެދު މާ ބޮޑަށް ވިސްނާ ކަމެއް ނޫނެވެ. މިކަމާ މެދު ވިސްނެނީ އަމިއްލަ ނަފްސަށް ނުވަތަ ގާތް މީހަކަށް މި ބަލި ޖެހުމުން ނުވަތަ ޑޮކްޓަރަށް ދެއްކުމުން އެކަމުގެ އިންޒާރު ލިބުމުންނެވެ. 'ހާޓް ފެއިލިއާ' އޭ ބުނުމުން ގިނަ ބަޔަކަށް ހީވަނީ ކުއްލިއަކަށް ހިތް ހުއްޓި، ލޭ ފޮނުވައިދިނުން މުޅިން ހުއްޓެނީ ކަމަށެވެ. ނަމަވެސް، މިއީ ހިތުން ލޭ ފޮނުވައިދޭ މިންވަރު މަޑުމަޑުން ދަށްވަމުން ގޮސް، ހިތުގެ މަސައްކަތް އެންމެ ފުރިހަމަ ގޮތުގައި ނުކުރެވޭ ހާލަތަށް ބުނާ ނަމެކެވެ. މި ބައްޔާ ގުޅޭގޮތުންނާއި، މިއަށް މެދުވެރިވާ ސަބަބުތަކާ ބެހޭގޮތުން ތިރީގައިވާ މައުލޫމާތުތަކަށް ބައްލަވާލައްވާށެވެ.

ހިތް ހުއްޓުމަކީ ކޮބައި؟ އަދި އޭގެ އިހުސާސްތަކަކީ ކޮބައި؟

ހިތުގެ މައިގަނޑު މަސައްކަތަކީ ހަށިގަނޑުގެ ހުރިހާ ގުނަވަންތަކަށް ބޭނުންވާ އޮކްސިޖަނާއި ހަކަތަ ލޭގެ ޒަރީއާއިން ފޯރުކޮށްދިނުމެވެ. 'ހާޓް ފެއިލިއާ' އަކީ ހަށިގަނޑަށް ބޭނުންވާ މިންވަރަށް ލޭ ފޮނުވައިދިނުމަށް ހިތް ނުކުޅެދުމެވެ. މީގެ ނަތީޖާއެއްގެ ގޮތުން ހަށިގަނޑުގެ އެހެން ގުނަވަންތަކުގެ މަސައްކަތަށް ބުރޫއަރައެވެ.

މި ބަލީގައި ހިތުގެ ވައަތް ފަރާތަށް، ކަނާތް ފަރާތަށް ނުވަތަ ދެފަރާތަށް ވެސް އަސަރުކޮށްފާނެއެވެ. ވައަތް ފަރާތުގެ ހާޓް ފެއިލިއާ ދިމާވަނީ ހިތުގެ މައިގަނޑު ބައި ކަމަށްވާ ލެފްޓް ވެންޓްރިކަލް އަށް މައްސަލައެއް ދިމާވުމުންނެވެ. މީގެ ދެ ބާވަތެއް ހުރެއެވެ. އެއީ ހިތުން ލޭ ބޭރުކުރަން އުނދަގޫވުން (Systolic heart failure) އަދި ހިތް ހަރުވުމުގެ ސަބަބުން ވިންދުތަކުގެ ދެމެދުގައި ހިތަށް ލޭ އެޅެން އުނދަގޫވުން (Diastolic heart failure) އެވެ.

ކަނާތް ފަރާތުގެ ހާޓް ފެއިލިއާ އާންމުކޮށް ދިމާވަނީ ވައަތް ފަރާތުގެ މައްސަލައެއްގެ ސަބަބުންނެވެ. ނަމަވެސް، ފުއްޕާމޭގެ ލޭގެ ޕްރެޝަރު މަތިވުމާއި، ފުއްޕާމޭގެ ނާރެއްގައި ލޭގަނޑުވުން ފަދަ ކަންކަމުގެ ސަބަބުން ވެސް މިކަން ދިމާވެދާނެއެވެ.

ހިތް ބަލިކަށިވަމުންދާ ވަރަކަށް ފެނިދާނެ އަލާމާތްތައް:

• ފައި، ފައިގެ ތަނބިކަށި ނުވަތަ ބަނޑު ދުޅަވުން: ހިތުގެ މަސައްކަތް ދަށްވުމުން ލޭ ދައުރުވުމަށް ހުރަސްއެޅި، ހަށިގަނޑުގެ އެކި ތަންތަނުގައި ފެން ހަރުލާ ގޮތްވެއެވެ.

• ކެއްސުމާއި ނޭވާލާއިރު އަޑުގަދަވުން: ހިތުން ލޭ ރަނގަޅަށް ފޮނުވައި ނުދެވޭނަމަ ފުއްޕާމޭގައި ފެން ހަރުލައި ކެއްސުމަށް މެދުވެރިވެއެވެ.

• ނޭވާ ކުރުވުން: އާންމުކޮށް ކުރާ ކަންކަން ކުރާއިރު (މިސާލަކަށް ހިނގާއިރު) އާދަޔާ ހިލާފަށް ނޭވާ ކުރުވުން.

• ވަރުބަލިވުމާއި ބާރުދެރަވުން: ހަށިގަނޑަށް ބޭނުންވާ އޮކްސިޖަން ނުލިބުމުން ހަކަތަ ދަށްވެ، މާބޮޑަށް ވަރުބަލިވެއެވެ.

• ކަސްރަތު ކުރަން އުނދަގޫވުން: މިއީ ގިނަ ފަހަރަށް ފެންނަ އެންމެ ފުރަތަމަ ނިޝާނެވެ.

• ހިތުގެ ވިންދު އަވަސްވުން ނުވަތަ ހަމަޔަކަށް ނުހުރުން: ހަށިގަނޑަށް ބޭނުންވާ ވަރަށް ލޭ ފޮނުވުމަށްޓަކައި ހިތް މާ ބާރަށް މަސައްކަތް ކުރަން ޖެހުމުން މިކަން ދިމާވެއެވެ.

• ކާހިތްނުވުން: ފުރަމޭ (ލިވަރ) އާއި ހަޖަމުކުރާ ނިޒާމަށް ލޭ ފޮނުވައިދޭ މިންވަރު ދަށްވުމުން މޭނުބައިކުރުމާއި ކާހިތްނުވުން ކުރިމަތިވެއެވެ.

ހިތް ހުއްޓުމަށް މެދުވެރިވާ މައިގަނޑު ސަބަބުތަކާއި ނުރައްކާ އޮތް ކަންތައްތައް:

ހިތަށް ބާރުބޮޑުވާ ނުވަތަ ގެއްލުންވާ ކޮންމެ ހާލަތެއްގައި ހިތް ހުއްޓުމަކަށް މަގުފަހިވެދާނެއެވެ. މީގެ ތެރޭގައި:

1. ކޮރޮނަރީ އާޓަރީ ބަލި: މިއީ ހިތުގެ ނާރުތަކުގައި ކޮލެސްޓްރޯލް ހަރުލައި، ނާރުތައް ހަނިވުމުގެ ސަބަބުން ލޭ ދައުރުވުމަށް ހުރަސްއެޅޭ ބައްޔެވެ. ވަގުތު ފާއިތުވާ ވަރަކަށް މީގެ ސަބަބުން ހިތުގެ މަސްތައް ބަލިކަށިވެއެވެ.

2. ހަކުރު ބަލި: ލޭގައި ހަކުރު ހުންނަންޖެހޭ މިންވަރަށް ވުރެ މަތީގައި ގިނަ ދުވަހު ހުރުމުން، ލޭގެ ޕްރެޝަރު މަތިވުމާއި ހިތުގެ ބަލިތަކަށް މަގުފަހިވެއެވެ.

3. ލޭގެ ޕްރެޝަރު މަތިވުން: މިއީ ހިތް ހުއްޓުމަށް މެދުވެރިވާ އެންމެ އާންމު ސަބަބެވެ. ލޭގެ ޕްރެޝަރު މަތިވުމުން، ލޭ ފޮނުވައިދިނުމަށްޓަކައި ހިތުން އާދަޔާ ހިލާފަށް ބޮޑަށް މަސައްކަތް ކުރަން ޖެހެއެވެ.

4. ހާޓް އެޓޭކް: ހިތަށް ލޭ ފޯރުކޮށްދޭ ނާރެއް ބެދުމުގެ ސަބަބުން ހިތުގެ މަސްތަކަށް ގެއްލުންވުމެވެ. މީގެ ސަބަބުން ހިތުގެ މަސައްކަތް ދަށްވެ، ހާޓް ފެއިލިއާ އަށް މަގުފަހިވެއެވެ.

5. އުފަންވާއިރު ހުންނަ ހިތުގެ އައިބުތައް: ބައެއް ކުދިން އުފަންވާއިރު ހިތުގެ އޮނިގަނޑުގައި ހުންނަ މައްސަލަތަކުގެ ސަބަބުން ލޭ ދައުރުވުމަށް ދަތިވެއެވެ.

6. އިންފެކްޝަންތައް: ބައެއް ކަހަލަ ވައިރަސްތަކާއި ބެކްޓީރިއާގެ ސަބަބުން ހިތުގެ މަސްތަކަށް ނުވަތަ ހިތުގެ ވޭލްތަކަށް ގެއްލުންވެ، ދުޅަވުން (Myocarditis/Endocarditis) މެދުވެރިވެއެވެ.

7. ހިތުގެ ވޭލްގެ ބަލިތައް: ހިތުގެ ވޭލްތައް ރަނގަޅަށް ހުޅުވި ލެއްޕުމަށް އުނދަގޫވުމުން، ހިތަށް ބާރުބޮޑުވެ މަސްތައް ބަލިކަށިވެއެވެ.

8. ވިންދު ހަމަނުވުން (Arrhythmias): ހިތުގެ ވިންދު މާ އަވަސްވުން ނުވަތަ މާ ލަސްވުމަކީ ވެސް ހިތަށް ގެއްލުންވާނެ ކަމެކެވެ.

9. ނިދީގައި ނޭވާ ހުއްޓުން (Sleep Apnea): ނިދާފައި އޮންނައިރު ދޭތެރެއަކުން ނޭވާ ހުއްޓޭ މައްސަލައަކީ ހަށިގަނޑުން އޮކްސިޖަން މަދުކޮށް، ހިތުގެ އޮނިގަނޑަށް ބަދަލު އަންނަ ކަމެކެވެ.

10. މެޓަބޮލިކް ސިންޑްރޯމް: ލޭގެ ޕްރެޝަރު މަތިވުމާއި، ހަކުރު މަތިވުމާއި، ބަނޑު ސަރަހައްދުގައި ސަރުބީ ގިނަވުން ފަދަ ކަންކަން އެކުވުމުން ހިތުގެ ބަލިތަކުގެ ނުރައްކާ ބޮޑުވެއެވެ.

11. ބަނޑުބޮޑު ދުވަސްވަރު ދިމާވާ ހިތުގެ މައްސަލަތައް: މިއީ ވަރަށް މަދުން ނަމަވެސް ބަނޑުބޮޑުވުމުގެ ފަހު މަހު ނުވަތަ ވިހެއުމަށްފަހު ފުރަތަމަ މަސްތަކުގައި ހިތް ބަލިކަށިވާ ހާލަތެކެވެ.

12. ބޭސްތައް: ބައެއް ކަހަލަ ތަދުކަނޑުވާ ބޭސްތަކާއި، ކީމޯތެރަޕީ ބޭސްތަކުގެ ސަބަބުން ވެސް ހިތަށް ގެއްލުންވެދާނެއެވެ.

ނުރައްކާ އެންމެ ބޮޑީ ކޮން ބަޔަކަށް؟

• އުމުރު: 65 އަހަރުން މަތީގެ މީހުންނަށް މި ނުރައްކާ ބޮޑެވެ.

• އާއިލީ ތާރީޚު: އާއިލާގެ މީހަކަށް ހިތުގެ ބަލި ޖެހިފައިވާނަމަ، އެ ނުރައްކާ އިތުރުވެއެވެ.

• ދިރިއުޅުމުގެ އާދަތައް: ދުންފަތުގެ އިސްތިއުމާލުކުރުމާއި، ބޯކޮށް ބަނގުރާ ބުއިމާއި، އަބަދު ހާސްކަމުގެ (Stress) ތެރޭގައި އުޅުމަކީ ހިތަށް ވަރަށް ބޮޑަށް ގެއްލުންވާ ކަންކަމެވެ.

ޑޮކްޓަރަށް ދައްކަންވީ ކޮން އިރަކު؟

ހިތުގެ އެއްވެސް އަލާމާތެއް ފެންނަނަމަ ވީހާވެސް އަވަހަކަށް ލަސްނުކޮށް ޑޮކްޓަރަށް ދައްކަންވާނެއެވެ. ހިތް ހުއްޓުމަކީ ފަރުވާ ނުކޮށްފިނަމަ ދުވަހެއް ދުވަހަކަށް ގޯސްވާނެ ކަމެކެވެ.

ފަރުވާގެ މައިގަނޑު ބޭނުމަކީ ބަލި އިތުރަށް ގޯސްވިޔަނުދީ ހިފެހެއްޓުމެވެ. މީގެ ތެރޭގައި ޑޮކްޓަރު ދޭ ބޭސްތައް ގަވާއިދުން ބޭނުންކުރުމާއި، ދިރިއުޅުމުގެ އާދަތަކަށް ބަދަލު ގެނައުން ހިމެނެއެވެ. މިސާލަކަށް ކެއުމުގައި ލޮނު މަދުކުރުމާއި، ކޮންމެ ދުވަހަކު ކުޑަކޮށް ހިނގާލުން ފަދަ ކަންކަމެވެ.

ހިތް ހުއްޓުމަކީ ސީރިއަސް މައްސަލައެއް ނަމަވެސް، އެކަމަށް މަގުފަހިވާ ކަންކަން ދެނެގަނެ، ދުޅަހެޔޮ ދިރިއުޅުމަކަށް އާދަކުރުމަކީ ހިތުގެ ސިއްހަތު ސަލާމަތްކުރުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅެވެ.

ވީހާވެސް އަވަހަކަށޤ ޑޮކްޓަރަށް ދެއްކުން

ހިތުގެ މައްސަލަތަކެއް ހުރި ކަމަށް ޝައްކުކުރެވޭނަމަ، ވީހާވެސް އަވަހަކަށް ޑޮކްޓަރަށް ދައްކަންވާނެވެ.

ފަރުވާނުދީ ދޫކޮށްލައިފިނަމަ، ވަގުތު ފާއިތުވާ ވަރަކަށް ހިތް ހުއްޓުމުގެ (Heart failure) މައްސަލަ އިތުރަށް ގޯސްވަމުންދެއެވެ. ޑޮކްޓަރ ޝާހް ބަޔާންކުރައްވާ ގޮތުގައި، ބަލީގެ އެއް މަރުހަލާއިން އަނެއް މަރުހަލާއަށް ބަދަލުވާން މެދުވެރިވާ ސަބަބުތަކަކީ ކަނޑައެޅިގެން ސާފުކޮށް އެނގެން ހުރި ކަންތައްތަކެއް ނޫނެވެ. ނަމަވެސް، ހިތް ހުއްޓުމަށް މަގުފަހިވާ ކަންތައްތައް ހުރެމެ، އެކަންކަން ކޮންޓްރޯލް ކުރުމަށް ފިޔަވަޅު ނާޅާނަމަ (މިސާލަކަށް ލޭގެ ޕްރެޝަރު މަތިވުން ފަދަ ކަންކަމަށް ފަރުވާ ނުކުރުން)، ބަލީގެ ނުރައްކާ ބޮޑު މަރުހަލާއަކަށް ދިއުމުގެ ފުރުސަތު ބޮޑެވެ.

ކެލިފޯނިއާގެ މެމޯރިއަލް ކެއަރ ސެޑްލްބެކް މެޑިކަލް ސެންޓަރުގެ ކާޑިއޮލޮޖިސްޓް ޑޮކްޓަރ ޗެންގް-ހާން ޗެން ވިދާޅުވާ ގޮތުގައި، "ހިތް ހުއްޓުމުގެ މައްސަލަ ދިމާވާން ފެށުމުން، އަޅުގަނޑުމެންގެ އެންމެ މައިގަނޑު އަމާޒަކީ އެކަން އިތުރަށް ގޯސްވިޔަނުދީ ހިފެހެއްޓުމެވެ."

ތިބާގެ ކިބައިން ފެންނަ އަލާމާތްތަކުގެ ސަބަބުން 'ހާޓް ފެއިލިއާ' ޖެހިފައިވާކަން އެނގިއްޖެނަމަ، ޑޮކްޓަރު ތިބާއަށް ހާއްސަ ފަރުވާގެ ޕްލޭނެއް އެކުލަވާލަދޭނެއެވެ. މީގެ ތެރޭގައި ބޭސް ބޭނުންކުރުމާއި ދިރިއުޅުމުގެ އާދަކާދަތަކަށް ބަދަލުތައް ގެނައުމަށް ލަފާދިނުން ހިމެނެއެވެ. މިސާލަކަށް، ކާނާގައި ލޮނު (ސޯޑިއަމް) ބޭނުންކުރާ މިންވަރު މަދުކުރުމާއި، ހަށިގަނޑުގެ ހަރަކާތްތެރިކަން އިތުރުކުރުމަށްޓަކައި ދުވާލަކު ހިނގާލަންދާ މިންވަރު އިތުރުކުރުން ހިމެނެއެވެ. ޑޮކްޓަރ އިއަރު އިތުރަށް ވިދާޅުވާ ގޮތުގައި، ހިތް ހުއްޓުމުގެ މައްސަލަ ހުންނަ މީހުން ކޮންމެ ދުވަހަކުވެސް އެމީހުންގެ އަލާމާތްތައް ހުންނަ ގޮތް ބަލައި ނޯޓުކުރަންވާނެއެވެ. އޭރުން ސިއްހީ ފަރުވާދޭ ޓީމާ އެކަމާ ބެހޭގޮތުން މަޝްވަރާކުރަން ފަސޭހަވާނެއެވެ.

ހިތް ހުއްޓުމަކީ ނުރައްކާތެރި ހާލަތެއްކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ. ނަމަވެސް، މި ބަލި ޖެހުމަށް މަގުފަހިވާ ކަންތައްތަކާ ބެހޭ މައުލޫމާތު އޮޅުންފިލުވުމަކީ، ހާއްސަކޮށް އާއިލާގައި ހިތުގެ ބަލިތަކުގެ ތާރީޚެއް އޮތްނަމަ، ހިތުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް އެޅޭނެ ވަރަށް މުހިންމު ފިޔަވަޅެކެވެ.



ކިޔުންތެރިންގެ ހިޔާލު