އިންސާނާގެ ނަފްސާނީ ހަމަޖެހުން ގެއްލުވާލަނީ ހަމައެކަނި ބޮޑެތި އަދި ވަރުގަދަ ޒުވާބުތަކަކުން ނޫން، ވަރަށް ކުދި ކުދި ދެބަސްވުންތަކުންވެސް އެ ހަމަޖެހުން ނަގާލެވޭ
އިންސާނާގެ ނަފްސާނީ ހަމަޖެހުން ގެއްލުވާލަނީ ހަމައެކަނި ބޮޑެތި އަދި ވަރުގަދަ ޒުވާބުތަކަކުން ނޫން، ވަރަށް ކުދި ކުދި ދެބަސްވުންތަކުންވެސް އެ ހަމަޖެހުން ނަގާލެވޭ
އިންސާނާގެ ނަފްސާނީ ހަމަޖެހުން ގެއްލުވާލަނީ ހަމައެކަނި ބޮޑެތި އަދި ވަރުގަދަ ޒުވާބުތަކަކުން ނޫނެވެ. ބައެއް ފަހަރު ވަރަށް ކުދިކުދި ދެބަސްވުންތަކުގެ ސަބަބުން ވެސް މާ ބޮޑަށް ފިކުރުބޮޑުވެ، ހާސްކަމުގެ ތެރެއަށް ވެއްޓޭ ގޮތްވެއެވެ. މިސާލަކަށް، ރަހުމަތްތެރިއަކު ތިބާގެ ކަމަކަށް ފާޑުކިޔައިފިނަމަ، ކުއްލިއަކަށް އެމީހާ ތިބާދެކެ ފޫހިވަނީ ކަމަށް ނުވަތަ އަބަދުވެސް ތިބާދެކެ ނުރުހުންވެފައި ހުންނަނީ ކަމަށް ގަބޫލުކުރެވެން ފަށައެވެ. ބައިވެރިޔާއާ ކުޑަކުޑަ ކަމަކާ މެދު ބަހުގެ ހަމަލާއެއް ބަދަލުކުރެވުމުން، ގަޑިއިރުތަކެއް ފަހުން ވެސް އޭނާ ވާހަކަދެއްކި ރާގާ މެދު ވިސްނައި، ގުޅުން ކެނޑިދާނެ ކަމުގެ ބިރުވެރިކަމެއްގައި ހުރެވިދާނެއެވެ.

ނަފްސާނީ ތަޖުރިބާކާރުން ބަޔާންކުރާ ގޮތުގައި، މިފަދަ މާބޮޑަށް ދެރަވެ ނުވަތަ ބިރުގަންނަ ގޮތް ދިމާވަނީ (catastrophizing)، ވެފައިވާ ކުޑަ ކަންތަކަށްވުރެ ބޮޑަށް، ތިބާގެ ނާރުތަކުގެ ނިޒާމު (nervous system) އެ ދެބަސްވުން މާނަކުރާ ގޮތުގެ ސަބަބުންނެވެ. ކަންކަމުގައި ގޯސް ނަތީޖާއެއް ނިކުމެދާނެ ކަމަށް އަވަސް އަރުވާލައިގެން ނިންމުމަކީ، ކުއްލިއަކަށް ލިބިދާނެ ލަދަކުން ނުވަތަ ހިތާމައަކުން ސަލާމަތްވުމަށް ސިކުނޑި ބޭނުންކުރާ ދިފާއީ އުކުޅަކަށް ވެދާނެއެވެ. އަދި މިއީ ތިބާ މާ ބޮޑަށް ލޯބިވާ ނުވަތަ އަޅާލާ މީހަކަށް ދެރައެއް ދެވިދާނެތީ ހާސްވާ ހާސްވުމަކަށް ވެސް ވެދާނެއެވެ.

"އިންސާނުންނަށް ރައްކާތެރިކަން އިހުސާސްވަނީ އެހެން މީހުންނާ އޮންނަ ގުޅުމުގެ ތެރެއިން. އެހެންކަމުން އެ ގުޅުމަށް އަންނަ ކުޑަ ލޮޅުމަކުން ވެސް އަމިއްލަ ރައްކާތެރިކަން ގެއްލުނު ކަމުގެ އިހުސާސް ކުރެވޭ،" ލޮސް އެންޖެލިސްގެ ސޮމެޓިކް ޓްރޯމާ ތެރަޕިސްޓެއް ކަމަށްވާ ކްލޯއީ ބީން ވިދާޅުވެފައިވެއެވެ.

ކްލޯއީ ވިދާޅުވާގޮތުގައި ދެބަސްވުމަކަށްފަހު ތިމާގެ ސިކުނޑީއާއި ހިތުތެރޭ އުފެދިގެން އަންނަ ހާސްކަމާއި ނުތަނަވަސްކަމުން، ކުރިމަތިވެދާނެ އެންމެ ގޯސް ނަތީޖާއަށް ހަމަޔަށް ތިމާގެ ސިކުނޑި ދަތުރުކުރާނެއެވެ.

"މިހާރު ދިމާވެފައިވާ ކުޑަ ހާސްކަމުން، ކުރިމަތިވެދާނެ އެންމެ ގޯސް ނަތީޖާއަށް ސިކުނޑި ދަތުރުކުރޭ. 'އަހަރެމެންނަށް ދެބަސްވެވިއްޖެ' މި ޚިޔާލު ބަދަލުވަނީ 'މި ގުޅުން ކެނޑިދާނެ' ފަދަ ނުރައްކާތެރި ޚިޔާލަކަށް."ކްލޯއީ ބީން ވިދާޅުވެފައިވެއެވެ.

ތެރަޕިސްޓުންގެ ނަޒަރުގައި މިފަދަ ޚިޔާލުތަކަކީ ވަކި މިންވަރަކަށް އާދައިގެ ކަމެއް ކަމުގައިބެލެވިފައިވީ ނަމަވެސް، ކުދިކުދި ކަންކަމާ މެދު މާ ބޮޑަށް ފިކުރުކުރުމުގެ މައްސަލައަކީ، އެނުތަނަވަސްކަމުގައި ދުވަހަކުވެސް ދިމާނުވެދާނެ މުސްތަގުބަލަކާ މެދު ބިރުގަނެ، މުޅި ރެއާއި ދުވާލުގެ ވަގުތުތަކާއި ނަފްސާނީ ހަކަތަ ބޭކާރުވެގެން ދިއުމެވެ. މިއީ އަޅުގަނޑުމެން މިދިވެހި މުޖުތަމުގައިވެސް ތަހައްމަލް ކުރަންޖެހިފައިވާ ކަމެކެވެ. ނަފްސާނީ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މިކަން މެދުވެރިވާ ގިނަ ސަބަބުތަކެއް ވެއެވެ.

ކުޑަ ދެބަސްވުމަކަށްފަހުވެސް ހާސްވެ ފިކުރު ބޮޑުވާން މެދުވެރިވާ ސަބަބުތައް

1. ކުޑައިރުގެ ގުޅުންތަކުން ލިބިފައިވާ ޒަޚަމްތައް:

ލޮސް އެންޖެލިސްގެ ތެރަޕިސްޓް ނެޓަލީ މޫރް ބަޔާންކުރާ ގޮތުގައި، ކުޑަ ދެބަސްވުމަކަށްފަހު މާ ބޮޑަށް ހާސްވާނަމަ، މިއީ ކުޑައިރު ބެލެނިވެރިންގެ ފަރާތުން ލިބެންޖެހޭ އަޅާލުމާއި ރައްކާތެރިކަން އެންމެ ފުރިހަމައަށް ނުލިބުމުގެ ނަތީޖާއަކަށް ވެދާނެއެވެ. ފަހަރުގައި ތިބާ ކުޑައިރު، ހިތްހަމަނުޖެހޭ ކަމެއް ފާޅުކުރުމުން އެކަމާ މީހުން މަލާމާތްކޮށް ލަދުގަންނުވާލީ ކަމަށް ވެދާނެއެވެ. ނުވަތަ ބެލެނިވެރިންގެ މެދުގައި ހިނގާ ދެބަސްވުންތަކަކީ އަބަދުވެސް ވަރަށް ބާރަށް ހަޅޭއްލަވައި ކަންތައް ބޮޑުވާ ކަންކަމަށް ވެފައި އޮވެދާނެއެވެ.

މީގެ އިދިކޮޅަށް، ދެބަސްވުންތަކާ ކުރިމަތިލާން ފަސޭހަ މީހުންނަކީ، ދެބަސްވުމަކީ ދިރިއުޅުމުގެ އާދައިގެ ސިއްހަތު ރަނގަޅު ބައެއްގެ ގޮތުގައި ބަލައިގަންނަ މާހައުލެއްގައި ބޮޑުވެފައިވާ މީހުންނެވެ. ލޯބިވާ މީހުންނާ އަބަދު އެއްބަސްވެގެން ނޫޅެވޭނެ ކަމާއި، އަބަދު އެންމެންނާ ގަބޫލުވެގެން ނޫޅުނަސް ލޯބި ލިބޭނެކަން އެމީހުންނަށް އޮންނަނީ ދަސްވެފައެވެ.

2. ވަކިވެދާނެ ކަމުގެ ބިރު (Abandonment trauma):

ގިނަ ފަހަރަށް މިފަދަ ގޯސް ވިސްނުންތައް އުފެދެނީ މިހާރު ވީ ކަމަކުން ނޫނެވެ. އެއީ މާޒީގައި ކުރެވިފައިވާ ތަޖުރިބާއެއްގެ ސަބަބުންނެވެ. ކުރީގެ ގުޅުމެއްގައި ކުޑަ ދެބަސްވުމަކަށްފަހު ބައިވެރިޔާ ވަކިވެފައިވުން ނުވަތަ ރަހުމަތްތެރިއަކު ކުއްލިއަކަށް ގުޅުން ކަނޑާލާފައިވުން ފަދަ ކަންކަމުގެ ސަބަބުން، ކޮންމެ ދެބަސްވުމަކީ ވަކިވުމުގެ ފެށުން ކަމަށް ސިކުނޑި ގަބޫލުކުރަނީއެވެ.

3. ކަންކަން ކޮންޓްރޯލް ކުރަން ބޭނުންވުން:

ދެބަސްވުންތަކުގެ ސަބަބުން ކަންކަން ވާނެ ގޮތެއް ނޭނގޭ ހާލަތެއް އުފެދެއެވެ. އަނެކާ "މައްސަލައެއް ނެތް" ކަމަށް ބުންޏަސް، "އޭނާ ހަމަ ހަގީގަތުގައިވެސް ހިތްހަމަޖެހޭބާ؟"، "އަހަރެމެންގެ ގުޅުން ބަދަލުވީބާ؟" ފަދަ ސުވާލުތައް ހިތަށް އަރައެވެ. މިފަދަ ހާލަތްތަކުގައި ސިކުނޑި އެންމެ ގޯސް ނަތީޖާތައް ސިފަކުރަން ފަށަނީ، އެކަމަށް ތައްޔާރުވެ ހުރުމުގެ ގޮތުންނެވެ. ނަމަވެސް މިއީ ހަގީގަތެއް ނެތް ބިރުވެރިކަމެއް އުފައްދާ ކަމެކެވެ.

މިކަމުން ސަލާމަތްވުމަށް ކުރެވިދާނެ ކަންތައްތައް:

• "އަބަދުވެސް"، "ދުވަހަކުވެސް"، "ހަލާކުވެއްޖެ" ފަދަ މާ ބޮޑުކޮށް ވާހަކަދައްކާ ބަސްތަކަށް ސަމާލުވާށެވެ. އަދި އަމިއްލަ ނަފްސާ ސުވާލުކުރާށެވެ: "އޭނާ އަދިވެސް ހިތްހަމަނުޖެހިފައި ހުރިކަމުގެ ކޮން ހެއްކެއް ހުރި ހެއްޔެވެ؟"

• ހާސްކަން އިތުރުވާނަމަ، އެކަމާ މެދު ސީދާ ވާހަކަދައްކާށެވެ. އެކަނި އިނދެ ފިކުރުކުރުމުގެ ބަދަލުގައި، "ރޭގައި ވީ ކަމަކުން އަދިވެސް އަހަރެން ކުޑަކޮށް ހާސްވޭ، އެކަމާ އަލުން ވާހަކަދައްކާލެވިދާނެތަ؟" ފަދައިން ބުނުމަކީ ގުޅުން ވަރުގަދަކޮށްދީ، ހިތްހަމަޖެހުން ހޯދައިދޭނެ ކަމެކެވެ. ކުޑަ ހިތްނުތަނަވަސްކަމަކީ ބޮޑު މުސީބާތެއް ނޫންކަން ގަބޫލުކުރަން ދަސްކުރާށެވެ.



ކިޔުންތެރިންގެ ހިޔާލު