ބީއެމްއެލް ކުރިމަތިން ބިން ހިއްކައި ޕާކިންގް ޒޯނެއް ހެދުން
ބީއެމްއެލް ކުރިމަތިން ބިން ހިއްކައި ޕާކިންގް ޒޯނެއް ހެދުން
ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ މަޝްރޫޢުގެ ދަށުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހެޑް އޮފީސް ކުރިމަތީގައި އޮތް ފަޅުން ބައެއް ހިއްކައިގެން ޕާކިންގ ޒޯނެއް ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތަކީ ބޮޑުތަކުރުފާނު މަގު 14 މީޓަރަށް ފުޅާކޮށް، މާލޭގެ މާރުކޭޓު ސަރަހައްދުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް ހަތަރު ލޭނަށް މަގު ބަދަލުކުރުމަށް ކުރިއަށްގެންދާ ބޮޑު މަޝްރޫޢުގެ ބައެކެވެ. މިހާރު މަސައްކަތް ކުރިއަށްދަނީ ހެންވޭރު ސަރަހައްދުގައެވެ. އެގޮތުން މާގިރި ހޮޓަލުން ފެށިގެން ބީއެމްއެލް ހެޑް އޮފީހާ ހަމައަށް އޮތް މަގުގެ ބައި މިހާރު ވަނީ އާންމު ދަތުރުފަތުރަށް ބަންދުކޮށްފައެވެ.

އެމްޓީސީސީން ބުނީ، ފަޅުން ބައެއް ހިއްކުމަށް ނިންމާފައިވަނީ ފޮރިން މިނިސްޓްރީ ހުންނަ ސަރަހައްދުން ފެށިގެން ސިޓީ ގާޑަން ރެސްޓޯރަންޓާ ހަމައަށެވެ. މިގޮތަށް ހިއްކާ ބިން ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ޕާކިންގ ޒޯނެއް ހެދުމަށެވެ.

މި މަޝްރޫޢުގެ ތެރެއިން މިހާރު ކުރިއަށްދަނީ ޝީޓް ޕައިލް ކުރުމުގެ މަސައްކަތެވެ. މި ސަރަހައްދުގައި ޖުމްލަ 560 މީޓަރުގެ ޝީޓް ޕައިލް ކުރަން ޖެހޭއިރު، އޭގެ ތެރެއިން 260 މީޓަރުގެ މަސައްކަތް މިހާރު ވަނީ ނިންމާފައެވެ. މަގު ފުޅާކުރުމަށް ބިން ހިއްކި ނަމަވެސް، ހިއްކާ ސަރަހައްދާއި ބޭރު ތޮށިގަނޑާ ދެމެދު ކުދި އުޅަނދުފަހަރަށް ވަދެ ނިކުމެވޭނެ ފަދަ ކަނޑުއޮޅިއެއް އޮންނާނެ ކަމަށް އެމްޓީސީސީން ކަށަވަރު ކޮށްދެއެވެ.

ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމުގެ މަޝްރޫޢު ބަހާލާފައިވަނީ ޖުމްލަ ފަސް ފިޔަވައްސަކަށެވެ. މީގެ ތެރެއިން ރަސްމީ ފާލަމުން ފެށިގެން އެމްއެމްއޭއާ ހަމައަށް ކުރިއަށްގެންދިޔަ ފުރަތަމަ ފިޔަވަހި މިދިޔަ ޑިސެމްބަރު މަހު ވަނީ ނިންމާފައެވެ. އަދި އުތުރު ބަނދަރާ ހަމައަށް ކުރިއަށްގެންދިޔަ ދެވަނަ ފިޔަވަހީގެ މަސައްކަތް ވަނީ ފެބުރުއަރީ މަހުގެ ތެރޭގައި ނިންމާލާފައެވެ.

މި މަޝްރޫޢަކީ 144 މިލިއަން ރުފިޔާއަށް، 455 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަސައްކަތެކެވެ.



ކިޔުންތެރިންގެ ހިޔާލު