އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް، އެ ޕާޓީގެ އެތެރޭގެ އިންތިހާބާ ގުޅޭގޮތުން ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރައްވައިފިއެވެ.

މީކާއިލް ވިދާޅުވި ގޮތުގައި، ވަކި ރިޔާސީ ކެންޑިޑޭޓަކަށް ތާއީދުކުރާނެކަން ކުރިއާލާ އިއުލާންކޮށްފައިވާ ބޭފުޅަކު ޕާޓީގެ އިސް ހިންގުންތެރިއަކަށް ހޮވިއްޖެ ނަމަ، ޕާޓީގެ ތެރޭގައި އޮންނަ ބައިބައިވުންތައް ނުހުއްޓި އަބަދުވެސް ދެމިއޮންނާނެއެވެ.

މީކާއިލްގެ މި ފާޑުކިޔުންތައް ބޮޑަށް އަމާޒުކުރައްވާފައިވަނީ އޭނާއާ ވާދަކުރައްވާނެ ކަމަށް ބެލެވޭ ކުރީގެ ރައީސް މުހައްމަދު ނަޝީދަށެވެ. ރައީސް ނަޝީދު ވަނީ ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް ގެންނަން ބޭނުންވާކަން ހާމަކުރައްވާފައެވެ.

މީކާއިލް ދެކެވަޑައިގަންނަވާ ގޮތުގައި، މިފަދަ "ކޮމިޓްމަންޓެއް" އޮތް ބޭފުޅަކު ޗެއާޕާސަންގެ މަގާމުގައި ހުރެގެން ޕާޓީގެ ޕްރައިމަރީތައް އިންސާފުވެރިކަމާއެކު ރާވައި ހިންގުމަކީ އާންމު މެމްބަރުންގެ މެދުގައި ސުވާލު އުފެދޭނެ ކަމެކެވެ.

މީގެ އިތުރުން، އޭނާއަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތާއީދާއެކު ނުކުމެ ހުރި "އެޖެންޓެއް" ކަމަށް ދެކެވޭ ވާހަކަތައް މީކާއިލް ވަނީ ކަނޑައެޅިގެން ދޮގުކުރައްވާފައެވެ.

އޭނާ ވިދާޅުވީ އޭނާ މަސައްކަތް ކުރަނީ ވަކި މީހަކު ލީޑަޝިޕަށް ނުވަތަ ވެރިކަމަށް ގެންނަން ނޫން ކަމަށާއި، ބޭނުންވަނީ 50,000 މެމްބަރުންގެ ހައްގުގައި ޕާޓީ އިސްލާހުކޮށް، 2028 ވަނަ އަހަރުގެ އިންތިހާބު ކާމިޔާބު ކުރެވޭނެ ބަދަހި ލީޑަޝިޕެއް ގާއިމުކުރުން ކަމަށެވެ.

އުމުރުން 33 އަހަރުގެ މީކާއިލް ވަނީ އޭނާގެ ތަޖުރިބާއާ މެދު ސުވާލު އުފައްދާ ފަރާތްތަކަށް ވެސް ރައްދު ދެއްވާފައެވެ.

އޭނާ ވިދާޅުވީ ސިޔާސީ ތަޖުރިބާ މިނަންވާނީ އުމުރުން ނޫން ކަމަށާއި، ޕާޓީގެ އެންމެ ދަށް ފަންތިން ފެށިގެން މިއަދާ ހަމައަށް އޭނާ ކުރި 16 އަހަރުގެ މެދުކެނޑުމެއް ނެތް މަސައްކަތަކީ އޭގެ ހެކި ކަމަށެވެ.

އޭނާގެ އުންމީދަކީ ޕާޓީގެ އިސް ސަފުގައި ތިއްބެވި ލީޑަރުންގެ އެކުވެރިކަން އަލުން ދައްކައި، ބަދަހި އާއިލާއެއްގެ ގޮތުގައި އެމްޑީޕީ ކުރިއަށް ގެންދިއުމެވެ.



ކިޔުންތެރިންގެ ހިޔާލު