މަރްޔަމް ނަހްދާ ވަޙީދު   25 އޭޕްރީލު 2026 - 17:56
ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް-
ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް-
މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމަށް އަމާޒުކޮށް މީހަކު ހަމަލާދޭން މަސައްކަތްކުރި ހާދިސާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ރޭ މާލޭގައި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމް.ޑީ.ޕީ) އިން ބޭއްވި މުޒާހަރާގެ ތެރެއިންނެވެ. މޭޔަރު އާޒިމަށް މީހަކު ހަމަލާދޭން މަސައްކަތްކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވައިރަލް ވެފައިވާއިރު، އެ ވީޑިއޯ ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަތުމާ ގުޅިގެން، ރައީސް އޮފީހުން ވަނީ އެކަން ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ.

ރައީސް އޮފީހުން ހާމަކުރި ގޮތުގައި، މާލޭ ސިޓީގެ މޭޔަރަކީ ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިޚާބުކޮށްފައިވާ ބޭފުޅަކަށް ވީހިނދު، އެމަނިކުފާނަށް ނުވަތަ އެއްވެސް ސިޔާސީ ލީޑަރަކަށް އެބޭފުޅެއްގެ ސިޔާސީ މަސައްކަތުގައި ނުވަތަ އަމިއްލަ ދިރިއުޅުމުގައިވެސް ހަމަލާދީ، މަސައްކަތަށް ހުރަސްއެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އަދި ކޮންމެ ރައްޔިތަކަށްމެ ބިރުވެރިކަމެއް ނެތް، އަމާން މާހައުލެއް ޤާއިމުކޮށްދިނުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސް އޮފީހުން ވަނީ ދެއްވާފައެވެ.

މި ހާދިސާއާ ގުޅިގެން ޗީފް ގަވަރންމަންޓް ސްޕޯކްސްޕަރސަން މުޙައްމަދު ޙުސައިން ޝަރީފް މީޑިއާއަށް ދެއްވި ބަޔާނެއްގައި ވިދާޅުވީ، މި ހަމަލާއަކީ ސަރުކާރުން ކޮށްފައިވާ ކަމެއް ކަމަށް މޭޔަރު އާޒިމް ތުހުމަތު ކުރެއްވުމަކީ ހައިރާންވާ ކަމެއް ކަމަށެވެ. މިއީ ސަރުކާރާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫން ކަމަށާއި،

މޭޔަރު ދައްކަވަނީ އެއްވެސް ހެއްކެއް ނެތް ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ. މިފަދަ ދަށު ދަރަޖައިގެ ތުހުމަތުތައް ސަރުކާރަށް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ތަރުޖަމާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މި ހާދިސާ ހިނގި ފަހުން މިހާތަނަށްވެސް އެމް.ޑީ.ޕީގެ ފަރާތުން ނުވަތަ މާލެ ސިޓީ ކައުންސިލުންވެސް މިކަމުގެ މަޢުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައި ނުވާތީ ތަރުޖަމާނު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ، މުޖުތަމަޢުގެ ސަލާމަތްތެރިކަން ބެލެހެއްޓުމުގެ ޤާނޫނީ މަސްއޫލިއްޔަތު އޮތް މުއައްސަސާއަށް މިފަދަ ކަންކަން ރިޕޯޓު ނުކުރުމަކީ ފުލުހުންގެ ޒިންމާ އަދާކުރުމަށް އެޅޭ ހުރަހެއް ކަމަށެވެ. ނަމަވެސް، މީސް މީޑިއާއިން ވީޑިއޯ ފެނުނު ހިސާބުން ފުލުހުން މިހާރު އަމިއްލަ އިސްނެންގެވުމުގެ މަތިން މި މައްސަލަ ތަޙުޤީޤުކުރަން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މޭޔަރުގެ ސެކިއުރިޓީއާ ގުޅޭގޮތުން ތަރުޖަމާނު ވިދާޅުވީ، މޭޔަރަކީ އެދިވަޑައިގެންފިނަމަ ދައުލަތުން ސެކިއުރިޓީ ލިބޭނެ ބޭފުޅެއް ކަމަށެވެ. އަދި ދައުލަތުގެ އިސް މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް އޮތް ނުރައްކާ ބެލުމަށް ފުލުހުން އަބަދުވެސް 'ތްރެޓް އެސެސްމަންޓް' ހައްދަވަމުން ގެންދަވާނެ ކަމަށާއި، އެއްވެސް ނުރައްކަލެއް އޮތް ކަމަށް ފާހަގަކުރެވިއްޖެނަމަ ފުލުހުން އިސްވެ ސެކިއުރިޓީގެ ކަންކަން ހަމަޖައްސަވައިދެއްވާނެ ކަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު