ޑިޓޮކްސް ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ނޫން މީގެ ސަބަބުން ފައިދާއަށްވުރެ ބޮޑަށް ވަނީ ގެއްލުން
ޑިޓޮކްސް ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ނޫން މީގެ ސަބަބުން ފައިދާއަށްވުރެ ބޮޑަށް ވަނީ ގެއްލުން
ގޮހޮރުގެ ދުޅަހެޔޮކަމާ ގުޅޭ އާ އާދަކާދައެއް ސޯޝަލް މީޑިއާގައި އެކި ދުވަސް ވަރު މަގުބޫލުވެގެންދެއެވެ. ސީ-މޮސް ޖެލް، ކަށި މަސް ފެން (bone broth)، ޕްރޯބަޔޮޓިކް މޫސް ނުވަތަ ފައިބަރ ގިނަކުރުން ފަދަ ކަންކަމެވެ. ބައެއް ފަހަރު މިފަދަމަ ވީޑިއޯތައް ބަލާލުމަށްފަހު، މިއީ ހަމަ ހަގީގަތެއް ބާވައޭ ހިތަށް އަރާފާނެއެވެ.

މިހާރަކަށް އައިސް ގިނަ ބަޔަކު ގޮހޮރުގެ ދުޅަހެޔޮކަމަށް ބޮޑު ސަމާލުކަމެއް ދެނީ، އޭގެ ސަބަބުން މުޅި ހަށިގަނޑުގެ ދުޅަހެޔޮކަމަށް ކުރާ އަސަރު ބޮޑުކަން ހާމަވަމުންދާތީއެވެ. "ގޮހޮރުގެ ސިއްހަތާއި އޭގެ މަސައްކަތްތަކަކީ ހަމައެކަނި ބޮޑުކަމުދާ ތަކެތި ބޭރުކުރުމަށްވުރެ މާ ފުޅާ ދާއިރާއެއްގައި މުޅި ހަށިގަނޑަށް އަސަރުކުރާ ކަމެއް،" ގަސްގަހާގެހިން ލިބޭ ކާނާއަށް ހާއްސަ ޑައިޓީޝަން ޑެސިރޭ ނީލްސަން ބުނެއެވެ. ނަފްސާނީ ބުރަ ކުޑަވުމާއި މިޒާޖު ރަނގަޅުވުމަކީ ވެސް ގޮހޮރުގެ ސިއްހަތާ ގުޅިފައިވާ ކަންކަމެވެ.

ނަމަވެސް، ގޮހޮރުގެ ސިއްހަތަށް ބެލުމަކީ ސޯޝަލް މީޑިއާގައި ފެންނަ ކޮންމެ އާ ކަމެއް ކުރުމެއް ނޫނެވެ. މާހިރުން ބުނާ ގޮތުގައި ގިނަ ފަހަރަށް އެފަދަ ކަންކަމާ ދުރުވުމަކީ އެންމެ ބުއްދިވެރި ގޮތެކެވެ. "އިންޓަރނެޓަކީ އެއްވެސް ކޮންޓްރޯލެއް އޮތް ތަނެއް ނޫން، އެހެންވީމާ ކޮންމެ މީހަކަށް ވެސް ކޮންމެ އެއްޗެކޭ ވެސް ބުނެވިދާނެ،" ނިއުޔޯކް ޔުނިވަރސިޓީގެ ގެސްޓްރޯއެންޓްރޮލޮޖިސްޓް ޑރ. ލީސާ ގަންޖޫ ބުނެއެވެ. އޭނާ އިތުރަށް ހަނދާންކޮށްދެނީ، މީހެއްގެ ފޮލޯވަރުން ގިނަވުމަކީ އެއީ ސިއްހީ މާހިރަކަށް ވުމެއް ނޫން ކަމެވެ.

މިކަމާ ގުޅޭގޮތުން ފެތުރިފައިވާ ކުށްހީތަކާއި ހަގީގަތް ވަކިކުރުމަށްޓަކައި، ގޮހޮރުގެ ސިއްހަތާ ބެހޭ ބައެއް މާހިރުންނާ ސުވާލުކޮށް، އެންމެ އާންމުކޮށް އިވޭ ދޮގު ވާހަކަތަކަކީ ކޮބައިތޯ ބެލުމަށް ސެލްފް މެގަޒިން އިން ވަނީ ވަރަށް އަގުހުރި މައުލޫމާތު ތައް ހިއްސާކޮށްފައެވެ. އެގޮތުން ސޯޝަލް މީޑިއާގައި އާންމުވެފައިވާ ބައެއް ގަބޫލުކުރުންތަކާ ބެހޭގޮތުން ހަތަރު މާހިރަކު ދެއްވާ އިރުޝާދުތަކަށް ބަލާލާނަމެވެ.

1. ކޮންމެ ދުވަހަކު މަދުވެގެން އެއްފަހަރު ބޮޑުކަމުދާން ޖެހޭނެ

ބޮޑުކަމުދާ ތަކެތި ބޭރުވާ މިންވަރާއި އޭގެ ސިފައަކީ ގޮހޮރުގެ ސިއްހަތު ދެނެގަތުމަށް ބޭނުންކުރެވިދާނެ މުހިންމު މިންގަނޑެކެވެ. ނަމަވެސް، މީގެ މިންވަރު މީހަކާއި މީހަކާ ތަފާތުވެދާނެއެވެ.

ޑރ. ގަންޖޫ ބުނާ ގޮތުގައި، ކޮންމެ މީހެއްގެ ހަށިގަނޑުގެ ނިޒާމު ހުންނަ ގޮތުން ދުވަހަކު ނުވަތަ ދެ ދުވަހު ބޮޑުކަމު ނުދެވުމަކީ ކޮންމެހެން މައްސަލައެއް އުޅޭ ކަމުގެ ނިޝާނެއް ނޫނެވެ. ބައެއް މީހުންނަށް ދުވާލަކު ތިން ފަހަރު ބޮޑުކަމުދެވުމަކީ އާންމު ކަމަކަށް ވާއިރު، އަނެއް ބަޔަކަށް ހަފުތާއަކު ތިން ފަހަރު ދެވުމަކީ ވެސް އާންމު ކަމެކެވެ.

ހަދަންވީ ގޮތް: އެންމެ މުހިންމީ ތިމާގެ ހަށިގަނޑަށް އާންމުކޮށް އަންނަ ބަދަލުތައް ދެނެގަތުމެވެ. މީގެ އިތުރުން ބަނޑު ފުއްޕުން ނުވަތަ ރިއްސުން ފަދަ އުނދަގުލެއް ނުވާނަމަ، އަދި އެކަށީގެންވާ މިންވަރަށް ފެނާއި މޭވާ އަދި ތަރުކާރީ ކާނަމަ، އެއީ މައްސަލައެއް ނޫނެވެ. ނަމަވެސް ބޮޑުކަމުދާ އާދައަށް އަންނަ ބަދަލެއް ދެތިން ހަފުތާއަށް ދެމިގެންދާނަމަ ޑޮކްޓަރަކަށް ދެއްކުން މުހިންމެވެ.

2. ނަފްސާނީ ބުރަޔާއި ކާނާގެ ކާނާގެ ސަބަބުން ބަނޑުގައި ފާރު (Ulcers) އުފެދޭ

ހާސްވުމުގެ ސަބަބުން ނުވަތަ ކުޅި އެއްޗެހި ކެއުމުން ބަނޑަށް އުނދަގޫތަކެއް ވެދާނެއެވެ. ނަމަވެސް ޑރ. ގްލަކްމަން ވިދާޅުވާ ގޮތުގައި މިއީ ބަނޑުގައި ފާރު އުފެދޭ ސީދާ ސަބަބެއް ނޫނެވެ. ގިނަ ފަހަރަށް ބަނޑުގައި ފާރު އުފެދެނީ 'ހެލިކޯބެކްޓަރ ޕައިލޯރީ' (H. pylori) ކިޔާ ބެކްޓީރިއާއެއްގެ ސަބަބުން ނުވަތަ އައިބިއުޕްރޮފެން ފަދަ ތަދުކަނޑުވާ ބޭސްތައް މާ ގިނައިން ބޭނުންކުރުމުންނެވެ.

ހަދަންވީ ގޮތް: ބަނޑުގައި ފާރު އުފެދިދާނެތީ ބިރުން ކުޅި ކާނާ ހުއްޓާލާކަށް ނުޖެހެއެވެ. ނަމަވެސް، ކުޅި ކާނާގެ ސަބަބުން ބަނޑުދިޔާވުން ނުވަތަ މޭ އެންދުން ފަދަ އުނދަގޫތައް ވާނަމަ އެފަދަ ތަކެއްޗާ ދުރުވުން ރަނގަޅެވެ. އަދި ބަނޑުގައި ފާރު ހުރި މީހެއްނަމަ، ނަފްސާނީ ބުރަޔާއި ކުޅި ކާނާގެ ސަބަބުން އޭގެ އުނދަގޫތައް ބޮޑުވެ، ފާރު ފަސޭހަވުމަށް ހުރަސްއެޅިދާނެއެވެ.

3. ބަނޑު ފުއްޕުމަކީ އަބަދުވެސް މައްސަލައެއް ހުރިކަމުގެ ނިޝާނެއް

"އިރުއިރުކޮޅާ ބަނޑު ފުއްޕުމަކީ ވަރަށް އާންމު ކަމެއް،" ޑައިޓީޝަން އެމިލީ ވަން އެކް ބުނެއެވެ. ގިނަ ފަހަރަށް މިއީ ކާނާ ހަޖަމުވުމުގެ މަރުހަލާގައި ހަށިގަނޑަށް ކުރިމަތިވާ ގުދުރަތީ ކަމެކެވެ. ބައެއް ފަހަރު މީގެ ސަބަބުން އުނދަގޫވިޔަސް، މިއީ ކޮންމެހެން ބައްޔެއް ހުރިކަމުގެ ނިޝާނެއް ނޫނެވެ.

ހަދަންވީ ގޮތް: ކެއުމަށްފަހު ބަނޑު ތަންކޮޅެއް ބޮޑުވުމަކީ އާދައިގެ ކަމެއްކަން ގަބޫލުކުރާށެވެ. ހާއްސަކޮށް ފައިބަރ ގިނަ ތަރުކާރީއާއި ތޮޅީގެ ބާވަތްތައް ކެއުމުން ބަނޑުގައި ގޭސް އުފެދުމަކީ ވާނެ ކަމެކެވެ. މިކަން ކުޑަކުރުމަށްޓަކައި، ކުއްލިއަކަށް ފައިބަރ ގިނަ ކުރުމުގެ ބަދަލުގައި މަޑުމަޑުން އިތުރުކުރަމުން ގެންދާށެވެ. ނަމަވެސް، ބަނޑު ފުއްޕުމާއެކު ބޮޑަށް ރިއްސާނަމަ، އެއީ އެލާޖީއެއް ނުވަތަ އެހެން ސިއްހީ މައްސަލައެއްތޯ ބެލުމަށް ޑޮކްޓަރެއްގެ އިރުޝާދު ހޯދާށެވެ.

4. ވަކި ބާވަތްތަކެއްގެ ކާނާ ހުއްޓާލުމުން ބަނޑު ފުއްޕުން ރަނގަޅުވާނެ

ގިނަ މީހުންނަށް ހީވަނީ ގްލޫޓެން ނުވަތަ ކިރުގެ ބާވަތްތައް ހުއްޓާލުމުން ބަނޑުގެ މައްސަލަތައް ހައްލުވާނެ ކަމަށެވެ. ނަމަވެސް މާހިރުން ބުނާ ގޮތުގައި މިއީ ނުރައްކާތެރި ވިސްނުމެކެވެ. ވަކި ބާވަތްތަކެއްގެ ކާނާ މުޅިން ހުއްޓާލުމުން ގޮހޮރުގައި ހުންނަ ފައިދާހުރި ބެކްޓީރިއާތަކަށް ގެއްލުންވެ، ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތައް މަދުވެދާނެއެވެ.

ހަދަންވީ ގޮތް: ކާނާގެ ބާވަތްތައް އުނިކުރުމުގެ ބަދަލުގައި، ގިނައިން ފެން ބުއިމާއި، ކަސްރަތު ކުރުމާއި، އަދި އެކަށީގެންވާ މިންވަރަށް ފައިބަރ ކެއުމަށް ސަމާލުކަން ދޭށެވެ. ގޮހޮރު ސާފުކޮށް ބެހެއްޓުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ މިއީއެވެ.

5. ކޮންމެ މީހަކު ވެސް ގޮހޮރުގެ ސިއްހަތަށް ސަޕްލިމެންޓް ބޭނުންކުރަން ޖެހޭނެ

"މައްސަލައެއް ނެތް އެއްޗެއް މަރާމާތު ކުރާނެ ކަމެއް ނެތް،" ޑރ. ގަންޖޫ ވިދާޅުވެއެވެ. ބައެއް ހާލަތްތަކުގައި ސަޕްލިމެންޓް ބޭނުންވި ނަމަވެސް، އެއްވެސް އުނދަގުލެއް ނެތް މީހަކު މިފަދަ ތަކެތި ބޭނުންކުރުން މަޖުބޫރެއް ނޫނެވެ. އަދި ބައެއް ސަޕްލިމެންޓްތަކުގެ ސަބަބުން ގޮހޮރުގެ ބެލެންސް ގެއްލި، އިތުރު މައްސަލަތައް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ.

ހަދަންވީ ގޮތް: ސަޕްލިމެންޓްގެ ބަދަލުގައި ފައިދާހުރި ކާނާއާއި ފަރުމެންޓް ކޮށްފައިވާ ތަކެތި (މިސާލަކަށް ކަނޑި ނުވަތަ ޔޯގަޓް) ބޭނުންކޮށްގެން ގޮހޮރުގެ ސިއްހަތު ރަނގަޅުކުރާށެވެ.

6. ވިޓަމިންސް އާއި ސަޕްލިމެންޓުން ކާނާގެ ބަދަލު ހިފޭނެ

ގިނަ ބަޔަކަށް ހީވަނީ ސަޕްލިމެންޓް ގުޅައެއް ކެއުމުން ހަގީގީ ކާނާއިން ލިބޭ ފައިދާ ލިބޭނެ ކަމަށެވެ. ނަމަވެސް ދިރާސާތަކުން ދައްކާ ގޮތުގައި ކާނާއިން ލިބޭ ވިޓަމިންސް ހަށިގަނޑަށް ދަމައިގަންނަ މިންވަރު ސަޕްލިމެންޓަށްވުރެ މާ ބޮޑެވެ. އަދި ސަޕްލިމެންޓް މާ ގިނައިން ބޭނުންކުރުމުން "ވިޓަމިން އޯވަޑޯޒް" ވެ ސިއްހީ އިތުރު މައްސަލަތައް ކުރިމަތިވެދާނެއެވެ.

ހަދަންވީ ގޮތް: އަސާސީ ކަންކަމަށް ސަމާލުކަން ދޭށެވެ. މޭވާ، ތަރުކާރީ، ހަމަ ނިދި އަދި ނަފްސާނީ ދުޅަހެޔޮކަމަކީ އެއްވެސް ސަޕްލިމެންޓަކުން ބަދަލު ނުކުރެވޭނެ ކަންކަމެވެ.

7. "ޑިޓޮކްސް" ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް

ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތައް ބޭރުކުރުމަށް (Detox) ޖޫސް ބުއިމާއި ބަނޑަށް ހުރުމަކީ މިހާރު ވަރަށް ބޮޑު ފެޝަނެކެވެ. ނަމަވެސް އެމިލީ ވަން އެކް ބުނާ ގޮތުގައި، އަހަރެމެންގެ ހަށިގަނޑަކީ ގުދުރަތީ ގޮތުން މިކަމަށް ތައްޔާރުވެފައިވާ ނިޒާމެކެވެ. ހަށިގަނޑަށް ބޭނުން ނުވާ ވިހަ މާއްދާތައް ބޭރުކުރުމުގެ މަސައްކަތް ފުރަމޭ، ކިޑްނީ އަދި ފުއްޕާމޭގެ އެހީގައި އަބަދުވެސް ދަނީ ހިނގަމުންނެވެ. އެހެންކަމުން ހާއްސަ ޑިޓޮކްސް ޕްލޭންތަކެއް ބޭނުމެއް ނުވެއެވެ.

"ޑިޓޮކްސް" ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ނޫނެވެ. އަދި ކިއެއްތަ، މީގެ ސަބަބުން ފައިދާއަށްވުރެ ބޮޑަށް ގެއްލުންވުން ގާތެވެ. ނީލްސަން ބުނާ ގޮތުގައި، މިއީ ހަގީގަތުގައި ކުރަންވީ ކަންތަކުގެ އިދިކޮޅެވެ. "ޔޫ.ޓީ ސައުތުވެސްޓަން މެޑިކަލް ސެންޓަރ" އިން ހާމަކުރާ ގޮތުގައި، ގިނަ ޑިޓޮކްސް ޕްލޭންތަކުން ކުރާ ކަމަކީ ހަށިގަނޑުން ފެން މަދުކުރުން ނުވަތަ ގޮހޮރަށް އުނދަގޫވާ ފަދަ ކަންކަން މެދުވެރިކޮށް ބަނޑުދިޔާކޮށްލުމެވެ. މީގެ ނަތީޖާއަކަށް ވަނީ ހަށިގަނޑުން ބޭނުންތެރި މާއްދާތައް (electrolytes) މަދުވެ، ފެން ހުސްވުމެވެ. ނުވަތަ ބަނޑުދިޔާވުމުގެ ސަބަބުން ހަށިގަނޑު ބަލިކަށިވުމެވެ.

ހަދަންވީ ގޮތް: ހަށިގަނޑުގެ ގުދުރަތީ ޑިޓޮކްސް ނިޒާމަށް އެހީތެރިވެދޭ ކާނާގެ ބާވަތްތަކަށް (މިސާލަކަށް ބީޓްރޫޓް، ބްރޮކޮލީ އަދި ބްރެޒިލް ނަޓްސް) އިސްކަންދޭށެވެ. އަދި ސޯޝަލް މީޑިއާގައި އިޝްތިހާރުކުރާ ޖޫސް ބުއިންތަކާ ދުރުވާށެވެ. ހަމައެކަނި ދިޔާ އެއްޗެހި ބޭނުންކުރުމުން، ކާނާ ހަޖަމުކުރުމަށްޓަކައި ގޮހޮރުން ކުރާ ގުދުރަތީ މަސައްކަތަށް ބުރޫއަރާ ކަމަށް ނީލްސަން ކިޔައިދެއެވެ. އޭގެ ސަބަބުން އަލުން ހަރު ކާނާ ކާން ފެށުމުން، ކުރިން ނެތް މިންވަރަށް ބަނޑު ފުއްޕުމާއި، ގޭސްވުން އަދި ބަނޑުހިކުން ފަދަ އުނދަގޫތައް ކުރިމަތިވުން ގާތެވެ.

އެހެންކަމުން، އަވަސް ހައްލެއް ހޯދުމުގެ ނަމުގައި ކުރާ މިފަދަ ކަންކަމުން ދުރުވުން މުހިންމެވެ.



ކިޔުންތެރިންގެ ހިޔާލު