ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް
މި އިންތިހާބުގައި ވާދަކުރައްވަނީ އެއްވެސް ބޭފުޅަކު ބާކީކޮށްލުމުގެ ނިޔަތުގައި ނޫން ކަމަށާއި، އަމާޒަކީ ޕާޓީގެ ލީޑަރޝިޕަށް ބަދަލެއް ގެނެސް އެންމެން ގޮވައިގެން ކުރިއަށްދިއުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މީކާއީލް ވިދާޅުވީ، އޭނާއާ ވާދަކުރައްވާ ކެންޑިޑޭޓަކީ ޕާޓީއަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެއް ކަމަށާއި، އެ ހިދުމަތްތައް ހިތުގެ އެންމެ ފުންމިނުން ބަލައިގަންނަ ކަމަށެވެ.

ނަމަވެސް، މިވަގުތަކީ އެމްޑީޕީގެ މަތިފަޑިއަށް ބަދަލެއް އަންނަންޖެހޭ ވަގުތު ކަމަށް ގަބޫލުކުރައްވާތީ އިންތިހާބަށް ނިކުމެވަޑައިގަތީ ކަމަށް މީކާއީލް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، ވަކި ކޮޅަކަށް ޖެހިފައިވާ ބޭފުޅަކު ޗެއަރޕާސަންގެ މަގާމަށް ހޮވިއްޖެ ނަމަ، ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ހަމައަށް ދާއިރު ޕާޓީގެ ތެރޭގައި ބައިބައިވުން އުފެދި، އިންތިހާބު ގެއްލުމުގެ ފުރުސަތު ބޮޑުވެދާނެއެވެ. އެހެންކަމުން، އޭނާގެ ޗެއަރޕާސަން ކަމެއްގައި އެއްވެސް މެންބަރަކު ބާކީ ނުކުރާނެ ކަމުގެ ޔަގީންކަން މީކާއީލް ވަނީ އަރުވާފައެވެ.

މީކާއީލް އިތުރަށް ވިދާޅުވީ، ޗެއަރޕާސަންގެ މަގާމަށް ހޮވިވަޑައިގެންފި ނަމަ އެންމެ ފުރަތަމަ ކުރައްވާނެ ކަމަކީ އެމްޑީޕީގެ ގައުމީ މަޖިލީހަށާއި ކޮންގްރެސްއަށް މުހިންމު އިސްލާހެއް ހުށަހެޅުން ކަމަށެވެ.

އެގޮތުން، މީގެ ކުރިން އެމްޑީޕީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުންނަށް، ޕާޓީގެ ގައުމީ މަޖިލީހުގެ ދާއިމީ ގޮނޑިއެއް ކަނޑައެޅުމަށް ހުށަހަޅުއްވާނެ ކަމަށް އޭނާ އިއުލާން ކުރެއްވިއެވެ.

ވާހަކަ ނިންމަވާލައްވަމުން މީކާއީލް ވަނީ ކުރިއަށް އޮތް އިންތިހާބުގައި އޭނާއަށް ވޯޓު ދެއްވުމަށް އެމްޑީޕީގެ އާންމު މެންބަރުންގެ ކިބައިން ވަރަށް އިހުލާސްތެރިކަމާއެކު އެދިވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު