މިއީ އޭއައި ބޭނުން ކޮށްގެން ހަދާފައިވާ ފޮޓޯއެއް
މިއީ އޭއައި ބޭނުން ކޮށްގެން ހަދާފައިވާ ފޮޓޯއެއް
ރަހުމު ކުޑަގޮތަކަށް މަރާލާފައި އޮއްވާ 2022 ވަނަ އަހަރު ފެނުނު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލާގައި ބޭނުންކުރި ކަމަށް ބެލެވޭ ވަޅިތަކާއި، މައްސަލައާ ގުޅުންހުރި އަންނައުނުތައް ކްރިމިނަލް ކޯޓުގެ ޝަރީއަތަށް ގެންގޮސް މިއަދު ދައްކާލައިފިއެވެ.

ޏ. ފުވައްމުލަކަށް ނިސްބަތްވާ އުމުރުން 22 އަހަރުގެ ޝިއާއު މަރާލާފައިވަނީ 2022 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 6 ވަނަ ދުވަހުގެ ރޭ، ހެންވޭރު ޝީރީންވިލާގޭގެ އެޕާޓްމަންޓެއްގެ ތެރޭގައެވެ. މި މައްސަލާގައި ދައުލަތުން ދައުވާކުރަނީ ފ. ނިލަންދޫ ފިނިފެންމާގޭ ސާހިލް އަލީގެ މައްޗަށެވެ. ޝިއާއު މަރުވެފައިވަނީ އޭނާގެ ހަށިގަނޑަށް ދީފައިވާ ބޮޑެތި އަނިޔާތަކުގެ ސަބަބުން ކަމަށް ތަހުގީގަށް ކަށަވަރު ވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައިގެ ޝަރީއަތް ސިއްރުކޮށްގެން ކުރިއަށްގެންދާއިރު، މިއަދުގެ އަޑުއެހުމުގައި މާއްދީ ހެކީގެ ގޮތުގައި ތިން ވަޅިއަކާއި، ސާހިލްގެ ޓީޝާޓަކާއި ސޯޓެއްގެ އިތުރުން ހެދުމެއް ކޯޓަށް ހުށަހަޅާފައިވެއެވެ. މީގެ އިތުރުން ޝިއާއު ބޭނުންކުރި ތިން ހެދުމެއްވެސް ހެކީގެ ގޮތުގައި ދައްކާލާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

މިއަދުގެ އަޑުއެހުމުގައި މައްސަލައިގެ ހުލާސާ ބަޔާން ހުށަހެޅުމަށް ތާވަލުކުރެވުނު ނަމަވެސް، މިއަދުވެސް ހުލާސާ ބަޔާން ހުށަހަޅާފައި ނުވާކަން ފާހަގަކުރެވެއެވެ.

މިމައްސަލާގައި ޝާހިލްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމާއި، އޮރިޔާން ކާޑު ގެންގުޅުމާއި، ކެނެބިސް ބޭނުންކުރުން ހިމެނެއެވެ. މީގެ އިތުރުން ސިއްރުކޮށްފައިވާ އިތުރު ދެ ދައުވާވެސް އޭނާގެ މައްޗަށް ކުރެއެވެ. ޝަރީއަތުގެ ކުރީކޮޅު އެއްވެސް ވާހަކައެއް ނުދައްކާ ހުރުމަށްފަހު، މިހާރު ސާހިލް ވަނީ ވާހަކަ ދައްކަން ފަށާފައެވެ. އަދި އޭނާ ބޭނުންވަނީ ވަކީލަކާ ނުލައި މައްސަލަ ކުރިއަށް ގެންދަން ކަމަށް ބުނެފައިވެއެވެ.

ސާހިލްއަށް މީގެ ކުރިން ދައުލަތުގެ ހަރަދުގައި ދެ ފަހަރެއްގެ މަތިން ވަކީލުން ހަމަޖައްސައިދިން ނަމަވެސް، އޭނާ ވަކީލުންނަށް އެއްބާރުލުން ނުދޭތީ، އިތުރަށް ވަކީލަކު ހަމަޖައްސައިނުދިނުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ނިންމާފައެވެ. ޝިއާއުގެ ހަށިގަނޑުގެ ބައިތައް ބުރިކޮށް، ރަހުމު ކުޑަ ބޮޑެތި އަނިޔާތަކެއް ދީފައިވާ މި މައްސަލައިގެ ޝަރީއަތް މިހާރު ވަނީ ނިމުމަކާ ގާތްވެފައެވެ.



ކިޔުންތެރިންގެ ހިޔާލު