ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް، އެ ޕާޓީގެ ފަރާތުން ކުރިން ވެރިކަން ކުރެއްވި ބޭފުޅުންނަށް ޕާޓީގެ ގައުމީ މަޖިލީހުން ދާއިމީ ގޮނޑިއެއް ދިނުމަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެ މުހިންމު ވަޢުދެއް ވެވަޑައިގެންފިއެވެ.

މީކާއީލް މި ވަޢުދުވެވަޑައިގަތީ، އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕް (ޕީޖީ) ގެ ފުރިހަމަ ތާއީދު އޭނާއަށް އޮތްކަން ރަސްމީކޮށް އިއުލާން ކުރުމަށް މިއަދު ބޭއްވި ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މީކާއީލް ވިދާޅުވީ، ޗެއާޕާސަންކަން ކާމިޔާބުވެއްޖެނަމަ އެންމެ ފުރަތަމަ ދުވަހު އެމްޑީޕީގެ ގައުމީ މަޖިލީހަށާއި އަދި ކުރިއަށް އޮތް ކޮންގްރެސްއަށް ހުށަހަޅާނެ އެންމެ މުހިންމު ކަމަކީ، އެމްޑީޕީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ މަގާމު ފުރުއްވާފައިވާ ބޭފުޅުންނަށް ގައުމީ މަޖިލީހުގެ ދާއިމީ ގޮނޑިއެއް ކަނޑައެޅުން ކަމަށެވެ. މީގެ ބޭނުމަކީ ޕާޓީގެ އެތެރޭގެ ބަދަހިކަން ގާއިމުކޮށް، އެއްވެސް ބޭފުޅަކު ބާކީނުކޮށް އެއްބައިވަންތަކަން އާލާކުރުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ޕާޓީގެ އާންމު މެންބަރުންނާ އޭނާއާ ދެމެދު އޮތް ގާތް ގުޅުމަށް އަލިއަޅުވާލައްވަމުން މީކާއީލް ވިދާޅުވީ، ފާއިތުވި ލޯކަލް ކައުންސިލް އިންތިހާބުގެ ތެރޭގައި ޕީޖީގެ ފަރާތުން ރާއްޖޭގެ 100 އަށް ވުރެ ގިނަ ރަށަށް ދަތުރުކުރައްވައި، އާންމު މެންބަރުންގެ އިހުސާސްތައް ގާތުން ބައްލަވާފައިވާނެ ކަމަށެވެ.

އަންނަ ޖޫން މަހުގެ 12 ވާ ބުދަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގައި މީކާއީލްއާ ދެން ވާދަކުރަށްވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީއެވެ. ރައީސް ނަޝީދު މިހާރުވެސް ގެންދަވަނީ "ބޮޑު ބަދަލު"ގެ ނަމުގައި ރާއްޖޭގެ އެކި ރަށްތަކަށް ކެމްޕެއިން ދަތުރުތައް ކުރައްވަމުންނެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މިވަގުތު އެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން އަދާކުރައްވަމުން ގެންދަވަނީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާއެވެ.

އެމްޑީޕީން އިއުލާންކޮށްފައިވަނީ، ޗެއާޕާސަން ހޮވުމުގެ ވޯޓުލުން ޖޫން 12 ވަނަ ދުވަހުގެ މެންދުރުފަހު 2:30 އިން ރޭގަނޑު 8:00 އަށް ކުރިއަށް ގެންދާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު