ފޮޓޯތައް: ދިވެހިރާއްޖެ ޑިމޮކްރަސީއަށް ކުރި ދަތުރު (މިއީ އޭއައި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއެއް)
ފޮޓޯތައް: ދިވެހިރާއްޖެ ޑިމޮކްރަސީއަށް ކުރި ދަތުރު (މިއީ އޭއައި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއެއް)
ދިވެހިރާއްޖޭގެ ސިޔާސީ ތާރީޚުގައި ޑިމޮކްރަސީގެ މަގަށް ކުރެވުނު ދަތުރަކީ އޮމާން، ފަސޭހަ މަގަކުން ކުރެވުނު ދަތުރެއް ނޫނެވެ. އެއީ އެތައް ބައެއްގެ ލޮލުން އޮހޮރުނު ކަރުނައާއި، ހަށިގަނޑުން އޮހޮރުނު ލެޔާއި، އަދި ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ލިބުނު ބޮޑެތި އަނިޔާތަކެއްގެ މައްޗަށް ބިނާވެފައިވާ ދަތުރެކެވެ.

މި ދަތުރުގެ ތެރެއިން ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މީމު އަތޮޅުގެ މެންބަރުކަން ކުރެއްވި އަޙްމަދު ޝަފީގު (މީމު ސައްޕެ) މިއަދު ވަނީ މަނަދޫއަށް ކުރި ދަތުރެއްގެ ހަނދާންތައް މީސްމިޑިއާއަށް ދޫކޮށްލައްވާފައެވެ. ސައްޕެ މީސްމިޑިއާގައި ޙިއްސާ ކުރެއްވި އެދުވަހުގެ ހަނދާންތަކަކީ، އޭރުގެ ހާލަތާއި، ޑިމޮކްރަސީއަށް ދިވެހިން ކުރި ދަތުރުގައި ކުރިމަތިލާންޖެހުނު ގޮންޖެހުންތައް ސިފަކޮށްދޭ އަސަރުގަދަ ތަސްވީރު ތަކެކެވެ.

ސައްޕެ ވިދާޅުވެފައިވާ ގޮތުގައި، އެ ދުވަހަކީ އިންތިހާ ދަރަޖައިގެ ބިރުވެރި ދުވަހެކެވެ. މަނަދޫ ބަނދަރުމަތިން ފެނިގެންދިޔައީ އިންސާނިއްޔަތުކަމެއް ނެތް، އަނިޔާވެރި މަންޒަރުތަކެކެވެ. އެކުވެރިކަމާއި އޯގާތެރިކަމުގެ ބަދަލުގައި އެތަނުން ފެނުނީ ނަފުރަތާއި އަނިޔާގެ ރޫޙެވެ. ސައްޕެ ހިއްސާކުރި ގޮތުގައި، އެ ދުވަހު ބަނދަރުމަތީގައި އޮތް އަތްގާޑިޔަލެއްގައި ހުރި 15 ވަރަކަށް ބަސްތާގެ ތެޅިގާ، އެއްވެސް ރަޙުމެއްނެތި އުކާލީ އެރަށަށް ދިޔަ އެމްޑީޕީގެ ލީޑަރޝިޕްގެ މެންބަރުންގެ ގަޔަށެވެ. ޙަމަލާ އަމާޒުވި ފަރާތްތަކުގެ ތެރޭގައި ރައީސް ނަޝީދުވެސް ހިމެނިވަޑައިގަންނަވާކަން ސައްޕެ ޙިއްސާ ކުރެއްވި ފޮޓޯތަކުން ސާފުވެއެވެ.

"އެއީ ހަމައެކަނި ގާބުރިތަކެއް ނޫނެވެ؛ އެއީ ސިޔާސީ ފިކުރު ތަފާތުވުމުގެ ސަބަބުން ކުރިމަތިލާންޖެހުނު އަނިޔާވެރިކަމުގެ ހަތިޔާރުތަކެކެވެ."

ސައްޕެ ވިދާޅުވީ، އެ ހަމަލާތަކުގެ ސަބަބުން ލިބުނު އަނިޔާތައް އިންތިހާއަށް ބޮޑު ކަމަށެވެ. "ބޮލާއި ކަނދުރާ ފަޅައިގެން ގޮސް، ލޭ އޮހޮރުނެވެ. ބުރަކައްޓާއި އަރިކަށީގެ ކަށިތަކަށް ލިބުނު ވޭނަކީ މިއަދުވެސް ހަނދާނުން ފޮހެލެވޭނެ ކަންކަމެއް ނޫނެވެ." ސައްޕެ ވިދާޅުވެފައިވެއެވެ.

ހަމައެއާއެކު އެމްޑީޕީ އަކީ ހަމައެކަނި ސިޔާސީ ޕާޓީއެއް ނޫންކަން ސައްޕެ ފާހަގަ ކުރެއްވިއެވެ. "އެމްޑީޕީ އަކީ އަޅުގަނޑުމެންގެ ގައިން އޮހޮރިގެންދިޔަލޭ. "މިމީހާ" އިތުބާރު ހޯދީ މިފަދަ އެތައް ގުރުބާނީއަކުން." ރައީސް ނަޝީދަށް ނިސްބަތް ކުރަށްވަމުން ސައްޕެ ވިދާޅުވިއެވެ. އަދި މިއަދު އެމްޑީޕީގެ ދިދަ އުފުލިފައި އެވަނީ އެފަދަ އެތައް ވޭނީ ތަޖުރިބާތަކެއްގެ މަތީގައިކަން ސައްޕެ ވަނީ އެމްޑީޕީގެ ޢާއްމު މެންބަރުންނަށް ހަނދާން ކޮށްދެއްވާފައެވެ.

ސައްޕެ ވިދާޅުވެފައިވަނީ، ރައީސް މުޙައްމަދު ނަޝީދު ދިވެހި ރައްޔިތުންގެ މެދުގައި ހޯއްދެވި ބޮޑު އިތުބާރަކީ ހަމައެކަނި ޕޯޑިއަމްތަކުގައި ދެއްކެވި ވާހަކަފުޅުތަކަކުން ލިބުނު އެއްޗެއް ނޫން ކަމަށެވެ. އަދި ރައީސް ނަޝީދާއި އެމްޑީޕީގެ އޭރުގެ އިސް ބޭފުޅުން ރައްޔިތުންގެ އިތުބާރު ހޯއްދެވީ މިފަދަ އެތައް ގުރުބާނީއަކުން ކަމަށެވެ. ހަމައެއާއެކު މިއަދު އެމްޑީޕީގެ ލަޝްކަރު ބިޔަވެފައިވަނީ، އަނިޔާގެ ކުރިމަތީގައި ފަހަތަށް ނުޖެހި، ރައްޔިތުންނާއެކު ގާބުރިތަކާއި އަނިޔާވެރިކަމުގެ ކުރިމަތީގައި ސާބިތުވެ އޭރު އެބޭފުޅުން ކުރެއްވި ހިތްވަރުގެ ނަތީޖާއެއްގެ ގޮތުން ކަމަށްވެސް ސައްޕެ ވިދާޅުވިއެވެ.



ސައްޕެގެ ޕޯސްޓުން ފެންނަނީ ބޮޑު މަންޒަރެކެވެ. ކޮންމެ ކާމިޔާބީއެއްގެ ފަހަތުގައި ގުރުބާނީއެއް އޮންނާނެކަމެވެ. ޚާއްޞަކޮށް ސިޔާސީ މައިދާނުގައި، އިޚްލާޞްތެރިކަމާއި ވަފާތެރިކަން ސާބިތުކޮށްދެވޭނީ އަމިއްލަ ނަފްސަށްވުރެ ބޮޑަށް ޤައުމާއި ރައްޔިތުންގެ ޙައްޤުގައި ވޭން އުފުލައިގެންނެވެ. މަނަދޫގެ އެ ބިރުވެރި ހާދިސާއަކީ އޭގެ ހެއްކެކެވެ.

"ގުރުބާނީއެއް ނެތި ހޯދޭނީ ކޮން އިތުބާރެއްބާ؟" ސައްޕެ ސުވާލު އުފައްދަވާފައިވެއެވެ. އާއެކެވެ. އިތުބާރަކީ ގަނެވޭނެ އެއްޗެއް ނޫނެވެ. އެއީ އަމިއްލަ ލެޔާއި ދަލުން ކާމިޔާބުކުރަންޖެހޭ މަތިވެރި އިޙުސާސެކެވެ.



ކިޔުންތެރިންގެ ހިޔާލު