ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު
ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމަށް އިއްޔެ ރައްޔިތުންގެ މަޖިލީހުގައި ނެގުނު ވޯޓުގައި، އިދިކޮޅު އެމްޑީޕީގެ ބައެއް މެންބަރުން ސަރުކާރަށް ތާއީދުކޮށް ވޯޓު ދެއްވުމަކީ އެ ބޭފުޅުންގެ ސިޔާސީ "ކޮލިޓީ" ހުރިކަން ހާމަވި ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

މީސްމީޑިއާ މެދުވެރިކުރަށްވައި ޝުޖާއު ވިދާޅުވީ، ހޯމް މިނިސްޓަރ ޢަލީ އިޙްސާނަށް އެމްޑީޕީގެ މެންބަރުން ތާއީދުކޮށް ވޯޓު ދެއްވުމުން ހާމަވެގެން ދިޔައީ، ދިވެހި ފުލުހުންގެ މުއައްސަސާ ހަރުދަނާކޮށް އެ މުއައްސަސާއަށް ރައްޔިތުންގެ އިތުބާރު ހޯއްދަވައި ދެއްވުމަށާއި، ބިދޭސީންގެ މައްސަލަތައް ހައްލުކުރެއްވުމަށް ރައީސް ޑރ. މުޢިއްޒު ކުރަށްވަމުން ގެންދަވާ މަސައްކަތްޕުޅަށް އިދިކޮޅުގެ ތާއީދު އޮތްކަން ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިފަދަ ހެޔޮވިސްނުން އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ ވިސްނުންފުޅަށް އައުމަކީ ސިޔާސީ ހަމަޖެހުމަށް ކޮންމެހެން މުހިންމު ކަމެއް. ސިޔާސީ މަސައްކަތުގައި މި ކޮލިޓީ ހުންނަންވާނެ،" އެމްޑީޕީގެ ޕީޖީ ގްރޫޕަށް ޝުކުރު އަދާކުރައްވަމުން ޝުޖާއު ވިދާޅުވިއެވެ.



ޝުޖާއު މިހެން ވިދާޅުވެފައިވާއިރު، ވުޒާރާތަކުގެ މެންޑޭޓުތަކަށް ގެނައި ބަދަލާއެކު އަލުން ހުވައި ކުރެއްވި 14 ވަޒީރުންނަށް ރުހުން ހޯދުމަށް އިއްޔެ ބޭއްވި ޖަލްސާގައި، ވަޒީރު އިޙްސާނަށް ރުހުން ދިނުމަށް 70 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ.

އިއްޔެ މަޖިލީހުގައި ހޯމް މިނިސްޓަރު ޢަލީ އިޙްސާނަށް ރުހުން ދިނުމަށް ނެގުނު ވޯޓުގައި، އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަދި ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުުލްޣަފޫރު މޫސާ އާއި ޕީޖީ ގްރޫޕްގެ އިސް މެންބަރުންތަކެއް އިޙްސާންގެ ރުހުން އޮތް ކަމަށް ވޯޓު ދެއްވުމާ ގުޅިގެން ޕާޓީގެ އެތެރޭގެ މަސްރަޙު ވަނީ ހޫނުވެފައެވެ. އެގޮތުން ވަޒީރު އިޙްސާނަށް ރުހުން އޮތްކަމަށް ވޯޓު ދެއްވި މެމްބަރުންނަކީ ހުޅުމާލެ ދެކުނު ދާއިރާގެ އަޙްމަދު ޝަމްހީދާއި، ގަލޮޅު އުތުރު ދާއިރާގެ މުޙައްމަދު އިބްރާހީމް (ކުޑޫ) އާއި، އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން، ހަނިމާދޫ ދާއިރާގެ ޢަބްދުލްޣަފޫރު މޫސާއާއި، ކެންދޫ ދާއިރާގެ މަޢުރޫފް ޛާކިރުގެ އިތުރުން ތޮއްޑޫ ދާއިރާގެ ޙުސައިން ސަމީރާއި، ކެޔޮދޫ ދާއިރާގެ މުޙައްމަދު ނިއުޝާދާއި، މާވަށު ދާއިރާގެ އަޙްމަދު ޝާކިރު އަދި މަރަދޫ ދާއިރާގެ އަޙްމަދު ދީދީއެވެ.

ނަމަވެސް، އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމާއި، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވަނީ އިޙްސާނަށް ރުހުން ދޭން ނުފެންނަ ކަމަށް ވޯޓު ދެއްވާފައެވެ. އަދި ކަނޑިީތީމު ދާއިރާގެ މެންބަރު އަމީން ފައިސަލާއި، އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ނާޒިމް މި ވޯޓުގައި ބައިވެރިވެވަޑައެއް ނުގަންނަވައެވެ.

މި މައްސަލަ އެމްޑީޕީގެ ތެރޭގައި ހޫނުވެފައި މިވަނީ، ޕާޓީގެ ޗެއާޕާސަން ހޮވުމުގެ އިންތިޚާބުގެ ފޯރި ގަދަވެ، އެތެރޭގެ ވާދަވެރިކަން އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި އިދިކޮޅު އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ މި ޚިޔާލުތަފާތުވުންތަކުގެ ސަބަބުން، ޕާޓީގެ އާންމު މެންބަރުންގެ މެދުގައިވެސް ވަނީ ބޮޑު ނުތަނަވަސްކަމެއް އުފެދިފައެވެ. އެމްޑީޕީގެ އާންމު މެންބަރުން ސޯޝަލް މީޑިއާގައި ގެންދަނީ ވަޒީރުންނަށް ވޯޓުދިން މެންބަރުންނާ މެދު ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް