ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް-
ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް-
މަޖިލީހުގެ ސުޕަރ މެޖޯރިޓީ ބޭނުންކޮށްގެން ގާނޫނުތަކަށް ގެންނަ ބަދަލުތަކަކީ ވަކި ބަޔަކަށް މަންފާ ހޯދަން ކުރާ ކަމެއް ކަމަށް ވިދާޅުވެ، ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

މެމްބަރު އައްބާސް މިހެން ވިދާޅުވީ، އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި އދ. މަންދޫ ކައުންސިލް ގޮނޑި ކާމިޔާބު ކުރެއްވި ޝަހީމާ ޝިހާބު، ސަރުކާރު ހިންގާ ޕީއެންސީއަށް ސޮއިކުރި މައްސަލައާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

އައްބާސް ވިދާޅުވީ ވަކި ގޮތަކަށް އަމަލުކުރުމަށް ވަކާލާތުކޮށް ގާނޫނުތައް ހަދަމުންދާއިރު، އެއާ ދިމާ އިދިކޮޅަށް އަމަލުކުރުމަކީ ޕީއެންސީގެ އާދައަކަށް ވެފައިވާ ކަމަށާއި، މިއީ ހުތުރުކަން ބޮޑު ލަދުވެތި އަމަލެއް ކަމަށެވެ.

އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ގާނޫނުއަސާސީއާއި ގާނޫނުތަކަށް މިފަހަކަށް އައިސް ގެންނަ ބަދަލުތަކަކީ ތަހުޒީބީ ގައުމުތަކުގެ މިންގަނޑުތަކާ ހިލާފަށް، ދުރު މުސްތަގުބަލަށް ވިސްނުމެއް ނެތި ގެންނަ ބަދަލުތަކެކެވެ. މި ބަދަލުތަކަކީ ރައްޔިތުންނަށް މަންފާއެއް ހާސިލުވާނެ ކަންކަން ނޫން ކަމަށާއި، މިއީ ހަމައެކަނި ވަކި ސިޔާސީ ޕާޓީއަކަށް ނުވަތަ ވަކި ބޭފުޅަކަށް ފައިދާ ހޯދައިދިނުމަށް ކުރާ "މުޑުދާރު" ކަންކަން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އައްބާސް އިތުރަށް ވިދާޅުވީ، ސަރުކާރު ހިންގާ ޕީއެންސީން މިފަދަ ގޮތަކަށް އަމަލުކުރަމުންދާއިރު، އެކަންކަން ދިވެހި ރައްޔިތުންނަށާއި މުޅި ދުނިޔެއަށް ވެސް ވަރަށް ސާފުކޮށް ހާމަވަމުންދާ ކަމަށެވެ. އަދި ގާނޫނުތަކަށް ބަދަލު ގެނައުމުގައި ގައުމުގެ މުސްތަގުބަލަށްވުރެ ބޮޑަށް ސިޔާސީ މަންފާއަށް އިސްކަންދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަން އޭނާ ފާހަގަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު