ސައްޙަ ނޫން ބޭންކް ސްލިޕް ބޭނުންކޮށްގެން މަކަރާއި ހީލަތުން ވިޔަފާރިކުރި މައްސަލައެއްގެ ތަހުގީގަށް ހޯދަން އިއުލާންކުރި މީހަކު، ވައްކަމުގެ ދެ މައްސަލައެއް ސާބިތުވެ ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ޖަލު ހުކުމެއް އިއްވާފައިވަނީ ޅ. ނައިފަރު، ސާތީ، އަނޫފް ޢަބްދުލްޣަނީގެ މައްޗަށެވެ. އަނޫފަކީ ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން މިދިޔަ އަހަރުން ފެށިގެން ހޯދަމުންދިޔަ މީހެކެވެ.

އޭނާގެ މައްޗަށް މިފަހަރު ހުކުމް އައީ މިދިޔަ އޮގަސްޓް މަހު މާލޭގެ ފަތާ ޓްރެކް ސަރަހައްދުން ސައިކަލަކާއި އައިފޯނެއް ވަގަށް ނެގި މައްސަލައިގައެވެ. މި ހާދިސާގައި އޭނާ ވަގަށް ނަގާފައިވަނީ ސްކޫޕީ މޮޑެލްގެ ސައިކަލަކާއި، އެ ސައިކަލުގެ މަޑިދަށުގައި އޮތް އައިފޯނެކެވެ. މި ދެ މައްސަލައިގެ ޝަރިއަތް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައިވަނީ އެކުގައެވެ.

ޝަރިއަތުގެ މަޖިލީހުގައި އަނޫފް ވަނީ ދައުލަތުން އޭނާގެ މައްޗަށް އުފުލި ވައްކަމުގެ ދެ ދައުވާއަށް އިއުތިރާފުވެފައެވެ. ކުށަށް އިއުތިރާފުވުމާ ގުޅިގެން މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ އަވަސްނިޔާގެ މައްސަލައެއްގެ ގޮތުގައެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމުގައިވާ ގޮތުން، ސައިކަލު ވަގަށް ނެގި މައްސަލައިގައި އޭނާއަށް ވަނީ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. އަދި އައިފޯނު ވަގަށް ނެގި މައްސަލައިގައި އިއްވާފައިވަނީ ހަތަރު މަހާއި 24 ދުވަހުގެ ހުކުމެކެވެ.

މި ދެ މައްސަލައިގައިވެސް އަނޫފް ކުށަށް އިއުތިރާފުވެފައިވާތީ، ގާނޫނުގައިވާ ގޮތުގެ މަތިން އޭނާއަށް ވަނީ އަދަބުގެ ލުއި ދީފައެވެ. މީގެ އިތުރުން، މި މައްސަލައާ ގުޅިގެން އޭނާ ބަންދުގައި ހޭދަކުރި ދުވަސްތައް ޖަލު ހުކުމުގެ މުއްދަތުން އުނިކުރެވޭނެ ކަމަށްވެސް ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު