އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ބާތިލުކުރުމަށް އެދި ސިވިލް ކޯޓަށް މައްސަލައެއް
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ބާތިލުކުރުމަށް އެދި ސިވިލް ކޯޓަށް މައްސަލައެއް
އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބު ބާތިލުކުރުމަށް އެދި ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

މި މައްސަލަ ކޯޓަށް ހުށަހެޅުއްވީ ގާނޫނީ ވަކީލު އަބްދުالله ޝާއިރު ކަމަށް މައުލޫމާތު ލިބެ އެވެ.

ވަކީލު ޝާއިރު ހުށަހެޅުއްވި މައްސަލާގައި މައިގަނޑު ގޮތެއްގައި އެދިވަޑައިގެންފައިވަނީ އެމްޑީޕީން ނެރެފައިވާ އިންތިހާބުގެ އިއުލާނާއި، އެ އިންތިހާބަށް ކަނޑައަޅާފައިވާ ތާވަލު ނުވަތަ ޓައިމްލައިން ބާތިލުކޮށްދިނުމަށެވެ.

މީގެ އިތުރުން، އެމްޑީޕީގެ އިންތިހާބީ ކޮމިޓީން ނިންމާފައިވާ ނިންމުންތަކަކީ ޕާޓީގެ އަސާސީ ގަވާއިދާ މުޅިން ހިލާފު ނިންމުންތަކެއް ކަމަށްވެސް އެ މައްސަލާގައި ފާހަގަކޮށްފައިވެ އެވެ.

މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅި ނަމަވެސް، ކޯޓުން އެ މައްސަލަ ރަސްމީކޮށް ބަލައިގަތް ކަމެއް އަދި މިހާތަނަށް ސާފުވެފައެއް ނުވެ އެވެ. އިންތިހާބާ ގުޅޭ ގާނޫނީ މައްސަލަތަކެއް ފެންމަތިވެފައި މިވަނީ އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހު އިންތިހާބު ބޭއްވުމަށް ތައްޔާރުވަމުން ދަނިކޮށެވެ.

ޖޫން މަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިހާބުގައި ތިން ކެންޑިޑޭޓަކު ވާދަކުރައްވަ އެވެ. އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް އަދި ލ. ފޮނަދޫއަށް ނިސްބަތްވާ އިބްރާހިމް މުހައްމަދު (ވާޑު) އެވެ.



ކިޔުންތެރިންގެ ހިޔާލު