ލ. ކުނަހަންދޫއަށް ސީދާ ގޮސް އެރަށުން ފެން ނުވެރި ނަމަވެސް، އެރަށުގެ ރައްޔިތުން ފެނުގެ ނިޒާމެއް ނެތުމުން އުޅެމުންދާ ދަތި ހާލު ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޢަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ކުނަހަންދޫ އަކީ ރާއްޖޭގައި ފެނުގެ ޚިދުމަތް އެންމެ އަވަހަށް ފޯރުކޮށްދޭންޖެހޭ ރަށްތަކުގެ ލިސްޓުގެ އެންމެ ކުރީގައި އޮތް އެއް ރަށް ކަމަށެވެ.

އަދި އެކަން ދަނެގެން އެ މަސައްކަތް ކުރިއަށް ގެންދިއުމަށް މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.

"އަޅުގަނޑަކަށް ސީދާ ސުވާލެއް ފާހަގައެއް ނުކުރެވޭ. ނަމަވެސް ކުރިންވެސް ދެންނެވިހެން އަޅުގަނޑަށް އެނގޭ ކުނަހަންދޫއަކީ ރާއްޖޭގެ ފެނުގެ ހިދުމަތް ދޭން ޖެހޭ ލިސްޓުގަ އެންމެ ކުރީގަ އޮތް އެއް ރަށްކަން. އެހެންވީމާ އެކަން އެނގިހުރެއޭ އަޅުގަނޑު މަސައްކަތް ކުރަމުން މި ދަނީ،" މިނިސްޓަރު މުއްތަލިބް ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، ރަށެއްގެ ހާލަތު ދެނެގަތުމަށް ކޮންމެހެން އެ ރަށަކަށް ގޮސް ހުންނަން ނުޖެހޭ ކަމަށެވެ. "ކޮންމެހެން އަޅުގަނޑު އެރަށަށް ގޮއްސަ ކޮންމެ ހަފްތާއަކު ފެން ނުވެރިޔަކަސް އަޅުގަނޑަށް އެނގެއޭ އެރަށު ރައްޔިތުން އުޅޭ ހާލު،" މިނިސްޓަރު ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ކަންބޮޑުވުންތައް ސަރުކާރުން ބަލައިގަންނަ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައިވާއިރު، ކުނަހަންދޫ ފެނުގެ މަޝްރޫޢަކީ އެރަށުގެ ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ އަދި އެރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ދަތިކަމެވެ.



ކިޔުންތެރިންގެ ހިޔާލު