ފޮޓޯ: ބީއެމްއެލް
ފޮޓޯ: ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ޑިޖިޓަލް ޕާޓްނާޝިޕެއް ގާއިމުކުރީ ކަސްޓަމަރުންގެ އަމިއްލަ މައުލޫމާތު އެއް ފަރާތުން އަނެއް ފަރާތަށް ދިނުމުގެ މަގްސަދުގައި ނޫން ކަމަށް ބޭންކުން ހާމަކޮށްފިއެވެ.

މީޑިއާތަކުން މިއަދު ކުރި ސުވާލުތަކަށް ޖަވާބު ދެމުން ގައުމީ ބޭންކުން ބުނެފައިވަނީ، އިމިގްރޭޝަނާއެކު މިފަދަ ސްޓްރެޓީޖިކް ޕާޓްނަރޝިޕެއް ގާއިމުކުރީ ބޭންކުގެ ޕޭމަންޓް ސިސްޓަމްގެ ރައްކާތެރިކަން އިތުރަށް ހަރުދަނާކުރުމަށްޓަކައި ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން، ކަސްޓަމަރުންގެ ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކޮށްގެން މުއާމަލާތެއް ކުރާ ވަގުތު، ކާޑުގެ ވެރިފަރާތަކީ އެވަގުތު ރާއްޖޭގައި ހުރި މީހެއްތޯ ނުވަތަ ރާއްޖޭން ބޭރުގައި ހުރި މީހެއްތޯ ސިސްޓަމް މެދުވެރިކޮށް ކަށަވަރު ކުރެވޭނެއެވެ.

މި އިންތިޒާމުގެ ސަބަބުން، ރާއްޖޭން ބޭރުގެ އޭޓީއެމް ނުވަތަ ޕީއޯއެސް މެޝިންތަކުން މުއާމަލާތް ކުރެވޭނީ ކާޑުގެ ވެރިފަރާތަކީ އެވަގުތު ރާއްޖޭން ބޭރުގައި ހުރި މީހެއްކަން އިމިގްރޭޝަންގެ ރެކޯޑްތަކުން ދައްކާނަމަ އެކަންޏެވެ. އެހެންކަމުން، ރާއްޖޭގައި ހުރި މީހެއްގެ ކާޑު ހިފައިގެން އެހެން މީހަކު ރާއްޖޭން ބޭރަށް ގޮސް މުއާމަލާތް ކުރުމުގެ ފުރުސަތު މިހާރު ވަނީ ބަންދުވެފައެވެ. ނަމަވެސް، މި ބަދަލާއެކުވެސް އީކޮމާސް ނުވަތަ އޮންލައިންކޮށް ކުރާ މުއާމަލާތްތަކަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް ބޭންކުން ބުނެއެވެ.

ބީއެމްއެލް އިން ބުނީ ކާޑުން މުއާމަލާތެއް ކުރާއިރު ހިނގާ އޮތަރައިޒޭޝަން ޕްރޮސެސްގެ ތެރެއިން މިހާރުވެސް ކާޑުގެ ސައްހަކަމާއި ބެލެންސް ހުރިތޯ އޮޓޮމެޓިކުން ބަލާ ފަދައިން، އަލަށް ގާއިމުކުރި އިންޓަގްރޭޝަންގެ ސަބަބުން ކާޑުގެ ވެރިފަރާތް ހުރި ތަންވެސް ސިސްޓަމުން އޮޓޮމެޓިކުން ކަށަވަރުކޮށްދޭނެ ކަމަށެވެ. މިއީ މީހެއްގެ ޒާތީ މައުލޫމާތު ހޯދުމަށް ކުރާ ކަމެއް ނޫން ކަމަށާއިޠ މުއާމަލާތުގެ ސައްހަކަން ކަށަވަރުކުރުމަށް ކުރާ ކަމެއް ކަމަށް އެ ބޭންކުން ހާމަކުރިއެވެ.

ބޭންކުން މި ފިޔަވަޅު އަޅާފައިވަނީ މާލީ ކުށްތައް އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ. ހާއްސަކޮށް، ކާޑުގެ ވެރިފަރާތަށް ނޭނގި ކާޑު ނަކަލުކޮށްގެން ނުވަތަ އޮޅުވާލައިގެން ކާޑު ހޯދައިގެން ރާއްޖޭން ބޭރުގައި ކުރާ މުއާމަލާތްތައް ހުއްޓުވުމަކީ ބޭންކުގެ މައިގަނޑު މަގްސަދެވެ.

ބީއެމްއެލްގެ ކާޑު ބޭނުންކުރުމުގެ އުސޫލުތަކުގައި، ވެރިފިކޭޝަން ހެދުމަށް ބޭނުންވާ މައުލޫމާތު ކޮންމެ ފަރާތަކުންވެސް ހޯދުމުގެ ހުއްދަ ކާޑުގެ ވެރިފަރާތުން ބޭންކަށް ކުރިންވެސް އޮންނަނީ ދީފައެވެ. އަދި މިހާރު ގެނެވުނު ބަދަލާއެކު އެ މާއްދާ ވަނީ އިތުރަށް ތަފްސީލުކޮށްފައެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި، މި ފިޔަވަޅާއެކު އެ ބޭންކް ވެފައިވަނީ ބޭންކިންގ ސަލާމަތީ ކަންކަމުގައި މި ސަރަހައްދުގައި ވެސް ކުރިއަރާފައިވާ ބޭންކަކަށެވެ. މިއީ އާންމު ބޭންކިންގ ސިސްޓަމްތަކުން އެކަނި ފޯރުކޮށްނުދެވޭނެ ފަދަ ރައްކާތެރިކަމެއް ކަމަށާއި، މިއީ ރާއްޖޭގެ ޕޭމަންޓް ސިސްޓަމްގެ ރައްކާތެރިކަމަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ބޭންކުން ފާހަގަކުރެއެވެ. ބޭންކުން ވަނީ ކޮންމެ މުއާމަލާތަކީވެސް ރައްކާތެރި އަދި ކަށަވަރުކުރެވިފައިވާ މުއާމަލާތެއްކަން ޔަގީންކޮށްދިނުމަށް އަބަދުވެސް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު