[މަންމާ....އަވަހަށް ހިނގާ ރިޝްފާނަށް މި ޚަބަރުދޭން...ހާދަ އުފާވެއްޖޭ އަހަރެން. [الحمد الله ޝުކުރު] މާޔާ އޭނާގެ ނަޞީބާމެދު އުފާވެފައި ހުރެމެ ހެއްދެވި ފަރާތަށް ޝުކުރު ކުރިއެވެ.

[ރިޝްފާން އޮފީސް ނިންމާފައި އަންނައިރަށް މި ރިޕޯޓް ދިއްކޮށްލާތި....މަންމަވެސް އެސޮރު އޮފީހުން އަންނަންދެން ގޭގައި އިންނާނަން.] ޓެކްސީގައި ރަށަށް ދިޔުމަށްޓަކައި ނައްޓާލަމުން މަންމަ ވާހަކަ ދެއްކިއެވެ.

މާޔާއާއި މައިދައިތަ ހޮސްޕިޓަލަށް ދިޔައީ، ރިޝްފާންގެ ކޮއްކޮ ރަޝާޔާ ރިޝްފާ ޙަވާލުކޮށްފައެވެ.

ގޭގެ ދޮރުމައްޗަށް ޓެކްސީ މަޑުކޮށްލިއިރު، ރަޝާއާއި ރިޝްފާ ކުޅެން ތިއްބެވެ. ވަރުދާ ކާރުން ފޭބިގޮތަށް ރިޝްފާ އުރާލިއެވެ. ނަމަވެސް، މާޔާއަކަށް އެކުއްޖާއާ ދިމާއަށް ބަލައިވެސްނުލެވުނެވެ.

[މާމާ....] ވަރުދާ އުރާލުމާއެކު، ވަރުދާގެ މޫނަށް ބަލަމުން ރިޝްފާ ގޮވިއެވެ. އޭރު މާޔާ ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. މިހާރު އޭނާގެ ކެތްތެރިކަން ކުޑަވެފައިވަނީ، އެ އުފާވެރި ޚަބަރު ރިޝްފާނަށް ދިނުމަށެވެ. ގުޅާފައި ބުނެފާނަމޭވެސް ބައެއްފަހަރު ހިތަށްއަރައެވެ. ދޭތެރެ ދޭތެރެއިން އޭނާއަށް ގަޑިއަށްވެސް ބަލައިލެވެއެވެ. ހީވަނީ ވަގުތު ދިގުލާހެނެވެ. މާބޮޑަށް ހިތް އަވަސްވެފައިވާތީއެވެ.

[މަންމާ...އަޅެ ހިތަށް އެބައަރާ، ގުޅާފައި ބުނެފާނަމޭވެސް. ރިޝްފާން ހާދަ އުފާވާނޭ.] ރިޝްފާ އުރައިގެން އައިސް ވަރުދާ ކޮޓަރިޔަށް ވަނުމުން މާޔާ ވާހަކަ ދެއްކިއެވެ.

[ދަރިފުޅުގެ މަންމައާއި ބައްޕައަށް ގުޅާފައި، ތި ޚަބަރު ފުރަތަމަދީބަލަ. ތިކަމުން އަހަންނަށް ލިބޭ އުފާ އެވެރިންނަށްވެސް ލިބޭނެއެއްނު.] މާޔާއަށް ވަރުދާ ހަނދާންކޮށްލަދިނެވެ.

މާޔާ ވަގުތުން ގުޅީ އޭނާގެ މަންމަ ޒަޙީރާއަށެވެ. އެ ޚަބަރު ލިބުމުން ޒަޙީރާއަށް ލިބުނު އުފަލުގެ ކޮޅެއްނެތް ކަހަލައެވެ. ޒަޙީރާ މިއަންނަނީއޭ ބުނެފައި ފޯނު ބާއްވައިފިއެވެ. އޭނާވެސް މާމަ ދަރިޔަކަށް އިންތިޒާރު ކުރާތާ ލައްކަ ދުވަސްކޮށްފައި ލިބުނު އުފާވެރި ޚަބަރަކަށްވުމުން، އޭނާ ގުޅީ ފުރަތަމަ އޭނާގެ ފިރިމީހާ، އާދެ! މާޔާގެ ބައްޕަ ޖަޢުފަރަށެވެ.

އެދުވަހަކީ އެ ދެޢާއިލާއަށްވެސް އައި އެންމެ އުފާވެރި ދުވަހެވެ. ދެ ޢާއިލާގެ ހުރިހާ މެންބަރުންވެސް އެ ޚަބަރު ލިބުމާއެކު، ވަގުތުން އެގެޔަށް އައިސް މާޔާއާ ރިޝްފާނަށް މަރްޙަބާ ކިޔެވެ.

އެހުރިހާ މޫނުތަކެއްގެ އުފާވެރިކަން ބަލަން ކުޑަކުޑަ ރިޝްފާ އިނީ އާދަޔާ ޚިލާފު ނަޒަރަކުންނެވެ. އެކުއްޖާ އިނީ މާޔާއާ ދިމާއަށް ލޯއަޅައިގެންނެވެ. އެކުއްޖާއަށް ބަލައިލެވުނު ވަގުތު އެކުއްޖާގެ ނަޒަރުން މާޔާގެ ހިތަށް ބިރުވެރިކަން ވަނީ ކީއްވެގެން ކަމެއް ނޭނގެއެވެ. އެކުއްޖާގެ ނަޒަރާއި އޭނާގެ ނަޒަރު ސީދާވުމާއެކު، އޭނާއަށް އިސްއޮބާލެވުނީ ކުއްލިއަކަށެވެ. އެކުއްޖާގެ ލޮލުން ނާމާން ސިގްނަލެއް ފާޅުވީކަހަލައެވެ.

[ރިޝްފާން...އެ ކުޑަ ކުއްޖާ މަންމަމެން ގެޔަށް ފޮނުވާލަންވީނު...އެކުއްޖާގަނޑު މަތިން އަހަރެން މިހާރު ވަރަށް ފޫހިވެއްޖެ.] މާޔާ ރިޝްފާން އެކަހެރިވީ ވަގުތު ބުންޏެވެ. ނަމަވެސް، ރިޝްފާނެއް އެކަމަކަށް އެއްބަހެއް ނުވިއެވެ. ރިޝްފާން ބުނީ އަޅާލާނެ ޔާރަކު ނެތް ތުއްތު ކުއްޖަކާ ދޭތެރޭ އިހާނެތިކޮށް ހިތަން އޭނަޔަށް ލާހިކުނުވާ ކަމަށެވެ.

[ރިޝްފާން...އެކުއްޖާގަނޑުވެސް ބަސްއަހާނަމަ، ކޮންމެ މީހަކަށްވެސް ގެންގުޅެވިދާނެ. އެކަމަކު...އެކުއްޖާ ހީވަނީ ފާޑަކަށް އަހަންނާ ޖެހިފައި ހުންނަހެން. އެކުއްޖާ އުޅޭގޮތުން ބައެއްފަހަރު ބިރުވެސްގަނޭ....] މާޔާއަށް މިހެން ބުނެވުނު ވަގުތު ކޮޓަރި ދޮރު ހުޅުވާފައި ރިޝްފާ އެތެރެއަށް ވަނެވެ.

[ބައްޕާ....ކޮއްކޮ މިގެއިން ނުފޮނުވައްޗޭ....ކޮއްކޮ އަބަދުވެސް އުޅެން ބޭނުންވަނީ ބައްޕަ ގާތު.] ރިޝްފާ އައިގޮތަށް އައިސް ރިޝްފާންގެ ކަރުގައި އެލިގަތެވެ. އެ މަންޒަރު ނިކަން ފޫހި ނަޒަރަކުން ބަލަން މާޔާ އިނެވެ.

[އާނ....ދަރިފުޅާ....އަބަދުވެސް ދަރިފުޅު އުޅޭނީ މިގޭގައި، މި ބައްޕަގެ ގާތުގައި...ދަރިފުޅު ކީއްވެތަ، މި މަންމަޔާ ވާހަކަ ނުދައްކަނީ. ދަރިފުޅު ތިހެން ކަންތައް ކުރީމާ މަންމަ ކިހާދެރަވާނެ.] ރިޝްފާގެ ބޮލުގައި ފިރުމާލަމުން ރިޝްފާން ވާހަކަ ދެއްކިއެވެ. މާޔާގެ މޫނަށް ރިޝްފާ ބަލައިލިއެވެ.

[މަންމާ...ކޮއްކޮ ދެން ދުވަހަކުވެސް މަންމަޔާ ރުޅިއެއްނުވާނަން.[ މާޔާގެ މޫނަށް ބަލައިލުމަށްފަހު ރިޝްފާ ހިނިތުންވެލިއެވެ. ނަމަވެސް، މިހާރަކު މާޔާގެ ހިތެއް އެކުއްޖާއާ ދޭތެރޭ އެހާ ރަނގަޅެއް ނޫނެވެ.

ނަމަވެސް އޭނާވެސް އެވަގުތު އެކުއްޖާއަށް ހީލިއެވެ. ރިޝްފާން ހިތްހަމަނުޖެހިދާނެތީއެވެ.

މިފަދައިން ދުވަސްތައް ފާއިތުވަމުން ގޮސް މާޔާގެ ބަނޑުވެސް އުފުލެން ފަށައިފިއެވެ. މިހާރު މާޔާއަށް ކުރިން ދުވަހަކުވެސް ނުލިބޭ ވަރަށް އެކި ފަރާތް ފަރާތުގެ ލޯތްބާއި އަޅާލުން ލިބެމުންދެއެވެ.

ދެފަރާތު ޢާއިލާއިން ގެނެސް ވައްދާފައިވާ އެކިއެކި ބާވަތުގެ މޭވާޔާއި ތަރުކާރީތަކުން ކޮޓަރިވަނީ ފުނިޖެހިފައެވެ.

އެއީ ކުޑަކުޑަ ރިޝްފާ އެހާ ހިތްހަމަނުޖެހޭ ކަމެއް ކަމަކަށް ނުބެލެވެއެވެ. އޭނައަށް އެކަނި ކޮޓަރިއަށް ވަދެވޭ ކޮންމެ ފަހަރަކުވެސް އޭނާ ކިޑިކީތަކުން ފުރުޓްތައް ބޭރަށް އުކައެވެ. ބައެއްފަހަރު އެހެން ފަރާތެއްގެ ނުފޫޒު އޭނައަށް ފޯރަމުންދާހެންވެސް ހީވެއެވެ.

ބައެއްފަހަރު އޭނާ ގާތު އެހެން މީހަކު ބުނާކަހަލައެވެ. [ދަރިފުޅާއެވެ. ދަރިފުޅު ފިޔަވައި އެހެން ފަރާތެއްގެ ބާރު ތި ޢާއިލާއަށް ގަދަވިޔަނުދޭށެވެ. އެކަމުން ހިތްދަތިކަން ލިބޭނީ ދަރިފުޅަށެވެ.]

[ރިޝްފާން ހާދަވަރަކަށޭ މި ކޮޓަރިތެރޭން ފުރުޓްތައް މަދުވަނީ....އަހަރެން އެހާވަރަކަށް ނުވެސް ކަން.] ފެހި އާފަލެއް ފަޅިކޮށްލަމުން މާޔާ ވާހަކަ ދެއްކިއެވެ.

[ސާބަސް....މާޔާއަށް ކެވޭވަރު އެބަ ގުނަންތަ. ހަމަގައިމުވެސް ރިޝްފާއެއް ނުކައި....އެއީވެސް ވަރުގަދަ ކުއްޖެކޭ. ފައިދާހުރި އެއްވެސް އެއްޗެއް ނުކާނެ. އެކަމަކު އަޑުކިޔާފައި އިސްކޮޅު އެބަލާ.] ރިޝްފާން ހީގެންފައި ބުންޏެވެ.

އެވަގުތު ކޮޓަރި ދޮރު ހުޅުވުނު ތަން ރިޝްފާނަށް ފެނުނެވެ.

[ކާކު...؟] ދޮރާ ދިމާއަށް ބަލަން ހުރެފައި ރިޝްފާން އެއްސެވެ.

[ކޮއްކޮ....] އެތެރެޔަށް ވަނީ ރިޝްފާއެވެ.

[އަވަހަށް އާދޭ ދަރިފުޅާ....] މާޔާގެ މޫނަށް ބަލައިލަމުން ރިޝްފާން ބުންޏެވެ. ކުޑަކުޑަ ރިޝްފާ އައިސް އެނދަށް އެރިއެވެ. މާޔާ އާފަލު ފަޅިއެއް އެމަންޖެއަށް ދިއްކުރިއެވެ.

[ކޮއްކޮ ނުކާނަން...މަންމަ ކާލާ....] މިހާރަކަށް އައިސް ރިޝްފާންގެ ކުރިމަތީގައި އެ މަންޖެގެ ވާހަކަޔާއި ރާގު ކިތަންމެހާވެސް ރީއްޗެވެ. މާޔާއާ ހެޔޮހިތުން އޭނާ ވާހަކަ ދައްކާ ހަދަނީ ރިޝްފާންގެ ކުރިމަތީގައެވެ.

ހީވާކަހަލައެވެ. އެއީ އޭނާގެ މަންމަގެ ނަޞޭޙަތެވެ. އޭނާގެ މަންމަ ދަސްކޮށްދީފައިވާ ގޮތްތެކެވެ.

ދުވަސްތައް އާދައިގެ މަތިން ފާއިތުވަމުން ގޮސް މާޔާގެ ބަނޑަށްވެސް ދުވަސް ފުރިއްޖެއެވެ.

ރިޝްފާނާއި މާޔާ މިހާރު ތައްޔާރުވަމުން އެދަނީ އުފަންވާން އުޅޭ އެދެމަފިރިންގެ ދަރިފުޅަށް ބޭނުންވާނެ ސާމާނުތައް އެއްކުރުމުގައެވެ. މާޔާ ވިހާ ދުވަސް ކައިރިވަމުން އައި ވަރަކަށް އޭނާގެ ހިތުގައި ރިޝްފާއަށްޓަކައިވާ ޖާގައިގެ މިން ކުޑަވަމުންދިޔައެވެ. އޭނާ މިހާރު އެކުއްޖާ ފެނުނަސް ފޫހިވާ ކަހަލައެވެ.

މެންދަން ވަގުތެވެ. ރިޝްފާނާއި މާޔާވެސް ތިބީ ގަދަ ނިދީގައެވެ. ކުރިމަތީގައި ހުރި ކުޑަ އެނދެއްގައި ރިޝްފާވެސް އޮތެވެ. ނަމަވެސް، ނިދާކަށް ނޫނެވެ. ކޮންމެވެސް ކަމަކާ ފިކުރުކޮށްކޮށެވެ. އޭނާގެ ނަޒަރު ހުއްޓިފައިވަނީ ނިދާފައި އޮތް މާޔާއާ ދިމާއަށެވެ. އިރުކޮޅެއް ވަންދެން މާޔާއަށް ބަލަން އޮވެފައި، އޭނާ ފުންމައިގެން ތެދުވިއިރު ހީވީ ބޮޑު ސިންގާ އަންހެނެއްގެ ޙަރަކާތްތަކެއް ހެނެވެ. އޭނާ ދެލޯ އަޅަމުން ހިނގައިގަތީ މާޔާ އޮތް އެނދާ ދިމާއަށެވެ. މިހާރު އެކުއްޖާގެ ދެލޯވެސް ހީވަނީ އަނގުރު އަލިފާންކޮޅެއް ހެންނެވެ. މޫނުމަތިންވެސް އާދަޔާ ޚިލާފު ބިރުވެރިކަމެއް ފާޅުވަމުންދިޔައެވެ.

މަޑުމަޑުން ހިނގާފައި އައިސް އޭނާ މާޔާއާއި ރިޝްފާން ނިދާފައި ތިބި އެނދާ ދާދި ކައިރިއަށް ހުއްޓިއްޖެއެވެ. އެއަށްފަހު، ނިކަން ނުލަފާ ޒާތަކަށް މާޔާއަށް ބަލަން ފަށައިފިއެވެ. އެހިނދު މާޔާ ނިދީގައި އޮވެމެ ފުރޮޅިލިއެވެ. އެވަގުތު ކޮޓަރި ކުޑަދޮރުތަކާ ދިމާއިން ހިޔަންޏެއް ފާޅުވެއްޖެއެވެ. އެ ހިޔަނި ކުޑަކުޑަ ރިޝްފާއަށް މުޅިން އެހެން ބަހުރުވަޔަކުން އިރުޝާދު ދޭން ފެށިއެވެ.

އިސާހިތު ލިބުނު އިރުޝާދާއެކު، ރިޝްފާގެ އަތް ޙަރަކާތް ކުރަމުން އެދަނީ މާޔާގެ ބަނޑާ ދިމާ ތިރިޔަށެވެ. އެހިނދު އަނެއްކާވެސް މާޔާ ފުރޮޅިލިއެވެ. މިފަހަރު ރިޝްފާ ކުރިޔަށް ވުރެންވެސް އެނދާ ކައިރިޔަށް ޖެހިލިއެވެ.

އޭރުވެސް އެ ހިޔަނި ކުޑަދޮރު ކައިރިން ފާޅުވަމުންދިޔައެވެ. އެއީ ކޮންމެވެސް އަންހެނެއްގެ ހިޔަންޏެކެވެ. ހީވާކަހަލައެވެ. އެއީ ރިޝްފާގެ މަންމައެވެ. އެ މަންމަގެ އިރުޝާދު ލިބުނީކަންނޭނގެއެވެ. މިހާރު ކުޑަކުޑަ ރިޝްފާގެ އަތް ޙަރަކާތް ކުރަމުން އެދަނީ މާޔާގެ ބަނޑާ ދިމާއަށެވެ. ތޫނު ވަކިތަކަކާ އެކުގައެވެ. ރުޅިވެރި އަސަރުތަކަކާއެކު ނާމާން ބަލައިލުމަކަށްފަހުގައެވެ.

ރިޝްފާގެ މޫނުގެ ކުލަވެސް މިހާރު ވަނީ ބަދަލުވެފައެވެ. ބައެއްފަހަރު އެ މޫނުމަތިން ނާމާން ސިފައެއްވެސް ފާޅުވަމުންދެއެވެ. މާޔާއަށް ހޭލެވުނީ ނާމާން ސިފައެއްގައި ހުރި ރިޝްފާގެ އަތުގެ ތޫނު ވަކިތައް އޭނާގެ ބަނޑަށް ވައްދާލަން އުޅުނު ދަނޑިވަޅުގައެވެ.

ހޭލެވުމާއެކު ނިކަން ބާރު ހަޅޭކަކާއެކު، މާޔާ ތެދުވެއްޖެއެވެ. ނިކަން ބިރުގެންފައި ހުރެމެ، އޭނާއަށް ބަލައިލެވުނީ ރިޝްފާ ނިދާ އެނދާ ދިމާއަށެވެ. އެ މަންޖެ ނިކަން އަރާމު ނިންޖެއްގައި އޮތެވެ. ނަމަވެސް، އެއީ ފެނުނު ހުވަފެނެއް ކަމަށް ޤަބޫލުކުރާކަށްވެސް އޭނާ ބޭނުމެއްނުވާ ކަަހަލައެވެ. އޭނާގެ ހިތަށް އަރަމުންދިޔައެވެ. އެފަދަ ހުވަފެނެއް ފެންނަންވީ ކީއްވެގެން ހެއްޔެވެ؟ އެ ހުވަފެނުގައި ކޮންމެވެސް މާނައެއްވާނެއެވެ. ނޫނެކެވެ. އެއީ މަޢުޞޫމް އަންހެން ކުއްޖެކެވެ. އެ ތުއްތު ކުއްޖާއާ ދޭތެރޭ އެގޮތަށް ވިސްނާކަށްވެސް ނުވާނެއެވެ. މިފަދަ ޚިޔާލު ތަފާތު މަސްހުނި ވިސްނުމެއްގައި ހިނދުކޮޅެއް ވަންދެން ހުރެފައި މާޔާ އަނެއްކާވެސް ނިދަން އޮށޯތީ ރިޝްފާއާ ދޭތެރޭ ހިތް ރަނގަޅުކޮށް، އަމިއްލަ ނަފްސަށް މަލާމާތް ކުރާފަދަ ބޯ ހަލުވައިލުމަކަށްފަހުގައެވެ.

އަނެއް ދުވަހު ހެނދުނު ތެދުވެ އޭނާ އެ ހުވަފެނުގެ ވާހަކަ ރިޝްފާނަށް ކިޔައިދިނީމާ، އޭނާގެ ގާތަށްވެސް އައީ ހިންޏެވެ.

[ތީ މާޔާގެ ހިތް އެ މަންޖެއާ ދޭތެރޭ ގޯސްވީމާ ވާގޮތެއް...ހުވަފެނުގައި މާޔާއަށް އެމަންޖެ ތި ސިފަކުރެވުނީ އަދި ހަންޑިޔަކަށްވިއްޔަ....]

ރިޝްފާން އަދިވެސް މާޔާއާ ދިމާކޮށްފައި ހެނީއެވެ. އޭރު އެމީހުނަށް ފެންނަ ފަށުގައި ރިޝްފާވެސް ކޮންމެވެސް އެއްޗަކާ ކުޅެން ހުއްޓެވެ.

[އެކަމަކު ރިޝްފާން...އަހަރެން ހާދަ ބިރުގަތޭ...ހާދަ ބިރުވެރި ސިފަޔަކަށޭ އެ މަންޖެ ހުރީ....] މާޔާހުރީ ސަމާސާ މޫޑެއްގައެއް ނޫނެވެ. އޭނާހުރީ ސީރިޔަސްވެފައެވެ.

[އެންމެ ރަނގަޅު. ދެން ތިވާހަކަ ހުއްޓާލާ...ނިކަން ހައިވެއްޖެ. ހިނގާ ސައިބޯން.] މާޔާ މާބޮޑަށް ހާސްވެފައި ހުރުމުގެ ސަބަބުން ރިޝްފާން ބޭނުންވީ މަޥްޟޫޢު ބަދަލުކޮށްލާށެވެ.

[ހިނގާ...ރިޝްފާންގެ ދަރިފުޅުވެސް ގޮވައިގެން އާދޭ....] މާޔާ ބަދިގެޔާ ދިމާއަށް ހިނގައިގަތުމުން، ރިޝްފާން ރިޝްފާޔަށް ގޮވާ ގާތަށް ގެނައެވެ.

[ދަރިފުޅު ބަނޑުހައެއްވެސް ނުވޭތަ؟ ބައްޕަޔާއެކު ނާސްތާ ކުރަން ހިނގާ...] ރިޝްފާގެ ކޮލުގައި ރިޝްފާން ހިފާލިއެވެ. ރިޝްފާ ބައްޕަގެ މޫނަށް ބަލައިލިއެވެ. ރިޝްފާ އުރާލައިގެން ގޮސް ރިޝްފާން ކާގެޔަށް ވަނެވެ. އޭރު ބޮޑު ބަނޑާއެކު ބަރުހެލި ޙަރަކާތްތަކަކާއެކު މާޔާ ނާސްތާ ތައްޔާރު ކުރަން އުޅެއެވެ.

[މާޔާ...މާޔާ އައިސް އިށީނދެބަލަ.] ރިޝްފާން މާޔާގެ އަތުގައި ހިފައިގެން އައިސް ގޮނޑީގައި ބޭންދިއެވެ.

[އަހަރެން އިށީނީމަ، ސައި ހަދަނީ ކިހިނެއް؟] ބަނޑުގައި ވަށައިގެން މާޔާ އަތް ހިންގާލިއެވެ.

[އަހަރެން އަމިއްލައަށް ސައި ހަދާނީ....] ރިޝްފާން މާޔާގެ އުނގުގައި ރިޝްފާ ބޭންދިއެވެ. އެޔާއެކު މާޔާ ހީވީ ކަރަންޓެއްގައި ޖެހުނުހެންނެވެ. ލިބުނު ސިހުމާއެކު ކުޑަކުޑަ ރިޝްފާ ކޮއްޕާލެވުނެވެ. އެހިނދު އެއްވެސް ހުރަހެއްނެތި ރިޝްފާ އަނގަވަތަށް ވެއްޓުނެވެ. ބިންމަތީގައި ޖެހުމާއެކު، އެ މަންޖެ ނިކަން ބާރަށް ރޮއިގެންފިއެވެ.

[މާޔާ...ސާބަސް....ކިހިނެއް ތިހެދީ...މާޔާ ތިއުޅެނީ މިކުއްޖާދެކެ ބިރުން!؟] ރިޝްފާން އެމަންޖެ އުރާލާ ލޮއްސޭތޯ މަސައްކަތް ކުރަމުން ވާހަކަ ދެއްކިއެވެ. ހިސާބަކަށް ރުޅިއައިސްފައި ހުރެމެއެވެ.

[ސޮރީ....] ކުރެވުނު ކަންތަކާ ދޭތެރޭ މާޔާވެސް ފަހުން މޮޔަހީވިއެވެ. ރިޝްފާން އެމަންޖެ ލޮއްސަމުން ބޭރަށް ނިކުތީމާ މާޔާ ނާސްތާ ތައްޔާރުކޮށްލިއެވެ. ކުރެވުނު ކަންތަކާ ދެރަވެފައި ހުރެމެއެވެ.

މާގިނައިރުތަކެއްނުވެ ރިޝްފާ މަސަލަސްވީމާ ރިޝްފާން އައިސް ކާގެޔަށް ވަނެވެ.

[އަޅެ ރިޝްފާން....އެއީ އަހަރެން ޤަޞްދުގައި ކުރި ކަމެއް ނޫން. އާދޭ....ދަރިފުޅާ...] ރިޝްފާން ނާސްތާ ކުރަން އިށީނީމާ، މާޔާ އައިސް ކުޑަކުޑަ ރިޝްފާގެ ކޮލުގައި ހިފާލިއެވެ. ނަމަވެސް، ރިޝްފާ އިނީ މޫނު ކުނިކޮށްލައިގެނެވެ. މާޔާއާ ދިމާއަށް ބަލައިވެސްނުލައެވެ.

[ދެން އެކަމާ ނުވިސްނާ. މާޔާވެސް އާދޭ ސައިބޯން.] ރިޝްފާން ބުންޏެވެ.

އޮފީސް ބަންދު އެއްވެސް ދުވަހަކު ރިޝްފާނަކީ ގެއިންވެސް ބޭރަށްދާ މީހެއް ނޫނެވެ. އޭނާ އަބަދުވެސް ވިސްނަނީ މާޔާގެ ގާތުގައި ވީހާވެސް ގިނަވަގުތު ހޭދަކުރުމަށެވެ. ކޮންމެ ބަންދު ދުވަހަކާ ދިމާކޮށް ޒައިދުގެ ދެމަފިރިންވެސް އެގެޔަށް އައިސް އެވެރިންނާއެކު އުޅެއެވެ.

[އައްސަލާމް އަލައިކުމް....] ޒައިދާއި މަލީޙާ އެގެޔަށް އައިސް ވަނީ ރިޝްފާންމެން ނާސްތާކޮށް ނިމުނުތަނާހެނެވެ.

[ވަޢަލައިކުމުއް ސަލާމް.] ސަލާމް ބަލައިގަތުމަށްފަހު ރިޝްފާން ތެދުވިއެވެ. ޒައިދު އައިގޮތަށް އައިސް ރިޝްފާ އުރާލިއެވެ.

[ޒައިދުވެސް ދެން ކުއްޖަކު ހޯދަންވީކަންނޭނގެ. އަޞްލު އަހަރެން ވިސްނާގޮތުން ރަނގަޅީ ކައިވެނީގެ ކުރީކޮޅު ކުދިން ހޯދަންވާ ވަރަށް ހޯދާފައި ހުއްޓާލަން. އޭރުން ދެން އޮންނާނީ މުޅިންވެސް ހަނީމޫން ދުވަސްވަރެއްނު.] ވާހަކަ ދައްކަމުން ރިޝްފާން ކާގެއިން ނުކުތެވެ.

[އަހަރެމެނަށްވެސް މިއުޅެނީ ރިޝްފާންމެނަށް ދިމާވި މައްސަލަ ދިމާވެގެންކަންނޭނގެ. އަހަރެމެނަށް ކުއްޖަކު ނުލިބެންވީ ސަބަބެއް ނެތް.] ޒައިދު މަލީޙާއަށް ބަލައިލަމުން ހީގަތެވެ.

[ދޮގެއް...އަދި އެހާ އަވަހަށް އަހަރެން ކުއްޖަކު ބޭނުމެއް ނޫން. އަދި އެއްއަހަރު ފަސް.] މަލީޙާ ޒައިދުގެ އަނގަ ބަންދުކޮށްލިއެވެ.

[ތީދޯ މައްސަލައަކީ. މަލީޙާ ދަރިޔަކު ބެލެހެއްޓޭވަރަށް ބޮޑުނުވަނީ....] މާޔާ މަލީޙާއާ ދިމާކޮށްލިއެވެ.

[އެހެނެއް ނޫން. މާޔާމެންވެސް ކުއްޖަކު ތިހޯދަނީ ކައިވެންޏަށް ކިތައް އަހަރުވީފަހުން. އަހަރެން އަދި ބޭނުން، މާލެ ގޮސް ކޯސްތަކާއި އެއްޗެހި ހަދަންވެސް. އަހަރެމެން އަންހެނުންނަށްވީމާ، ދަރިން ބަލަން ގޭގައިތަ ތިބެންވީ؟] މަލީޙާއަކީ ނިކަން ހުޝިޔާރު އަންހެނެކެވެ. ވާހަކަ ދައްކައިގެން ދުވަހަކުވެސް އޭނާގެ ކޮޅު ދެރައެއް ނުވާނެއެވެ.

[ބަލަ އަހަރެންވެސް ކޯސްތައް ހަދާނަމޭ. އަހަރެންވާން ބޭނުމީ ނަރުހަކަށް. އެކަމަކު މިއަތޮޅުގައި ކޯސް ހެދެންޏާ އަހަރެން ހަދާނީ....] މާޔާ ބުންޏެވެ.

[މިއަތޮޅުގައިވެސް ހެދޭނެ....އެކަމަކު އަހަރެން ވާން ބޭނުވީ ޓީޗަރަކަށް. އޭރުނެއްނު، ރިޝްފާން ބުނާހެން، ދަރިން ތަރުބިއްޔަތު ކުރަންވެސް ދަސްވާނީ.] މަލީޙާ ބުންޏެވެ.

[ތި ބަޙުޘް ހުއްޓާލަބަލަ. އަހަރެން ކޮންމެހެން މަލީޙާ ގޮވައިގެން މިގެޔަށް އައީ މުސްތަޤްބަލް ރާވާކަށް ނޫން. ދެން ދާންވީނު، ސާމާނުތައް ގަންނަން ދާން....] ޒައިދު މަލީޙާމެންގެ ބަޙުޘް ހުއްޓުވާލުމަށްފަހު ރިޝްފާނާ ވާހަކަ ދެއްކިއެވެ.

[ކޮންތާކަށް ކޯއްޗެއް ގަންނަން؟] މާޔާ އެއްސެވެ.

[މި ބޭބީއަށް ބޭނުންވާނޭ ސާމާނު ގަންނަން ހިތަދުއަށްދާ ވާހަކަ އެބުނަނީ....މާދަމާ ނޫންކަންނޭނގެ ވިހާނީ.] ރިޝްފާން މާޔާގެ ބަނޑުގައި އަތް ކާއްތާލިއެވެ. މާޔާ ހިނިތުންވެލިއެވެ.

ޒައިދު އޭނާގެ އުރުގައި އިން ރިޝްފާ، މަލީޙާ އަތަށް ދިނުމަށްފަހު، ރިޝްފާން ގާތު އަވަހަށް އަންނާށޭ ބުނެފައި، ގެއިން ނުކުންނަން ހިނގައިގެންފިއެވެ. ފަހަތުން ރިޝްފާންވެސް ނުކުމެއްޖެއެވެ.

[ފަހުން ގަންނަން ހަދައިގެން އެކައްޗެއްވެސް ނުގަނެވޭނެ. ހުރިހާ ސާމާނެއްވެސް ހަމަކުރަންވާނެ މިއަދު.] ސައިކަލްގެ ފަހަތަށް އަރަމުން ރިޝްފާން ބުންޏެވެ. ޒައިދު ސައިކަލް ދުއްވާލައިފިއެވެ.

ރަށުތެރޭން މަޑުން ދުއްވި ނަމަވެސް، މީހުން ނޫޅޭ ސަރަޙައްދުތަކުގައި ޒައިދަކީވެސް އާދައިގެ ވަރަށްވުރެން ބާރަށް ސައިކަލް ދުއްވަން އާދަވެފައިވާ މީހަކަށްވުމުން، ހަންކެޑެ ހުރަސްކުރުމާއެކު، އޭނާ ސައިކަލްގެ ދުވެލި ބާރުކޮށްލިއެވެ.

[އޭތް...މާ ބާރަށް ނުދުއްވާ....އަހަރެން ވަޔާއެކު ހިނގައިދާނެ. އަހަރެން ބޭނުން، އަހަރެންގެ ދަރިފުޅު ބޮޑުވަންދެން ދުނިޔޭގައި ހުންނަންވެސް.] ރިޝްފާނަކީ އާދަވެގެން ސައިކަލް މަޑުން ދުއްވާ މީހަކަށްވުމުން، ބާރަށް ދުއްވާ މީހުންގެ ފަހަތަށް އަރަންވެސް އޭނާ ފަސްޖެހެއެވެ.

އަތިރިޔާވީ ފަޅިން އަންހެން ކުއްޖަކު މަގޫ ގަސްތަކުގެ ތެރެއިން ދަނިކޮށް ޒައިދަށް ފެނުނީ އެވަގުތެވެ. ޒައިދު ވަގުތުން ސައިކަލް ބުރަކި ޖައްސާލިއެވެ.

[ރިޝްފާން ބަލާބަލަ އެދިމާއަށް...] ޒައިދު އިނގިލި ދިއްކޮށް، އެކުއްޖާ ރިޝްފާނަށް ދައްކާލިއެވެ. އޭރު އޭނާ އިނީ ރިޝްފާންމެނަށް ފުރަގަސްދީގެން ކަމުގައިވިޔަސް، އެއީ ކާކުކަން ވަގުތުން ރިޝްފާނަށް އެނގި ކަށަވަރުވި ކަހަލައެވެ. އެހިނދު ރިޝްފާންގެ ހިތަށްއެރިއެވެ. އެއީ ހަމަ އޭނާއެވެ.

[ޝަބްނަމް....] ރިޝްފާނަށް ބޭއިޚްތިޔާރުގައި ސައިކަލުން ފޭބިއްޖެއެވެ.

[އެއީ ހަމަ ޝަބްނަމްތަ؟] ޒައިދުވެސް ޙައިރާންވިއެވެ. ރިޝްފާން އެއީ ޝަބްނަމް ކަމަށް ބުނީތީއެވެ.

[އާނ، ޝަބްނަމް ނޫން މީހަކަށް، އެ އިސްތަށިގަނޑެއް ނުލިބޭނެ. އަހަންނަށް ޔަޤީން، އެއީ ޝަބްނަމްކަން.] ރިޝްފާން އެދިމާއަށް ހިނގައިގެންފިއެވެ. ސައިކަލް ހަރު ޖެއްސުމަށްފަހު ޒައިދުވެސް ރިޝްފާން ފަހަތުން ހިނގައިގެންފިއެވެ.

[ޝަބްނަމް....] ރިޝްފާން އެ އަންހެން ކުއްޖާގެ ފުރަގަހުން ގޮސް ދާދި ގާތަށް ހުއްޓި ގޮވާލިއެވެ. ޝަބްނަމް ކަމަށް ޔަޤީންކޮށްފައެވެ. ނަމަވެސް، އޭނާގެ ޔަޤީންވީ ހީއަކަށެވެ. އޭނާގެ އަޑަށް އެނބުރުނީކީ ޝަބްނަމެއް ނޫނެވެ. އެއީ ކުރިން އޭނާ ދުވަހަކުވެސް ދެކެފައިވެސްވާ ކުއްޖެއް ނޫނެވެ. ރިޝްފާން ގަތީ އަމަށަކު ލަދެއްވެސް ނޫނެވެ.

[ސޮރީ....އެކަނިމާއެކަނި ކީއްކުރާ ކުއްޖެއް...] ރިޝްފާ ބޯކަހާލިއެވެ. އެހިނދު އެކުއްޖާގެ ހުރިހާ ނަޒަރެއްވެސް ވަނީ ސީދާ ރިޝްފާނަށް އަމާޒުވެފައެވެ.

[އަހަންނަކީ މަންޒިލް ހޯދުމަށް މަސައްކަތްކުރާ މުސާފިރެއް. ނާކާމިޔާބުގެ ހިތި އަސަރުން ހިތާއި މޭ ފިސްވެފައިވާ މީހެއް....] މިހެން ބުނެފައި، އެ އަންހެން ކުއްޖާ ކުރިޔަށް ހިނގައިގެންފިއެވެ.

[ކޮންކަމެއްތަ ނާކާމިޔާބުވީ؟ ތިހާ ރީތި އަންހެން ކުދިންނަށް ނާކާމިޔާބާ ކުރިމަތިވޭތަ؟] މިފަހަރު އެކުއްޖާއާ ވާހަކަ ދެއްކީ ޒައިދެވެ. ޒައިދަކީ ޢާންމު ދިރިއުޅުމުގައިވެސް ނިކަން ބަސްމޮށުންތެރިއެކެވެ.

[ޢާންމުކޮށް ރީތި ސިފަތައް ލިބިފައި ތިބޭ މީހުންނަކީ ލޯބީގެ މައިދާނުގައި ނިކަން ހިތްދަތި ތަޖްރިބާ ކުރަންޖެހޭ ބައެއް. އެހެން ނޫންނަމަ، އަހަރެންގެ ސިފަޔަށް ފިރިހެނުން ނުހެއްލުނީސް...ނަމަވެސް، ގިނަ ފިރިހެނުން ބޭނުންވަނީ ފޮނިކޮޅު ބޯލުމަށްފަހު އެއްލާލަން....އަހަންނަށްވެސް ދިމާވީ އެފަދަ ގޮތެއް.] އެކުއްޖާ އިސްއޮބާލައިގެން ހުރެ އެހެން ބުނެފައި ކުރިއަށް ހިނގައިގެންފިއެވެ.

[ނުވާނެ ތިހެނެއް...ބުއްދިހުރި އެއްވެސް އިންސާނަކު ތިފަދަ ކުއްޖެއްގެ ލޯބި އެއްލައެއްނުލާނެ....] އެކުއްޖާގެ ރީތިކަމަށް ތަޢުރީފް ކުރާފަދައިން ޒައިދު ބުނެލިއެވެ.

[ތިވަރަށް ވާހަކަ ދައްކާއިރު، އެކުއްޖާގެ ނަންވެސް އަހާލަބަލަ.] ޒައިދުގެ ކޮނޑުގައި ރިޝްފާން ކޮށްޓާލިއެވެ. ރިޝްފާންގެ އަޑު އެމަންޖެއަށް އިވުނީކަންނޭނގެއެވެ.

[ޝަބްނަމް ކަމަށްދޯ ހީކުރީ....އަހަންނަށް ކިޔަނީ ރޫޙާ.....] ރޫޙާ ފަސްއެނބުރި ބަލައިލުމަށްފަހު، އެހެން ބުނެފައި ގޮސް، އެމީހުންގެ ލޯމަތިން އޮބާލައިފިއެވެ.

އެއާއެކު ރިޝްފާންމެން ސައިކަލަށް އަރާ ދުއްވާލައިފިއެވެ.

[ޔަޤީން، ދަރު ހޯދަން އައިސް އުޅޭ ކުއްޖެއް ކަމަށްވާނީ...އޭނަ ވަދެގެންދިޔަ ދިމާލުން ބަޔަކު ވާހަކަ ދައްކާ އަޑުވެސް އިވުނޭ.] ޒައިދު ސައިކަލް ދުއްވާލުމުން، ރިޝްފާން ބުންޏެވެ.

ރިޝްފާނާއި ޒައިދު ހިތަދުއަށް ދިޔުމަށްޓަކައި ގެއިން ނިކުތުމާއެކުހެން ކުޑަކުޑަ ރިޝްފާގެ މޫޑު މުޅިން ބަދަލުވިއެވެ. ހީވާކަހަލައެވެ. ރިޝްފާން ގޭގައި ނެތް ވަގުތު މާޔާއަށް ޙަސަދަ ފިލުވައިލަން އޭނާ ބޭނުންވަނީއެވެ.

[މަލީޙާ...ތިކުއްޖާ ތިގެޔަށް ގެންދަންވީނު. އޭރުން މަލީމެންވެސް އެކަނިފިލާނެއެއްނު. އަހަރެން ވިހައިގެން އުޅޭއިރު، ތިވަރު ކުއްޖަކު ލައިގެން އުޅެންވެސް ނިކަން ދަތިވާނެވިއްޔަ.] މާޔާ އޭނާޔާ ދިމާއަށް ކަޅިއަޅަމުންދިޔަ ރިޝްފާއަށް ބަލައިލަމުން ބުންޏެވެ.

[އަޅެ...މާޔާ އަހަންނަށް ދީފާނަންތަ؟] މަލީޙާއަށް ޤަބޫލުކުރަން ދަތިވިއެވެ.

[އާނ، ތީ ނިކަން ބޯހަރުވެސް ކުއްޖެއް. މަގޭ ގާތަށް އެންމެ ރުޅިއަންނަނީ....ރިޝްފާން ބައްޕަ ކަމަށް ޤަބޫލުކުރާއިރު، އަހަރެން މަންމަ ކަމަށް ނުދެކޭތީ.] ހިތުން މާޔާ ވާހަކަ ދެއްކީ، އެކުއްޖާއަށް ނީވޭނެ ކަމަށެވެ. ނަމަވެސް، އެދެމީހުން ދެއްކި ހުރިހާ ވާހަކައެއްވެސް އެކުއްޖާ ކަނުލާ އަޑުއެއްސެވެ.

[އަހަރެންގެ ބައްޕަ، ބައްޕަ ކަމަށް ޤަބޫލު ކުރިޔަސް، އަހަރެންގެ މަންމަ ނޫން މީހަކު މަންމަ ކަމަށް ޤަބޫލުކުރާކަށް ބޭނުމެއް ނޫން.] ކުޑަކުޑަ ރިޝްފާންގެ ބޯހަރުކަމާއި މުސްކުޅިކަން ފެނި މަލީޙާވެސް ހުރީ ޢަޖައިބުވެފައެވެ.

[ރިޝްފާ....] މާޔާ ނިކަން ބާރަށް ހަޅޭއްލަވައިގަތެވެ. އެކުއްޖާ ތުން ދިއްކޮށްގެން ކޮޓަރިން ނުކުތެވެ.

(ނުނިމޭ)



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން