ކުރީގެ ރައީސް މުޙައްމަދު ނަޝީދު
ކުރީގެ ރައީސް މުޙައްމަދު ނަޝީދު
"ގެސްޓް ހައުސް ދޮންބެ" އަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކަމަށް ވިދާޅުވެ، ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މައުސޫމް ރައީސް ނަޝީދަށް ވަރަށް ބޮޑަށް ތަޢުރީފް ކުރަށްވައިފިއެވެ.

ޑރ.މަޢުޞޫމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގެސްޓު ހައުސްތަކުގެ ރަސްގެފާނު ނުވަތަ ދޮންބެ ނުވަތަ ބާނީ ނޫންނަމަ ޒަޢީމް، މިއިން އެއްވެސް ލަޤަބެއް އަރުވާނަމަ އެ ލަޤަބު ލިބިވަޑައިގަންނަވާނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ކަމަށެވެ. އަދި އެމަނިކުފާނުގެ ސިޔާސަތާ އެއްގޮތަށް ގެސްޓުހައުސް ވިޔަފާރީގެ ސްޓްރެޓެޖީ ޙަޤީޤަތަކަށް ހެއްދެވީ ޢަބްދުﷲ ރަޝީދު ކަމަށްވެސް ޑރ.މަޢުޞޫމް ވިދާޅުވިއެވެ.



ޑރ.މަޢުޞޫމް އިތުރަށް ވިދާޅުވީ ގެސްޓު ހައުސް ވިޔަފާރިއަކީ ސީދާ ގޮތެއްގައި ރައްޔިތުންނަށާއި ރާއްޖޭގެ ރަށްރަށުގެ މުޖުތަމަޢަށް ފަތުރުވެރިކަމުގެ މަންފާ ލިބިގެންދާނެ ވިޔަފާރިއެއްކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ރަށްރަށުގައި ގެސްޓްހައުސް ހެދުމުގެ ވިސްނުމަކީ ރައީސް ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނު ރާއްޖެއަށް ތަޢާރަފްކުރެއްވި އެމަނިކުފާނުގެ ސިޔާސަތެކެވެ. ސީދާ ރައްޔިތުމީހާގެ ޖީބަށް ޑޮލަރު ފޯރުކޮށްދިނުމަށް ކަމަށް ބުނެ ފެށި މި ވިޔަފާރިއަށް އޭރު އެމްޑީޕީ ފިޔަވާ ރާއްޖޭގެ ސިޔާސީ ފަރާތްތަކުން ވަނީ ދެކޮޅު ހަދާފައެވެ. ނަމަވެސް މިއަދު ގެސްޓްހައުސް ވިޔަފާރި ވެގެން ގޮސްފައިވަނީ ދިވެހި އިޤްތިޞާދުގެ އެންމެ މުހިއްމު އެއް ބަހާއަށެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ވޭތުވެދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ 10 އިންސައްތަ ހިއްސާކޮށްފައިވަނީ ސީދާ ރަށްރަށުގެ ގެސްޓްހައުސްތަކަށް ޗުއްޓީ ހޭދަކޮށްލުމަށް އައި ފަތުރުވެރިންނެވެ.

ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގެ ގެސްޓް ހައުސްތައް ބަންދު ކުރުމަށްފަހު އިއްޔެ އަލުން ވަނީ ގެސްޓް ހައުސްތައް ޚިދުމަތަށް ހުޅުވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން