ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގި އޮޕަރޭޝަނެއް، ފޮޓޯ: އިމިގްރޭޝަން
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގި އޮޕަރޭޝަނެއް، ފޮޓޯ: އިމިގްރޭޝަން
ސަރުކާރުން ކުރިއަށްގެންދާ "ކުރަނގި" އޮޕަރޭޝަނަކީ ބިދޭސީ މަސައްކަތްތެރިންނަށް އަދަބު ދިނުމުގެ ބަދަލުގައި، އެފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރުމަށް ހިންގާ އޮޕަރޭޝަނެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ބިދޭސީން ރާއްޖެއަށް ގެންނަ ފަރާތްތަކުގެ އިހުމާލުން އެމީހުން ނުގަވާއިދުން އުޅެންޖެހޭ މައްސަލައާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ބިދޭސީންގެ ހައްގުތައް ހިމާޔަތް ކުރެވޭނީ އެމީހުންނަކީ ކޮން ބައެއްކަމާއި އުޅޭ ތަނެއް އެނގިގެން ކަމަށެވެ. އަދި މީގެ ކުރިން މިކަން އޮތީ އިންސާނީ ކަރާމާތް ގެއްލޭ ފަދަ ގޮތަކަށް، ބަޔަކު މީހުންގެ އަމިއްލަ ފައިދާއަށް ދޫކޮށްލާފައި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމުގައި މި ސަރުކާރުން ހޯދާފައިވާ ކުރިއެރުންތަކަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، މި ސަރުކާރު ހަވާލުވިއިރު ބިދޭސީންގެ މައުލޫމާތު އެނގެން ހުރީ އެންމެ 13 އިންސައްތަ ކަމަށެވެ. ނަމަވެސް، މިދިޔަ ކުރު މުއްދަތުގެ ތެރޭގައި އެ އަދަދު 98 އިންސައްތައަށް މަތިކުރެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިހާރު ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ތެރެއިން 98 އިންސައްތަ މީހުންގެ 10 އިނގިލީގެ ނިޝާނާއެކު އެއީ ކޮން ބައެއްކަން އެނގޭނެ. މިއީ މީގެ ކުރިން އެއްވެސް ސަރުކާރަކުން ކޮށްފައިވާ ވަރުގެ މަސައްކަތެއް ނޫން،" ރައީސް ވިދާޅުވިއެވެ.

ބިދޭސީންގެ މައްސަލައިގައި އިހުމާލުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމާ ގުޅޭގޮތުން ރައީސް ވިދާޅުވީ، މިހާރުވެސް އެފަދަ ފަރާތްތަކަށް ފިޔަވަޅު އަޅަމުންދާ ކަމަށެވެ. އަދި ގާނޫނަށް ގެނެވުނު އިސްލާހުތަކާއެކު، އިހުމާލުވާ ފަރާތްތައް ޖޫރިމަނާކުރުމުގެ ފުރުސަތު ބޮޑުވެފައިވާ ކަމަށާއި، އޭގެ ސަބަބުން މިހާރުވެސް މައްސަލައަށް ބޮޑެތި ހައްލުތަކެއް ލިބެމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ނުގަވާއިދުން އުޅޭ ބިދޭސީން ރެގިއުލަރައިޒް ކުރުމުގެ މަސައްކަތް ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށާއި، އޭގެ ތެރެއިން ޑީޕޯޓު ކުރަންޖެހޭ ފަރާތްތައް ފޮނުވާލުމުގެ މަސައްކަތްވެސް ހިނގަމުންދާ ކަމަށެވެ. މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދަނީ ވަށާޖެހޭ ނިޒާމެއްގެ ތެރެއިން ކަމަށާއި، އޭގެ ނަތީޖާ ހާސިލްކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު