އެމެރިކާއިން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ މަގުސަދު ރައީސް ޑޮނަލްޑް ޓްރަމްޕަށް އެ ގައުމުގެ ރައްޔިތުންނަށް ސާފުކޮށްދެވިފައި ނުވާ ކަމަށް ހިޔާލު ހޯދުމަށް ނެގުނު ވޯޓަކުން ދައްކައިފިއެވެ.

ރޮއިޓާސް އަދި އިޕްސޯސް ގުޅިގެން ކުރިއަށްގެންދިޔަ މި ސާވޭއިން ދައްކާ ގޮތުގައި، އެމެރިކާގެ ކޮންމެ ތިން މީހަކުން ދެ މީހަކު ގަބޫލުކުރާ ގޮތުގައި މި ހަނގުރާމައަށް އެމެރިކާ ވަންނަން ޖެހުނު ސަބަބު ރައީސް ޓްރަމްޕް ވަނީ ސާފުކޮށްދެއްވަން ނުކުޅެދިފައެވެ.

ފެބުރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނަށް ދިން ބޮމުގެ ހަމަލާތަކާއެކު ފެށުނު މި ހަނގުރާމައަށް ދެ މަހަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، ސާވޭގައި ބައިވެރިވި 66 އިންސައްތަ މީހުން ބުނެފައިވަނީ މި އަސްކަރީ ހަރަކާތުގެ ލަނޑުދަނޑިތައް ސާފު ނޫން ކަމަށެވެ. މީގެ ތެރޭގައި ރިޕަބްލިކަން ޕާޓީއަށް ތާއީދުކުރާ ތިންބައިކުޅަ އެއްބައި މީހުންނާއި، އިދިކޮޅު ޑިމޮކްރެޓުންގެ ގާތްގަނޑަކަށް ހުރިހާ މީހުން ހިމެނެއެވެ.

މި ހަނގުރާމައިގެ ސަބަބުން އިގްތިސާދީ ގޮތުން ބޮޑެތި ލޮޅުންތަކެއް ވަނީ އަރާފައެވެ. އެގޮތުން ދުނިޔޭގެ ތެލުގެ ވިޔަފާރީގެ ފަސްބައިކުޅަ އެއްބައި ހިއްސާކުރާ ހޮރްމޫޒް ކަނޑުއޮޅި އީރާނުން ބަންދުކުރުމާ ގުޅިގެން، އެމެރިކާގައި ތެލުގެ އަގު ވަނީ ގާތްގަނޑަކަށް 50 އިންސައްތަ އުފުލިފައެވެ. އެމެރިކާގެ މަނަވަރުތަކުން އެ ސަރަހައްދު ހުޅުވައި، ތެޔޮ އުފުލާ ބޯޓުފަހަރަށް މަގު ފަހިކޮށްދޭން މަސައްކަތް ކުރި ނަމަވެސް، ތެހެރާނުން އަދިވެސް ދަނީ އެ ސަރަހައްދު ބަންދުކޮށްގެން ހިފަހައްޓަމުންނެވެ.

ހިޔާލު ހޯދުމުގެ ވޯޓުން ދައްކާ ގޮތުގައި، 63 އިންސައްތަ އެމެރިކާ މީހުން ގަބޫލުކުރަނީ ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން އެމީހުންގެ ގޭބިސީތަކުގެ މާލީ ހާލަތަށް ވަނީ ނޭދެވޭ އަސަރުކޮށްފައެވެ. އަދި ތެލުގެ އަގު އުފުލުމުގެ ޒިންމާ ޓްރަމްޕްގެ ސަރުކާރުން އުފުލަންޖެހޭނެ ކަމަށް ހަތަރުބައިކުޅަ ތިންބައި މީހުން ގަބޫލުކުރެއެވެ. ސިޔާސީ ގޮތުން ބަލާއިރު، 65 އިންސައްތަ މީހުން މިކަމުގެ ޒިންމާ އަޅުވަނީ ރިޕަބްލިކަން ޕާޓީގެ ބޮލުގައެވެ. މިއީ ކުރިއަށް އޮތް ނޮވެމްބަރު މަހުގެ މިޑްޓާމް އިންތިޚާބުގައި މެޖޯރިޓީ ދަމަހައްޓަން މަސައްކަތްކުރާ ރިޕަބްލިކަން ޕާޓީއަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމަކަށް ވާނެއެވެ.

މި ހުރިހާ ގޮންޖެހުންތަކަކާއެކުވެސް، ރައީސް ޓްރަމްޕްގެ މަގުބޫލުކަން ވަނީ 36 އިންސައްތައަށް އުފުލިފައެވެ. މިއީ އޭޕްރީލް މަހުގެ ފަހުކޮޅު އޮތް 34 އިންސައްތައާ އަޅާބަލާއިރު ދެ އިންސައްތައިގެ ކުރިއެރުމެކެވެ. ނަމަވެސް، އެމެރިކާގެ 80 އިންސައްތަ މީހުން ގަބޫލުކުރާ ގޮތުގައި ކުރިއަށް އޮތް ތަނުގައި ތެލުގެ އަގު އަދިވެސް އިތުރަށް އުފުލޭނެއެވެ.

ރޮއިޓާސް އާއި އިޕްސޯސް ގުޅިގެން އޮންލައިންކޮށް ކުރިއަށްގެންދިޔަ މި ސާވޭގައި އެމެރިކާގެ އެކި ކަންކޮޅުތަކުން 1,254 މީހުން ބައިވެރިވެފައިވެއެވެ. މި ސާވޭ ނިންމާލާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު