މިއީ އޭއި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއެއް | ރަސް އޮންލައިން
މިއީ އޭއި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއެއް | ރަސް އޮންލައިން
އެޓެންޝަން ޑެފިސިޓް ހައިޕަރއެކްޓިވެޓީ ޑިސްއޯޑަރ (އޭޑީއެޗްޑީ) އަށް ފަރުވާ ދިނުމަށް ބޭނުންކުރާ މުހިންމު ބޭހެއް ކަމަށްވާ "މެތައިލްފެނިޑޭޓް"، މަސްތުވާތަކެތީގެ ލިސްޓުން އުނިކޮށް އެ ބޭސް ރާއްޖެއިން ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސަވައިފިއެވެ.

މި ބަދަލު ގެންނަވާފައިވަނީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ޖަދުވަލު 1 އިޞްލާޙުކުރަށްވައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ނެރުއްވި ޤަރާރަކުންނެވެ. ރައީސް އޮފީހުން ހާމަކުރި ގޮތުގައި، މި ބޭސް މަސްތުވާތަކެތީގެ ލިސްޓުން އުނިކުރަން ނިންމެވީ ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލުން ދެއްވި ލަފަޔާ އެއްގޮތަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.

މިކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ސަރުކާރުން ހުށަހެޅުމުން، އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާއިން ވަނީ އެ ބޭސް މަސްތުވާތަކެތީގެ ލިސްޓުން އުނިކޮށް، ބޭހުގެ ގޮތުގައި ބޭނުންކުރެވޭ އެއްޗެއްގެ ގޮތުގައި ކަނޑައެޅުމަށް ރުހުން ދީފައެވެ.

މެތައިލްފެނިޑޭޓަކީ އޭޑީއެޗްޑީ ހުންނަ ފަރާތްތަކަށް ދުނިޔޭގެ ފެންވަރުގައި އެންމެ ފުރަތަމަ ދެވޭ ފަރުވާ ނުވަތަ "ފަސްޓްލައިން ޓްރީޓްމަންޓް"އެވެ. ނަމަވެސް، ރާއްޖޭގެ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ދަށުން އެއީ މަނާކުރެވިފައިވާ މާއްދާއެއްގެ ގޮތުގައި މިހާތަނަށް އޮތުމުން، ރާއްޖޭގައި އެ ބޭސް ބޭނުންކުރުން އޮތީ މަނާކޮށްފައެވެ. މީގެ ސަބަބުން އޭޑީއެޗްޑީ ހުންނަ ކުދިންގެ އާއިލާތަކަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވެއެވެ.

މި މައްސަލަ ހައްލުކުރުމަށް ވަކާލާތުކުރަށްވައި، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ވަނީ މިދިޔަ އަހަރު މަޖިލީހަށް ޕެޓިޝަނެއްވެސް ހުށަހަޅުއްވާފައެވެ. 47 ބެލެނިވެރިއަކު ސޮއިކޮށް ހުށަހެޅި އެ ޕެޓިޝަނުގައި ބަޔާންކޮށްފައިވަނީ ބޭސް ނުލިބުމުގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ބޭނުންވާ އަސާސީ ފަރުވާ ނުލިބޭ ކަމަށެވެ. މީގެ އިތުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން ވެސް ވަނީ މި ބޭސް ލިސްޓުން އުނިކޮށްދިނުމަށް މީގެ ކުރިން އެދިފައެވެ.

އޭޑީއެޗްޑީއަކީ ކުޑަކުދިންގެ މެދުގައި އާންމުކޮށް ފެންނަ ނިއުރޯޑިވެލޮޕްމަންޓަލް ޑިސްއޯޑަރއަކަށްވާއިރު، ސިއްހީ މާހިރުން ފާހަގަކުރާ ގޮތުގައި އެކަށީގެންވާ ބޭހުގެ ފަރުވާއާއި ބިހޭވިއަރަލް ތެރަޕީގެ އެހީގައި މި ބަލީގެ އަލާމާތްތައް ކޮންޓްރޯލް ކުރެވޭނެއެވެ. ސަރުކާރުގެ މި ނިންމުމާއެކު، އޭޑީއެޗްޑީ ތަހައްމަލު ކުރަމުންދާ ކުދިންނާއި އެކުދިންގެ އާއިލާތަކަށް ބޮޑު ތަސައްލީއެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު