ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ވެރިކަން ކުރާ ޕީއެންސީގެ މެންބަރުން މިއަދުގެ ޖަލްސާއަށް ހާޒިރުނުވުމުގެ ސަބަބުން، ކޯރަމް ހަމަނުވެގެން ޖަލްސާ ކުރިއަށް ނުގެންދެވި ކެންސަލް ކުރަން ޖެހިއްޖެއެވެ.

މިއަދު ހެނދުނު 9:00 ގައި ފެށުމަށް ތާވަލުކުރި މި ޖަލްސާގެ ރިޔާސަތުގައި އިންނެވީ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމެވެ. ޖަލްސާ ފެށުމަށް ކަނޑައެޅިފައިވާ ގަޑި ޖެހުނުއިރު، ޖަލްސާ ފެށުމަށް ބޭނުންވާ ގާނޫނީ އަދަދު ހަމަނުވާތީ، ރިޔާސަތުން ނިންމެވީ ކޯރަމް ހަމަކުރުމަށްޓަކައި 10:00 އަށް ޖަލްސާ ފަސްކުރުމަށެވެ.

ނަމަވެސް، އެއް ގަޑިއިރުގެ މެދުކެނޑުމަކަށް ފަހު 10:00 ގައި ޖަލްސާ ފެށުމަށް މަސައްކަތް ކުރި އިރުވެސް ކޯރަމް ހަމަވާ ވަރަށް މެންބަރުން ހާޒިރުވެފައެއް ނުވެއެވެ. މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުން، ޖަލްސާއެއްގެ ކޯރަމްއަކީ މުޅި މަޖިލީހުގެ ޖުމްލަ މެންބަރުންގެ 25 އިންސައްތައެވެ. އެއީ 25 މެންބަރުންނެވެ.

މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވިދާޅުވީ، ޖަލްސާ ފަށާ ގަޑި ލަސްކުރުމުންވެސް ކޯރަމް ހަމަވެފައި ނުވާތީ، މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާގެ (ބ) އަށް ރިއާޔަތްކޮށް މިއަދުގެ ޖަލްސާ ކެންސަލް ކުރައްވާ ކަމަށެވެ.

މަޖިލީހުގެ ޖަލްސާ ވަގުތުން ދުރަށް ދައްކަމުން ދިޔައިރު، ތަޅުމުގައި ޕީއެންސީގެ އެއްވެސް މެންބަރަކު ފެންނާކަށް ނެތެވެ. މިކަމާ ގުޅޭގޮތުން އިދިކޮޅު އެމްޑީޕީގެ މެންބަރުން ތުހުމަތު ކުރައްވާ ގޮތުގައި، ޕީއެންސީގެ މެންބަރުން ޖަލްސާއަށް ހާޒިރުނުވީ ގަސްތުގައެވެ. "އަޅުގަނޑުމެންނަށް މައުލޫމާތު ލިބުނީ، ނާޒިމް ރިޔާސަތުގައި އިންނެވުމުން ޕީއެންސީ މެންބަރުން ޖަލްސާ ބޮއިކޮޓް ކުރީ ކަމަށް،" އެމްޑީޕީގެ މެންބަރަކު ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މިއަދުގެ ޖަލްސާ ފެށުމުގެ ކުރިން ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުން ވަނީ ނާޒިމް ވަކިކޮށްފައެވެ. ނަމަވެސް އޭނާ އެ ގްރޫޕުން ވަކިކުރި ސީދާ ސަބަބެއް މިހާތަނަށް ސަރުކާރު ހިންގާ ޕާޓީން ހާމަކޮށްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު