މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް-
މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް-
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން އަހުމަދު ނާޒިމް ވަކިކުރުމަށް ބޭނުންވާ ސޮއި ހަމަކޮށްފިއެވެ.

މި މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމީ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުންނެވެ. އެގޮތުން ނާޒިމް މަގާމުން ވަކިކުރުމަށް ފާސްކޮށް، އެކަމަށް ބޭނުންވާ ގަރާރުގައި ސޮއިކުރުމުގެ މަސައްކަތް ވަނީ ވަގުތުން ފަށާފައެވެ.

ޕީޖީ ގުރޫޕުގެ މެންބަރަކު މީޑިއާއަށް މަޢުލޫމާތު ދެއްވި ގޮތުގައި، އެ ނިންމުމާ އެކު ފެށި ސޮއި ހަމަކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި މަޖިލީހަށް އެ މައްސަލަ ހުށަހެޅުމަށް ބޭނުންވާ މިންވަރަށް ސޮއި ލިބިފައިވާ ކަމަށް އޭނާ ކަށަވަރުކޮށްދެއްވިއެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު އިތުބާރު ނެތްކަމުގެ މައްސަލައެއް މެދުވެރިކޮށް ވަކިކުރެވޭނީ، މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދުނޫން މެންބަރުންގެ ސޮޔާއެކު ހުށަހަޅާ ގަރާރަކުންނެވެ. އެއީ މިހާރުގެ މަޖިލީހުގެ މެންބަރުންގެ އަދަދަށް ބަލާއިރު މަދުވެގެން 24 މެންބަރުންގެ ސޮޔެވެ.

ނައިބު ރައީސް ނާޒިމް މަގާމުން ވަކިކުރުމުގެ މަސައްކަތް ޕީއެންސީން މި ފެށީ ކޮން ސަބަބަކާ ހުރެ ކަމެއް އެ ޕާޓީން އަދި ރަސްމީކޮށް ހާމައެއް ނުކުރެއެވެ. އެހެންނަމަވެސް، މިއީ މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް ތައްޔާރުވަމުންދާ މައްސަލައެއްކަން މިހާރު ވަނީ ޔަގީންވެފައެވެ.

ނާޒިމް ނައިބު ރައީސް ކަމުން ވަކިކުރަން މަސައްކަތް ފްށާފައިވާއިރު، ޕީއެންސީ ޕީޖީ ގުރޫޕުގެ ރަސްމީ ވަޓްސްއެޕް ގުރޫޕުންވެސް މިއަދު ވަނީ އޭނާ ބޭރުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު