ދާދި ފަހުން "އެމް.ވީ ހޮންޑިއަސް" ނަމަކަށް ކިޔާ ކްރޫޒް ލައިނަރެއްގައި "ހަންޓާވައިރަސް" ފެތުރެންފެށި ޚަބަރާއެކު، މީގެ ދެ އަހަރު ކުރިން މީހަކު ކޮށްފައިވާ ޓުވީޓެއް ސޯޝަލް މީޑިއާގައި އަލުން ފެންމަތިވެ، ގިނަ ބައެއްގެ ސަމާލުކަން އެއަށް ހުއްޓިއްޖެއެވެ.

2022 ވަނަ އަހަރުގެ ޖޫން މަހު 'އައިއޭމްސޫތުސޭޔާ' ނަމަކަށް ކިޔާ އެކައުންޓަކުން ކޮށްފައިވާ މި ޓުވީޓުގައި ބުނެފައިވަނީ، "2023: ކޮރޯނާ ނިމޭނީ. 2026: ހަންޓާވައިރަސް،" މިހެންނެވެ. އޭރު މާ ބޮޑު ސަމާލުކަމެއް ނުލިބުނު ނަމަވެސް، މިހާރު ފެތުރެމުންދާ ރޯގާއާ އެ ޓްވީޓްގައި ބުނެފައިވާ ވާހަކަ ދިމާވުމުން، މިއީ ކުރިން ރޭވިގެން ހިނގާ ކަންތައްތަކެއް ކަމަށް ބުނެ އެކްސް، ރެޑިޓް އަދި އިންސްޓަގްރާމް ފަދަ މަންސަތަކުގައި ބަހުސްތައް ވަނީ ފެށިފައެވެ.

މި ބިރުވެރިކަން ބޮޑުވެފައިވަނީ އާޖެންޓީނާގެ ދެކުނު ސަރަހައްދުގައި ދަތުރުކުރި "އެމް.ވީ ހޮންޑިއަސް" ކްރޫޒް ޝިޕުން ދަތުރުކުރި ބައެއް މީހުންގެ ގައިން މި ވައިރަސް ފެނުމާ ގުޅިގެންނެވެ. މިހާތަނަށް މި ބަލީގައި ތިން މީހަކު މަރުވެފައިވާއިރު، ބައެއް މީހުން ވަނީ ކުއްލި ހާލަތުގައި މެޑިކަލް އިވެކުއޭޝަންގައި ހޮސްޕިޓަލަށް ގެންގޮސްފައެވެ. މި ބަލި ޖެހިފައިވާ މީހުންނާ ކޮންޓެކްޓްވި މީހުން ހޯދުމުގެ މަސައްކަތް އެމެރިކާ ހިމެނޭހެން އެކި ގައުމުތަކުގައި މިހާރު ދަނީ ކުރަމުންނެވެ.

ކޮވިޑް-19 އިގެ ބިރުވެރި ހަނދާންތައް އަދިވެސް އާންމުންގެ މެދުގައި ހުރުމާއެކު، ކްރޫޒް ޝިޕްތަކާއި، ކަރަންޓީނު ކުރުމާއި، ކުއްލި ސިއްހީ ނުރައްކަލުގެ ވާހަކަތަކުން ގިނަ ބަޔަކަށް ނަފްސާނީ ގޮތުން ނުތަނަވަސްކަން ވަނީ ލިބިފައެވެ. ސޯޝަލް މީޑިއާގައި ބައެއް މީހުން މިއީ "އަނެއްކާވެސް ކޮވިޑް ފަދަ ކަމެއް" ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރާއިރު، އަނެއް ބަޔަކު ދަނީ މިއީ އާބާދީ މަދުކުރުމަށް ސަރުކާރުތަކުން ކުރާ ކަމެއް ކަމަށް ބުނެ ހަގީގަތާ ޚިލާފު ތިއަރީތައް ފަތުރަމުންނެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފައިވާ ގޮތުގައި، މި ވައިރަސް ހަށިގަނޑުގައި އަށަގަތުމަށް 6-8 ހަފުތާ ނަގާތީ، ކުރިއަށް އޮތް ތަނުގައި އިތުރު ކޭސްތައް ފެނުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް، މި ވައިރަސް އާންމުކޮށް ފެތުރެނީ މީދާ ފަދަ ދަނޑިމާ ފާނަ ސޫފީގެ ކުޑަކަމުދާ އެއްޗިއްސާއި ނަޖިހުން ކަމަށްވާތީ، އިންސާނުންގެ މެދުގައި ބަލި ފެތުރުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށް ސިއްހީ މާހިރުން ބުނެއެވެ.

މާހިރުން އިތުރަށް ހާމަކުރާ ގޮތުގައި، 2022 ވަނަ އަހަރުގެ ޓުވީޓަކީ ހަމަ އެކަނި އިއްތިފާގެކެވެ. އޭގައި އެއްވެސް އިލްމީ ބުރަދަނެއް ނެތް ކަމަށާއި، ހަންޓާވައިރަހަކީ މުޅިން އާ ވައިރަހެއް ނޫން ކަމަށްވެސް އެ ބޭފުޅުން ފާހަގަކުރެއެވެ. މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި، ގައިގައި ރިއްސުމާއި، ވަރުބަލިވުން ހިމެނޭއިރު، ބައެއް ހާލަތްތަކުގައި ނޭވާލާ ނިޒާމަށް ބޮޑެތި މައްސަލަތައް ކުރިމަތިވެއެވެ.

މިއީ ކޮވިޑް ފަދަ ބޮޑު ބަލިމަޑުކަމަކަށް ބަދަލުވުމުގެ ފުރުސަތު ކުޑަ ކަމަށާއި، މިހާރުގެ ހާލަތަކީ ވަކި ސަރަހައްދެއްގައި ކޮންޓްރޯލް ކުރެވިފައިވާ ހާލަތެއް ކަމަށް ސިއްހީ އިދާރާތަކުން ދަނީ ބުނަމުންނެވެ. އެހެންކަމުން، ސޯޝަލް މީޑިއާގައި ފެތުރޭ ނުބައި މައުލޫމާތުތަކަށް ސަމާލުކަން ނުދިނުމަށް މާހިރުން ވަނީ އިލްތިމާސް ކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު