މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރު އަޒާން-
މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރު އަޒާން-
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން، "ދައުރު" ނޫހުގެ އެޑިޓަރު މޫސާ ލަތީފާއި އެ ނޫސް ހިންގާ ކުންފުންޏާ ދެކޮޅަށް އަބުރުގެ ދައުވާ އުފުލައި ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.

މި މައްސަލަ އަޒާންގެ ފަރާތުން ކޯޓަށް ހުށަހެޅީ "ދައުރު" ނޫހުގައި މޫސާ ލަތީފް ލިޔުއްވާފައިވާ "އަދަދު އަށް ފުލުހުން ވަދެގަތުމާއި އަޒާން ކުރެއްވި ތަޖުރިބާ" މި ސުރުޚީގެ ދަށުން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެންނެވެ. އެ ރިޕޯޓުގައި އަޒާންއާ ގުޅޭގޮތުން ހަގީގަތާ ޚިލާފު ވާހަކަތަކެއް ހިމަނައި، އޭނާގެ އަބުރަށް ހުތުރުވާ ގޮތަށް ލިޔެފައިވާ ކަމަށް މައްސަލާގައި ބުނެއެވެ.

ކުރިން ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރެއްވި އަޒާން ސިވިލް ކޯޓުގައި އެދިވަޑައިގެންފައިވަނީ، މޫސާ ލަތީފް ލިޔުއްވި އެ ރިޕޯޓަކީ އޭނާގެ އަބުރަށް އަރައިގަނެފައިވާ ލިޔުމެއް ކަމަށް ކަނޑައަޅައިދިނުމަށެވެ. އަދި އަބުރުގެ ބަދަލުގެ ގޮތުގައި 5,000 ރުފިޔާ ނަގައިދިނުމަށާއި، މި މައްސަލައިގެ ގާނޫނީ ޚަރަދުގެ ގޮތުގައި ހޭދަވި 28,670 ރުފިޔާ ނަގައިދިނުމަށް ވެސް އޭނާގެ ފަރާތުން ވަނީ އެދިފައެވެ.

މީގެ އިތުރުން، އެ ލިޔުން ނޫހުން ނެގުމަށް ނުވަތަ އިސްލާހު ކުރުމަށް އަމުރުކޮށްދިނުމަށާއި، މައްސަލައިގައި ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން އެ ލިޔުން "ޑްރާފްޓް" ސްޓޭޓަސްއަށް ބަދަލުކުރުމުގެ ވަގުތީ އަމުރަކަށްވެސް އަޒާންގެ ފަރާތުން ވަނީ އެދިފައެވެ.

މި މައްސަލަ ފެންމަތިވެފައި މިވަނީ، "އަދަދު" ނޫހުން ތައްޔާރުކުރި ޑޮކިއުމެންޓްރީއަކާ ގުޅިގެން އެ ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާ އާއި މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ދައުވާ އުފުލާފައިވާ ދަނޑިވަޅެއްގައެވެ. އެ މައްސަލައިގައި ކޯޓުން ނެރެފައިވާ "ގެގް އޯޑަރާ" ޚިލާފުވި ކަމަށް ބުނާ މައްސަލައިގައި އެ ނޫހުގެ ދެ ނޫސްވެރިންވެސް މިހާރު ތިބީ ޖަލު ބަންދުގައެވެ.



ކިޔުންތެރިންގެ ހިޔާލު