މިއީ އޭއި ބޭނުންކޮށްގެން ބަދަލު ގެނެސްފައިވާ ފޮޓޯއެއް | ރަސް އޮންލައިން
މިއީ އޭއި ބޭނުންކޮށްގެން ބަދަލު ގެނެސްފައިވާ ފޮޓޯއެއް | ރަސް އޮންލައިން
ވަކި ފަންނަކަށް ނިސްބަތްވީތީ، ޤާނޫނާ ޚިލާފުވެގެން އަޅާ ފިޔަވަޅުތަކުން ވަކި ބަޔަކު އިސްތިސްނާ ކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫންކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

އިސް ތަރުޖަމާނު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި "ޕްރެސަރ ވިތު ދަ ސްޕޮކްސް" ސިލްސިލާގެ ހަތަރުވަނަ ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ނޫސްވެރިން ވަނީ، 10 މޭ 2026 ގައި ކްރިމިނަލް ކޯޓުން ޝަރީޢަތުގައި ހިނގަމުންދާ މައްސަލައެއްގައި ވަކި ގޮތަކަށް ޢަމަލު ނުކުރުމަށް އަންގައި އެކޯޓުން ނެރުނު އަމުރާ ގުޅިގެން ސުވާލު ކޮށްފައެވެ.

މި ސުވާލުތަކަށް ޖަވާބު ދެއްވަމުން މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވީ، ޤާނޫނަކާ ޚިލާފު ނުވާހާ ހިނދަކު އެއްވެސް މުއައްސަސާއަކުން އެއްވެސް ފަރާތަކާ ދެކޮޅަށް ފިޔަވަޅެއް ނާޅާނެ ކަމުގެ ޔަޤީންކަން ސަރުކާރުން ދޭ ކަމަށެވެ. ނަމަވެސް، ކޮންމެ ފަންނެއްގެ ބޭފުޅަކަށް ވީނަމަވެސް، އެ ބޭފުޅެއްގެ ފަންނުގެ ތެރެއިން ލިބިދޭ ޙައްޤުތަކާއި، އިޚުތިޔާރުތަކާއި، ބާރުތަކުގެ އިތުރުން އުފުލަންޖެހޭ ޒިންމާތަކެއް ވެސް ހުންނާނެކަން އޭނާ ހަނދުމަފުޅުކޮށްދެއްވިއެވެ.

ހަމައެއާއެކު ތަރުޖަމާނުވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ރައުޔަކީ ކޯޓުތަކުން ނެރޭ އަމުރުތަކަށް ފުރިހަމައަށް އިޙުތިރާމުކުރުން ކަމަށެވެ. ރާއްޖޭގައި އޮތީ ތިން ބާރު ވަކިވެފައިވާ ނިޒާމެއްކަން ފާހަގަކުރަށްވައި، އަދުލުއިންސާފުގެ ނިޒާމު ކުޑައިމީސްވާނޭ ގޮތަށް ނުވަތަ ފަނޑިޔާރުގޭގެ ބާރު ކެނޑި، ޤާނޫނީ ބާރުތައް ހަނިވާނޭ އެއްވެސް ކަމެއް މި ސަރުކާރުން ނުކުރާނެ ކަމުގެ ޔަޤީންކަން މުންދު ދެއްވިއެވެ.

ކޯޓު އަމުރު ތަންފީޒުކުރުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މުންދު ވިދާޅުވީ، ރައީސް އޮފީހުން ބާއްވާ ޕްރެސް ކޮންފަރަންސްތަކުގައި އުސޫލުތައް ހިފެހެއްޓުމަކީ އެ އޮފީހުގެ ޒިންމާއެއް ކަމަށްވީ ނަމަވެސް، ކޯޓު އަމުރުތައް ތަންފީޒުކުރާނީ ކަމާގުޅުންހުރި ތަންފީޒީ އިދާރާތަކުން ކަމަށެވެ.

މީގެއިތުރުން، ކްރިމިނަލް ކޯޓުގެ އެ އަމުރާ ގުޅިގެން އެއްވެސް ފަރާތަކަށް އޮޅުންއަރާ ކަމެއް އޮތްނަމަ، ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން އެކަން ސާފުކުރުމަށް ހުށަހެޅުމަށް ތަރުޖަމާނު ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ.



ކިޔުންތެރިންގެ ހިޔާލު