ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް
ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމްގެ މައްޗަށް ވަކި ފަރާތަކަށް ބުރަވެ މަޖިލީހުގެ މަސްލަހަތު ގެއްލޭ ގޮތަށް އަމަލުކުރުމާއި ފިތުނަ އުފައްދުމުގެ ތުހުމަތު ވެރިކަންކުރާ ޕީއެންސީން ކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަޤާމުން ނާޒިމް ވަކިކުރުމުގެ މައްސަލަ، އޭނާ ނިސްބަތްވާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިއަދު މަޖިލީހަށް ހުށަހަޅާފައިވަނީ، ޖުމްލަ 73 މެންބަރުންގެ ސޮޔާއެކުގައެވެ.

ނާޒިމް ވަކިކުރަން ހުށަހެޅި މައްސަލާގައި ބުނެފައިވަނީ، އޭނާ މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ނާޖާއިޒު ފައިދާ ނަގަމުންދާ ކަމަށާއި، ފިތުނަ އުފައްދައި ވަކި ފަރާތަކަށް ބުރަވެ މަސްލަހަތު ގެއްލޭ ގޮތަށް ތަކުރާރުކޮށް އަމަލުކުރަމުންދާ ކަމަށެވެ. އަދި މަޖިލީހުގެ މަސައްކަތްތަކުގައި ވަކި ސިޔާސީ ފިކުރަކަށް ތައައްސުބުވެ، މަޖިލީހުގެ މަސްލަހަތު ގެއްލުވާލަން ހިތްވަރުދީ، މަގާމުގެ ޒިންމާއިން ބަރީއަވެފައިވާ ކަމަށް ވެސް އެ މައްސަލާގައި ތުހުމަތުކޮށްފައިވެއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅުމުގެ ކުރިން ފުލުހުން ވަނީ ނާޒިމާ ގުޅޭ އިންޓެލިޖެންސް ރިޕޯޓެއް އެކުލަވާލާފައި ކަމަށް ބައެއް މީޑިއާތަކުގައި މީގެ ކުރިން ރިޕޯޓް ކޮށްފައިވެއެވެ. މި މައްސައިގެ ތެރޭގައި ނާޒިމް ވަނީ މަޖިލީހުގެ އެންމެ މުހިންމު ދެ ކޮމިޓީ ކަމަށްވާ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އާއި މާލިއްޔަތު ކޮމިޓީން ވެސް ވަކިކޮށްފައެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލިސް މެންބަރުންނާ މުއާމަލާތް ކުރުމަށް ބޭނުންކުރައްވާ ވަޓްސްއެޕް ގްރޫޕުން ވެސް އިއްޔެ ހެނދުނު ނާޒިމް ވަނީ ބޭރުކޮށްލާފައެވެ.

އަހުމަދު ނާޒިމަކީ ރާއްޖޭގެ ސިޔާސީ ދާއިރާގައި ވަރަށް ތަޖުރިބާކާރު ބޭފުޅެކެވެ. އޭނާ ވަނީ މީގެ ކުރިން 2009 އިން 2015 އަށް ވެސް މަޖިލީހުގެ ނައިބު ރައީސްކަން ކުރައްވާފައެވެ. ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައި ހުންނެވުމަށްފަހު، 2015 ވަނަ އަހަރު މަކަރާއި ހީލަތުގެ ކުށް ސާބިތުވެ 25 އަހަރުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އައެވެ. އެ ހުކުމުން އޭނާ ސަލާމަތްވީ 2018 ވަނަ އަހަރު ސުޕްރީމް ކޯޓުން އެ ހުކުމް ބާތިލް ކުރުމާ ގުޅިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު