އިންޑިއާގެ ވިޔަފާރި މަހުޖަނު އަޑާނީ
އިންޑިއާގެ ވިޔަފާރި މަހުޖަނު އަޑާނީ
އިންޑިއާގެ މަހުޖަނު ގޯތަމް އަދާނީ އާއި އޭނާގެ އަދާނީ ގްރޫޕާ ދެކޮޅަށް އެމެރިކާގެ ކޯޓުތަކުގައި އުފުލާފައިވާ މަކަރާއި ހީލަތް ހެދުމުގެ އިތުރުން ރިޝްވަތުގެ ޖިނާއީ ދައުވާތައް އަނބުރާ ގެންދިއުމަށް އެމެރިކާގެ ކަމާބެހޭ އިދާރާތަކުން ނިންމުމަކީ، އެ ކުންފުންޏަށް ޤާނޫނީ ގޮތުން ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. މީގެ އިތުރުން، އެމެރިކާގެ ސެކިއުރިޓީޒް އެންޑް އެކްސްޗޭންޖް ކޮމިޝަން އިން ހުށަހަޅާފައިވާ މަދަނީ މައްސަލަ ވެސް ސުލްހަވެރި ހައްލަކާ ދިމާލަށް މިސްރާބު ޖަހާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބްލޫމްބާގުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސްއިން އަދާނީ އާއި އޭނާގެ ބައިވެރިންގެ މައްޗަށް އުފުލާފައިވާ ޖިނާއީ ދައުވާތައް މި ހަފުތާގެ ތެރޭގައި އަނބުރާ ގެންދާނެ ކަމަށް ބެލެވެއެވެ. ހަމައެއާއެކު، ށޭޝް އިން ހުށަހަޅާފައިވާ މަދަނީ މައްސަލަ ނިންމާލުމަށްޓަކައި، ކުށަށް އިއުތިރާފުވުމަކާ ނުލައި، ޖޫރިމަނާއެއް ދެއްކުމަށް އެއްބަސްވުމަކާ ހަމައަށް އާދެވޭނެ ކަމަށް ލަފާކުރެވެއެވެ.

މިއީ ފަހުގެ ތާރީޚެއްގައި ބައިނަލްއަޤުވާމީ ކޯޕަރޭޓް ދާއިރާގައި ހިނގި އެންމެ ބޮޑު އެއް ތަހުޤީގަށް އައި ކުއްލި ބަދަލެކެވެ. މީގެ ސަބަބުން އިންޑިއާގެ އެންމެ ނުފޫޒުގަދަ އެއް ވިޔަފާރި ކުންފުންޏަށް ކުރިމަތިވެފައިވާ ޤާނޫނީ އަދި މާލީ ބޮޑު ނުތަނަވަސްކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.

މި މައްސަލައިގެ ފެށުމަކީ 20 ނޮވެމްބަރު 2024 ގައި އޭރު ބްރޫކްލިންގެ ފެޑަރަލް ޕްރޮސެކިއުޓަރުން، އަދާނީ އާއި، އޭނާގެ އާއިލީ ބޭފުޅެއް ކަމަށްވާ ސާގަރު އަދާނީގެ އިތުރުން ވިނީތު ޖެއިންގެ މައްޗަށް ކުރި އިންޑިއާ ސަރުކާރުގެ އިސް އޮފިޝަލުންނަށް 250 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ރިޝްވަތުގެ ގޮތުގައި ދިނުމަށް ނިންމި ކަމުގެ ތުހުމަތެވެ.

އެމެރިކާގެ ޕްރޮސެކިއުޓަރުން ކުރިން ތުހުމަތުކުރި ގޮތުގައި، މި ރިޝްވަތުގެ ބޭނުމަކީ 20 އަހަރުގެ މުއްދަތަށް 2 ބިލިއަން ޑޮލަރަށްވުރެ ގިނަ ފައިދާ ލިބޭނެ ސޯލާ އެނާޖީގެ މަޝްރޫއުތަކެއް ކާމިޔާބު ކުރުމެވެ. އަދި ބައިނަލްއަގުވާމީ އިންވެސްޓަރުންގެ އަތުން ފައިސާ ހޯދިއިރު، މި ކަންކަން ސިއްރުކޮށްފައިވާ ކަމަށް ވެސް ދައުވާގައި ބުނެފައިވެއެވެ.

ނަމަވެސް، އަދާނީ ގްރޫޕުން ވަނީ އަބަދުވެސް މި ތުހުމަތުތައް ހަރުކަށި އިބާރާތުން ދޮގުކޮށްފައެވެ. އެ ކުންފުނިން ބުނަމުން އައީ މި ދައުވާތަކަކީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާވެފައިވާ ތުޙުމަތުތަކެއް ނޫން ކަމަށެވެ. މީގެ އިތުރުން، މި މައްސަލައިގައި ދައުވާ ލިބޭ ފަރާތްތަކަކީ އިންޑިއާގައި ދިރިއުޅޭ ބަޔަކަށް ވެފައި، އެމީހުން އެމެރިކާއަށް ގެންދިއުމުގެ އެއްވެސް ޤާނޫނީ މަރުހަލާއެއް ކުރިއަށް ނުދާތީ، މައްސަލަ އޮތީ ގަނޑުވެފައެވެ.

މި މައްސަލައިގެ ސަބަބުން އަދާނީ ގްރޫޕުގެ ހިއްސާގެ ބާޒާރުގެ އަގުން 27 ބިލިއަން ޑޮލަރު އުނިވެ، މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވިއެވެ. ނަމަވެސް، 2025 ވަނަ އަހަރުގެ ކުރީކޮޅުން ފެށިގެން އަދާނީގެ ޤާނޫނީ ޓީމުން ވަނީ އެމެރިކާގެ އޮފިޝަލުންނާއެކު މުހިންމު މަޝްވަރާތަކެއް ބާއްވާފައެވެ. އެ ވަކީލުން ވަކާލާތު ކުރި ގޮތުގައި، މި ދައުވާތަކުގެ ސަބަބުން އެމެރިކާގެ އިޤުތިސާދީ އަދި ސްޓްރެޓީޖިކް މަސްލަހަތުތަކަށް ނޭދެވޭ އަސަރުތަކެއް ކުރެއެވެ.

ފަހުގެ ރިޕޯޓުތައް ބުނާ ގޮތުގައި، 2024 ވަނަ އަހަރުގެ އެމެރިކާގެ އިންތިޚާބަށްފަހު، އެމެރިކާގައި 10 ބިލިއަން ޑޮލަރު އިންވެސްޓްކޮށް 15،000 ވަޒީފާ އުފައްދާނެ ކަމަށް އަދާނީ ވަނީ ވައުދުވެފައެވެ. މި ހުށަހެޅުމަށް ވޮޝިންގްޓަނުން މަރުހަބާ ކީ ނަމަވެސް، މިއީ ދައުވާތައް ދޫކޮށްލުމަށް ނިންމި ސީދާ ސަބަބެއް ނޫން ކަމަށް ސަރުކާރުގެ އޮފިޝަލުން ބުނެއެވެ.

މި ޚަބަރާ ގުޅިގެން އިންޑިއާގެ ހިއްސާގެ ބާޒާރުގައި އަދާނީ ގްރޫޕުގެ ކުންފުނިތަކުގެ އަގު ވަނީ 8 އިންސައްތައަށްވުރެ ބޮޑަށް އުފުލިފައެވެ. މިއީ 2023 ވަނަ އަހަރު ހިންޑަންބާގް ރިސާޗުން ނެރުނު ރިޕޯޓާ ގުޅިގެން ކުރިމަތިވި ގޮންޖެހުންތަކުން އަދާނީ ގްރޫޕް އަރައިގަނެ، އަލުން ކުރިއަރަމުންދާ ކަމުގެ ވަރުގަދަ ހެއްކެކެވެ.

މިހާތަނަށް މިކަމާ ގުޅޭގޮތުން އެމެރިކާގެ ޕްރޮސެކިއުޓަރުންގެ އޮފީހުން ނުވަތަ އަދާނީ ގްރޫޕުން ރަސްމީ ބަޔާނެއް ނެރެފައެއް ނުވެއެވެ. އެހެންނަމަވެސް، މި ދައުވާތައް އުވާލުމަކީ އަދާނީ ގްރޫޕަށް ބައިނަލްއަޤުވާމީ މައިދާނުގައި ވިޔަފާރި ފުޅާކުރުމަށް ހުޅުވިގެންދާ މުހިންމު ފުރުސަތެކެވެ.



ކިޔުންތެރިންގެ ހިޔާލު