ހާދިސާގައި ގެއްލުނު ފަތުރުވެރިން| ފޮޓޯ: މީސްމީޑިއާ
ހާދިސާގައި ގެއްލުނު ފަތުރުވެރިން| ފޮޓޯ: މީސްމީޑިއާ
ވ. އަތޮޅުގައި އޮތް ސަފާރީއަކުން ޑައިވިން އަށް ގޮސް އުޅުނު މީހުންގެ ތެރެއިން ގެއްލިގެން ހޯދަމުންދާ ހަތަރު މީހުން ހޯދުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ

ރައީސް މިއަދު ވަނީ، ގެއްލުނު އިޓަލީގެ ޑައިވަރުންތައް ހޯދުމަށް ސިފައިން ކުރިއަށްގެންދާ ޚާއްޞަ އޮޕަރޭޝަން ބައްލަވާލެއްވުމަށް އެ ސަރަޙައްދަށް ވަޑައިގެންފައެވެ. ހަމައެއާއެކު މި ހިތާމަވެރި ހާދިސާއާ ގުޅިގެން، ރައީސް ޑރ. މުއިއްޒު ވަނީ އިޓަލީގެ ރައީސް ސާޖިއޯ މަޓަރެއްލާއަށާއި، އެ ގައުމުގެ ރައްޔިތުންނަށް ތައުޒިޔާ ވިދާޅުވެފައެވެ.

މީގެއިތުރުން، ގެއްލިފައިވާ ހަތަރު މީހުން ހޯދުމުގެ މަސައްކަތަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވަމުން، އިޓަލީ ސަރުކާރުން މި އޮޕަރޭޝަނަށް ދެއްވާ އެހީތެރިކަމަށް ރައީސް ޝުކުރު އަދާކުރެއްވިއެވެ.

އެމްއެންޑީއެފުން މަޢުލޫމާތު ދީފައިވާ ގޮތުގައި، ޑައިވަރުން ގެއްލިގެން އުޅޭކަމުގެ ރިޕޯޓް ކޯސްޓްގާޑަށް ލިބިފައިވަނީ އިއްޔެ މެންދުރުފަހު 13:45 ހާއިރުއެވެ. މި މީހުން ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ކަނޑާއި ވައިގެ ފައުޖުތަކުގެ އިތުރުން، ސަފާރީއަކާއި، ވ. އަތޮޅު ޕޮލިސް ސްޓޭޝަނާއި، އަލިމަތާ ރިސޯޓުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މިހާތަނަށް ކުރެވުނު މަސައްކަތުން، ގެއްލުނު މީހުންގެ ތެރެއިން އެކެއްގެ ހަށިގަނޑު އިއްޔެ އިރުއޮއްސި 18:13 ހާއިރު ވަނީ ފެނިފައެވެ. އެމްއެންޑީއެފުން ބުނީ މި ހަށިގަނޑު ފެނިފައިވަނީ ގާތްގަނޑަކަށް 60 މީޓަރު އަޑީގައި އޮތް ކޭވްއެއްގެ ތެރެއިން ކަމަށެވެ. އަދި ބާކީ ތިބި ހަތަރު ޑައިވަރުންވެސް ތިބޭނެ ކަމަށް ލަފާކުރެވެނީ 200 ފޫޓުގެ ދިގުމިން ހުރި މި ކޭވްގެ ތެރޭގައި ކަމަށްވާތީ، މިއީ "ހައި ރިސްކް" ނުރައްކާތެރި އޮޕަރޭޝަނެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ.

އަދި އޮޕަރޭޝަން ނިމެންދެން ކޯސްޓްގާޑް ޝިޕް "ޣާޒީ" އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުން ދާނެ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ. މިއީ ނުރައްކާތެރި، ހައި ރިސްކް އޮޕަރޭޝަނަކަށްވާތީ އެމްއެންޑީއެފް ކޯސްޓްގާޑުގެ އިތުރު ޑައިވަރުންނާއި ބޭނުންވާ ހާއްސަ ސާމާނު މިހާރު ވަނީ އެ ސަރަހައްދަށް ގެންގޮސްފައެވެ.

މި ފަތުރުވެރިންނަކީ "ޑޫކް އޮފް ޔޯކް" ނަމަކަށް ކިޔާ ސަފާރީއެއްގައި ޗުއްޓީ ހޭދަކުރަމުންދިޔަ ބައެއް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު