ފޮޓޯ: މީސްމީޑިއާ
ފޮޓޯ: މީސްމީޑިއާ
ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ އިރުމަތީ އިޓޫރީ ޕްރޮވިންސްގައި ނުރައްކާތެރި އެބޯލާ ވައިރަސް އަލުން ފެތުރެން ފަށައި، މިހާތަނަށް 65 މީހުން މަރުވެފައިވާކަން އެފްރިކާގެ ސިއްހީ އިދާރާތަކުން ހާމަކޮށްފިއެވެ.

އެފްރިކާ ސެންޓަރ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (އެފްރިކާ ސީޑީސީ) އިން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިހާތަނަށް އެ ބަލި ޖެހިފައިވާ ކަމަށް ބެލެވޭ 246 ކޭސް ފެނިފައިވާ ކަމަށެވެ. މީގެ ތެރެއިން ގިނަ ކޭސްތަކާއި މަރުގެ ހާދިސާތައް ރިޕޯޓްކޮށްފައިވަނީ ރަން ނަގާ ސަރަހައްދުތައް ކަމަށްވާ މޮންގްވާލޫ އާއި ރަމްޕާރާއިންނެވެ. އިޓޫރީގެ ވެރިރަށް ބޫނިއާއިން ވެސް ބަލިޖެހިފައިވާ ކަމަށް ޝައްކުކުރެވޭ މީހުން ފެނިފައިވާތީ، މީހުން ގިނަ މި ސަރަހައްދުތަކުގައި ބަލި ހަލުވިކަމާއެކު ފެތުރިދާނެތީ ކަމާބެހޭ އިދާރާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކޮންގޯގެ ވެރިރަށް ކިންޝާސާގެ އިންސްޓިޓިއުޓް ނޭޝަނަލް ޑި ރެޗެރޗޭ ބަޔޯމެޑިކަލް (އައިއެންއާރުބީ) އިން ހެދި ޓެސްޓުތަކުން ދައްކާގޮތުގައި، ތަހުލީލުކުރި 20 ސާމްޕަލްގެ ތެރެއިން 13 ސާމްޕަލަކުން ވަނީ ވައިރަސް ފެނިފައެވެ. ސައިންސްވެރިން މިހާރު ދަނީ މިއީ އެބޯލާގެ ކޮން ބާވަތެއްގެ ވައިރަހެއްތޯ ބެލުމަށް އިތުރު ތަހުލީލުތައް ކުރަމުންނެވެ.

މި ބަލިމަޑުކަމާ ގުޅިގެން އެފްރިކާ ސީޑީސީން ދަނީ ޑީއާރު ކޮންގޯ އާއި އަވަށްޓެރި ޔުގެންޑާ އަދި ދެކުނު ސޫދާނާއެކު ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ތައްޔާރުވަމުންނެވެ. މީގެ ބޭނުމަކީ ބޯޑަރު ހުރަސްކޮށް މީހުން ދަތުރުފަތުރުކުރުން ގިނަވުމާއެކު، ސަރަހައްދީ ފެންވަރުގައި ބަލި ކޮންޓްރޯލް ކުރުމަށް ގުޅިގެން މަސައްކަތް ކުރުމެވެ.

އެބޯލާ އަކީ 1976 ވަނަ އަހަރު ކޮންގޯއިން ފުރަތަމަ ފެނުނު ބައްޔެކެވެ. މިއީ އެ ގައުމުގައި މި ބަލި ފެތުރޭ 17 ވަނަ ފަހަރެވެ. ވާލުގެ ޒަރީއާއިން ފެތުރޭ ކަމަށް ބެލެވޭ މި ވައިރަސް އިންސާނުންގެ ގަޔަށް އަރަނީ ބަލިޖެހިފައިވާ މީހެއްގެ ހަށިގަނޑުން ބޭރުވާ ދިޔާ އެއްޗެއްގެ ސަބަބުންނެވެ.

ބަލީގެ ކުރީކޮޅު ފެންނަ އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ގައިގައި ރިއްސުން، ބޮލުގައި ރިއްސުން އަދި ކަރުގައި ރިއްސުން ހިމެނެއެވެ. ބަލި ބޮޑުވުމުން ހޮޑުލުމާއި، ބޭރަށް ހިންގުމުގެ އިތުރުން ހަށިގަނޑުގެ ގުނަވަންތަކުން ލޭ އަންނަން ފަށައެވެ. ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނާގޮތުގައި މި ބަލި ޖެހޭ މީހުންގެ ތެރެއިން ގާތްގަނޑަކަށް 50 އިންސައްތަ މީހުން މަރުވެއެވެ.

އިޓޫރީ ސަރަހައްދަކީ 2021 ވަނަ އަހަރުން ފެށިގެން އަސްކަރީ ވެރިކަމެއްގެ ދަށުގައި އޮތް ސަރަހައްދެކެވެ. އެ ސަރަހައްދުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތްތަކުގެ ސަބަބުން ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެއެވެ.

ޑީއާރު ކޮންގޯގައި މިހާތަނަށް އެންމެ ނުރައްކާތެރިކޮށް އެބޯލާ ފެތުރުނީ 2018 އާއި 2020 އާ ދެމެދުގައެވެ. އެ ފަހަރު 2،300 އެއްހާ މީހުން މަރުވިއެވެ. ކޮންގޯ ސަރުކާރުން އަދި ރަސްމީކޮށް މި ބަލިމަޑުކަން އިއުލާންކޮށްފައި ނުވި ނަމަވެސް، ވަރަށް އަވަހަށް އެކަން އިއުލާން ކުރާނެ ކަމަށް ބެލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު