ދަތުރުކުރަމުންދިޔަ ރޭލެއްގެ ފާޚާނާ ތަށި ތެރެއިން އަލިފާން ކަނި އަރައިފި
ދަތުރުކުރަމުންދިޔަ ރޭލެއްގެ ފާޚާނާ ތަށި ތެރެއިން އަލިފާން ކަނި އަރައިފި
އިންޑިއާ ގައި ދަތުރުކުރަމުންދިޔަ ރޭލެއްގެ ފާޚާނާ ތަށިތެރެއިން ކުއްލިއަކަށް އަލިފާންކަނި ބުރައި ރޭލު މަޑުކުރަން ޖެހުމާ ގުޅިގެން ދަތުރުވެރިންގެ މެދުގައި ބޮޑު ހާސް ކަމަކާއި ބިރުވެރިކަމެއް އުފެދިއްޖެއެވެ. ރޭލުގެ ބްރޭކް ޖެއްސި ވަގުތު ފާޚާނާގެ ތެރެއިން ގަދަ އައްޔަކާއެކު އަލިފާންކަނިތައް ބުރަމުންދިޔަ މަންޒަރު ގިނަ ބަޔަކަށް ވަނީ ފެނިފައެވެ.

މަންޒަރު ދުށް ފަރާތްތަކުން މައުލޫމާތު ދޭ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ. އެހެންނަމަވެސް، މި ކަމުގެ ސަބަބުން ކައިރީގައި ތިބި ފަސިންޖަރުން ބިރުން ސަލާމަތްވުމަށްޓަކައި އެ ސަރަހައްދުން ދުރަށް ދިއުމަށް މަސައްކަތް ކުރުމުން، މުޅި ރޭލުގެ ތެރޭގައި ހާސްކަން ފެތުރިގެން މީހުންތައް ތޮއްޖެހި ފިތިގެންދިޔައެވެ. ފުރަތަމަ ބެލެވުނު ގޮތުގައި މިއީ ކަރަންޓު ޝޯޓެއް ނުވަތަ ރޭލުގެ މެކޭނިކަލް ނިޒާމަށް ދިމާވި މައްސަލައެކެވެ. ކުއްލި ގޮތަކަށް ބްރޭކް ޖެއްސުމާއެކު މި ހާދިސާ ހިނގުމުން، ތޮއްޖެހިފައި އޮތް ރޭލުގެ ތެރޭގައި ނުތަނަވަސްކަން އިތުރުވެގެން ދިޔަ ނަމަވެސް، އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ.

ދަތުރުވެރިން ފޯނުން ރެކޯޑުކޮށްފައިވާ މި ހާދިސާގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާއެކު، ރޭލުތަކުގެ ރައްކާތެރިކަމާއި މަރާމާތު ކުރުމުގެ މިންގަނޑުތަކާ މެދު އާންމުންގެ މެދުގައި ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ.

މި ހާދިސާ ހިނގަން މެދުވެރިވި އަސްލު ސަބަބު ރަސްމީކޮށް އަދި ހާމަކޮށްފައި ނުވި ނަމަވެސް، ބައެއް ފަރާތްތަކުން ލަފާކުރަނީ މިއީ ބްރޭކް ސިސްޓަމަށް ދިމާވި މައްސަލައެއް ނުވަތަ ކަރަންޓު މައްސަލައެއް ކަމަށެވެ. ރޭލުވޭ އޮތޯރިޓީން މިހާރު ދަނީ މިހާދިސާގެ ފުރިހަމަ ތަހުޤީގެއް ކުރިއަށް ގެންދަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު