ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު، މުހައްމަދު އިބްރާހިމް (ކުޑޫ)
ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު، މުހައްމަދު އިބްރާހިމް (ކުޑޫ)
ރާއްޖޭގައި އިޖުތިމާޢީ ގިނަ މައްސަލަތަކަށް ދާއިމީ ޙައްލެއް ނުލިބި ދިގުލައިގެންދަނީ ކަމާބެހޭ މުއައްސަސާތަކުގެ ނާޤާބިލުކަމާއި އިހުމާލުގެ ސަބަބުން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ވިދާޅުވެއްޖެއެވެ.

މެންބަރު ކުޑޫ މިހެން ވިދާޅުވީ، ވޭތުވެދިޔަ ދޮޅު އަހަރެއްހާ ދުވަހު މާލޭގެ ކަށިމާ ހިނގުމާއި ދޫހިމެރި މަގު ސަރަޙައްދުގައި އާންމުންނަށް ތަކުރާރުކޮށް އުނދަގޫކުރަމުންދިޔަ މީހެއްގެ މައްސަލަ ފުލުހުންނަށާއި ކަމާގުޅުންހުރި އިދާރާތަކަށް ހުށަހަޅައިގެން ވެސް ހައްލެއް ނުލިބުމުން، އެކަމާ އިހުތިޖާޖު ކުރުމުގެ ގޮތުން ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުޙައްމަދު ސަޢީދު، އިއްޔެ ހެނދުނުން ފެށިގެން ފުލުހުންގެ އިދާރާ ކުރިމަތީގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ކުޑޫ ވިދާޅުވީ، ކޮންމެ ކަމަކަށް ވެސް ކެތްތެރިވެވޭނީ ވަކި މިންވަރަކަށް ކަމަށާއި، މި މައްސަލައިގައި ވެސް ކަމާގުޅުންހުރި މުއައްސަސާތަކުން އިވެމުންދަނީ އެއް އަޑަކާއި އެއް ބަހަނާތަކެއް ކަމަށެވެ. އަދި ސަޢީދު ސާބިތުކޮށްދިނީ، ކަންކަން ކެތްނުކުރެވޭ ހިސާބަށް ދިއުމުން އޭނާ އިޚުތިޔާރުކުރި ހިތްވަރުގަދަ ނިންމުން ކަމަށް ފާހަގަކުރައްވައި، ސަޢީދުގެ އެ ހިތްވަރަށް ސާބަހާއި ޝުކުރު ޙައްޤުވާ ކަމަށް ވެސް ކުޑޫ ވިދާޅުވިއެވެ.

މީގެއިތުރުން، މިއީ ސަރުކާރުގެ އެއް މުއައްސަސާއިން އަނެއް މުއައްސަސާއަށް އަދި އެއް ވުޒާރާއިން އަނެއް ވުޒާރާއަށް ޒިންމާތައް އެއްފަރާތުން އަނެއް ފަރާތުގެ ބޮލަށް ކަނޑާލުމުގެ އުސޫލުން ހިނގަމުންދާ އާންމު ކަމެއް ކަމަށާއި، ދެރަކަމަކީ ދައުލަތުގެ 'ވެރިއަކަށް' މިފަދަ ކަމެއް ދިމާނުވާހާ ހިނދަކު ފިޔަވަޅެއް ނާޅާކަން ކަމުގައި ވެސް މެންބަރު ފާހަގަކުރެއްވިއެވެ.

މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން، މަގުމަތީގައި އާންމުންނަށް އުނދަގޫކުރާ ފަރާތްތަކުގެ ނަފްސާނީ ދުޅަހެޔޮކަމާއި އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ނިޒާމީ ފިޔަވަޅުތަކެއް އަޅައިދިނުމަށް އެދިވަޑައިގެން މެންބަރު ކުޑޫ ވަނީ މިނިސްޓަރ އޮފް ހެލްތު ގީލާ އަލީއަށް ސިޓީއެއް ވެސް ފޮނުއްވާފައެވެ.

އެ ސިޓީގައި ކުޑޫ ބަޔާން ކުރަށްވާފައިވަނީ، އެ ސަރަހައްދުގައި ހިނގަމުންދާ ކަންކަމުގެ ސަބަބުން ރައްޔިތުންނަށާއި މަގުމަތިން ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ބޮޑެތި ތަކުލީފުތަކެއް އުފުލަންޖެހިފައިވާ ކަމަށާއި، އެއީ އޭނާ ވެސް އަމިއްލައަށް ތަޖުރިބާ ކުރައްވަމުން ގެންދަވާ ކަމެއް ކަމަށެވެ. އަދި ނެޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓާއެކު މީގެ ކުރިން ވެސް މިފަދަ މައްސަލަތަކުގައި މަޝްވަރާކުރެވިފައިވީ ނަމަވެސް، އަދިވެސް ހައްލެއް ލިބިފައިނުވާކަން ކުޑޫ ފާހަގަކުރެއްވިއެވެ.

ތަރައްގީވެފައިވާ ގައުމުތަކުގައި މިފަދަ ހާލަތްތަކުގައި ޚާއްސަ ރިހެބިލިޓޭޝަން ޕްރޮގްރާމްތަކާއި ނަފްސާނީ އެހީތެރިކަން ފޯރުކޮށްދޭ ހަރުދަނާ ނިޒާމެއް އޮންނަކަން ފާހަގަކުރަށްވައި، ރާއްޖޭގައި ވެސް މިހާރު އަމަލުކުރަމުންދާ އުސޫލުތައް ބަދަލުކުރަންޖެހޭ ކަމަށް ކުޑޫ ވިދާޅުވިއެވެ. އަދި ކޮންމެ ރައްޔިތަކަށް ވެސް ރަނގަޅު ފެންވަރުގެ ސިއްހީ ހިދުމަތާއި ރައްކާތެރި މާހައުލެއް ލިބުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އަސާސީ ހައްގަކަށްވާއިރު، މިކަމަކީ އިޖުތިމާއީ އަދި ނަފްސާނީ ދުޅަހެޔޮކަމާ ސީދާ ގުޅިފައިވާ ކަމެއް ކަމަށްވާތީ، ކަމާބެހޭ ވުޒާރާތަކުން އިތުރަށް ލަސްނުކޮށް އަވަސް އަދި ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށް މެންބަރު ވަނީ އެދިވަޑައިގެންފައެވެ.

ކުޑޫ މިފަދަ ސިޓީއެއް ޖެންޑަރ މިނިސްޓްރީއަށް ފޮނުއްވާފައިވާއިރު ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުޙައްމަދު ސަޢީދު ކުރެއްވި ހަޅުތާލު ރޭގެ ވަގުތެއްގައި ނިންމަވާލެއްވީ އެމައްސަލާގައި އެކަށީގެންވާ ޖަވާބެއް ސަރުކާރުން ދެއްވުމުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު