ކްރިމިނަލް ކޯޓު
ކްރިމިނަލް ކޯޓު
ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކޮށް ވިއްކަމުންދިޔަ އެޕާޓްމަންޓެއް ބަލައިފާސްކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ހަ މީހެއްގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ 30 ދުވަހުގެ މުއްދަތެއް ޖަހައިދީފިއެވެ.

މި މައްސަލައިގައި ހައްޔަރުކުރި ހަ މީހުންގެ މައްޗަށް ފުލުހުން ތުހުމަތު ކުރަނީ މަސްތުވާތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އޭގެ ވިޔަފާރިކުރުމުގެ އިތުރުން މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށެވެ. ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މި މީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތީގެ ހާއްޔެއްގެ ގޮތުގައި ބޭނުންކުރަމުންދިޔަ އެޕާޓްމަންޓެއްގެ ތެރެއިންނެވެ.

ކޯޓުގައި ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި ހަ މީހުން ތިބި އެޕާޓްމަންޓް ބަލައިފާސްކުރިއިރު ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި، ފައިސާގެ އިތުރުން މަސްތުވާތަކެތި ބަހައި ކިރުމަށް ބޭނުންކުރާ ކުދި ކައްޓާ ވެސް ވަނީ ފެނިފައެވެ. މީގެއިތުރުން، އެތަނަކީ ކެފޭ އުސޫލުން މީހުން އެއްވެ މަސްތުވާތަކެތި ބޭނުންކުރުމާއި ވިއްކުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ތަނެއް ކަމަށާއި، މަސްތުވާތަކެއްޗާއެކު ފައިސާ އަޅާފައި ހުރި ރަބަރު ޕެކެޓުތަކެއް ވެސް އެ އެޕާޓްމަންޓުން ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައިގެ ބަންދު އަޑުއެހުމުގައި، ތުހުމަތުކުރެވޭ މީހުން ވަނީ އެ އެޕާޓްމަންޓުން ފެނުނު އެއްވެސް މަސްތުވާތަކެއްޗަކާ އެމީހުންނާ އެއްވެސް ގުޅުމެއް ނެތް ކަމަށް ބުނެ ދައުވާއަށް އިންކާރުކޮށްފައެވެ.

ނަމަވެސް، ފުލުހުން ކޯޓުގައި ބުނެފައިވަނީ ހައްޔަރުކުރި މީހުންގެ ތެރެއިން ބައެއް މީހުންނަކީ އެ އެޕާޓްމަންޓަށް ވަރަށް ގިނައިން ވަދެނުކުމެ އުޅޭ މީހުންކަން ހެކިންގެ ބަހުން ސާބިތުވާ ކަމަށެވެ. އެހެންކަމުން، މައްސަލައިގެ ތަހުގީގު ފުރިހަމަކުރުމަށްޓަކައި އެ އެންމެން ވެސް 30 ދުވަހުގެ މުއްދަތަށް ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު