ތިން ރައީސުންގެ ފަރާތުން އެކުލަވާލާ ކޮމިޓީގެ މަންދޫބުން-
ތިން ރައީސުންގެ ފަރާތުން އެކުލަވާލާ ކޮމިޓީގެ މަންދޫބުން-
ކުރީގެ ތިން ރައީސުން ކަމަށްވާ މުޙައްމަދު ނަޝީދާއި، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަދި އިބްރާހީމް މުޙައްމަދު ޞާލިޙް ގުޅިގެން، ނޫސްވެރިކަމުގެ މިނިވަންކަމާއި، އެއްވެ އުޅުމާއި، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ދިފާއުގައި ފައްޓަވާފައިވާ ސީދާ ސިޔާސީ ހަރަކާތުގެ ކަންކަން އިންތިޒާމް ކުރުމަށް އެކުލަވާލާ ކޮމިޓީއަށް އެ ބޭފުޅުންގެ ފަރާތްޕުޅުން އިސްކޮށް މަސައްކަތް ކުރައްވާނެ 6 މަންދޫބުން މިއަދު ކަނޑައަޅުއްވައިފިއެވެ.

މި ތިން ރައީސުން މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމަށްފަހު، ސަރުކާރު 'ހަމައަކަށް އެޅެންދެން' އެކުގައި މަސައްކަތް ކުރެއްވުމަށް ވަނީ އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ. މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ނޫސްވެރިކަމުގެ މިނިވަންކަމާއި، ހިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން ރާއްޖޭގައި އަލުން އިއާދަކުރުން ކަމަށް އެ ބޭފުޅުން ވިދާޅުވެފައިވެއެވެ.

މި މަސައްކަތްތައް ވިލަރެސްކުރުމަށް އެކުލަވާލި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މަންދޫބުންގެ ތެރެއިން ރައީސް ނަޝީދުގެ ފަރާތްޕުޅުން ހަމަޖެއްސެވީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ ޢަބްދުﷲ އާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލެވެ. ރައީސް ޔާމީންގެ ފަރާތްޕުޅުން ކަނޑައެޅުއްވި މަންދޫބުންނަކީ ޕީއެންއެފްގެ ނައިބު ރައީސް މުޙައްމަދު މަލީހު ޖަމާލާއި، އެ ޕާޓީގެ ޓިކެޓްގައި މާލޭގެ މޭޔަރުކަމަށް ވާދަކުރެއްވި އިސްމާޢީލް ޒަރިޔަންދެވެ. އަދި ރައީސް ޞާލިޙްގެ ފަރާތްޕުޅުން މި ކޮމިޓީގައި ތަމްސީލު ކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަޙުމަދު ސަލީމް (ސައްލެ) އާއި މަޖިލީހުގެ އަލިފުށި ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން (ބިގޭ) އެވެ.

މި ކޮމިޓީ ވެގެންދާނީ ތިން ރައީސުން އެއްބަސްވެ ވަޑައިގެންފައިވާ ގޮތަށް ހަރަކާތްތައް ރާވައި ހިންގުމުގައާއި، ކުރިއަށް އޮތް ދުވަސްތަކަށް ބޭނުންވާ އިސްތިރާޖީ މަސައްކަތްތައް ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާނެ ފަރާތްތަކަށެވެ. މިއީ މި ތިން ލީޑަރުންގެ މެދުގައި ސިޔާސީ މަޝްވަރާކޮށް ގޮތް ނިންމުމަށް މިފަދަ ކޮމިޓީއެއް އެކުލަވާލި ފުރަތަމަ ފަހަރު ކަމަށްވާއިރު، މި ކޮމިޓީގެ ފުރަތަމަ ބައްދަލުވުން މާދަމާ ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ.

ހުކުރު ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތިން ރައީސުންވެސް ވަނީ މިއީ ރިޔާސީ އިންތިޚާބަކަށް އަމާޒުކޮށްގެން އުފެއްދި ކޯލިޝަނެއް ނޫން ކަމަށާއި، މި މަސައްކަތުގެ އަސްލަކީ ގައުމުގެ ކަންކަން އިސްލާހުކުރުން ކަމަށް ފާހަގަކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު