ވަޠަނީ ޚިދުމަތް ފުރިހަމަކުރި ބައިވެރިއެއް
ވަޠަނީ ޚިދުމަތް ފުރިހަމަކުރި ބައިވެރިއެއް
ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ދެވަނަ ބެޗުގެ އަސާސީ ތަމްރީނު ފުރިހަމަކޮށް، ކާމިޔާބުކަމާއެކު ދަސްވެނިވި ހުރިހާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ.

މިދިޔަ ޖަނަވަރީ މަހުގެ 31 ވަނަ ދުވަހުން ފެށިގެން ތިން މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ތަމްރީނުތަކުގައި، ރާއްޖޭގެ 112 ރަށަކުން ޖުމްލަ 343 ދަރިވަރުން ވަނީ ބައިވެރިވެ ދަސްވެނިވެފައެވެ. ޅ. މާފިލާފުށީގައި ހުންނަ އެމްއެންޑީއެފްގެ ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރުގައި ބޭއްވި މި ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ފާހަގަކުރި ގޮތުގައި، މި ބެޗުގައި 280 ފިރިހެން ބައިވެރިންނާއި 63 އަންހެން ބައިވެރިން ހިމެނެއެވެ.

މީގެ ތެރޭގައި 18 އަހަރުން ދަށުގެ 113 ކުދިން ހިމެނޭއިރު، 18 އަހަރުން މަތީގެ 230 ބައިވެރިން ވަނީ ތަމްރީނުތައް ފުރިހަމަކޮށްފައެވެ. މި ޕްރޮގްރާމް ފަށާފައިވަނީ ޖުމްލަ 350 ބައިވެރިންނާ އެކުގައެވެ.

ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ ފުރިހަމަކުރި މި ދަރިވަރުންނަށް ވަނީ ތަފާތު އެކި ދާއިރާތަކުން ފަންނީ ސެޓްފިކެޓްތައް ދީފައެވެ. އޭގެ ތެރޭގައި ސެޓްފިކެޓް 3 އިން ސިވިލް އެޑިއުކޭޝަން އެންޑް ލީޑަރޝިޕް، ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރ، ބޭސިކް ފަސްޓް އެއިޑް، އަދި ޕިއަރ އެޑިއުކޭޝަން ޓްރެއިނިންގ ޕްރޮގްރާމުގެ ސެޓްފިކެޓްތައް ހިމެނެއެވެ.

ތިން މަސްދުވަހުގެ މި ތަމްރީނުގެ ތެރެއިން ދަރިވަރުންނަށް ދިވެހި ޤައުމިއްޔަތާއި، ޒިންމާދާރު ރައްޔިތުކަމާއި، ދީނީ ތަޢުލީމާއި، ލީޑަރޝިޕްގެ އިތުރުން ބަހުގެ ހުނަރުތައް ވަނީ އުނގަންނައިދީފައެވެ. މީގެ އިތުރުން ހަށިހެޔޮކަމުގެ ކަސްރަތުތަކާއި، އަޚްލާޤު ހަރުދަނާކުރުމަށް ހެވިކަމުގެ ތަމްރީނުތަކާއި، ސެލްފް ޑިފެންސް އަދި އަސްކަރީ ތަމްރީނުގެ މުހިންމު މަޢުލޫމާތުތައްވެސް ވަނީ ފޯރުކޮށްދީފައެވެ.

ސަރުކާރުން ނިންމާފައިވަނީ މި ޕްރޮގްރާމުގެ ދެވަނަ ބުރުން ހޮވޭ ދަރިވަރުންނަށް ބ. އަތޮޅު ކިހާދޫގައި ހުންނަ ޓެކްނިކަލް އެންޑް ވޮކޭޝަނަލް ސެންޓަރުގައި ފަންނީ ތަމްރީނުތައް ފުރިހަމަކުރުމުގެ ފުރުސަތު ދިނުމަށެވެ. އަދި އެ ނޫން ދަރިވަރުންނަށް، އެ ކުދިން ވަޒީފާ އަދާކުރަން ޝައުޤުވެރިވާ ދާއިރާތަކުން ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމަށްވެސް ސަރުކާރުން ވަނީ މަގުފަހިކޮށްދީފައެވެ.

ދިވެހި ވަޠަނީ ޚިދުމަތް ނުވަތަ ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ އަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު ދެއްވި އިފުތިތާޙީ ތަޤްރީރުގައި ވިދާޅުވި، އިންސާނުން ބިނާކުރުމާއި ޤައުމުގެ ސިނކުޑިތައް ބިނާކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ ވަރަށް މުހިންމު މަޝްރޫޢެކެވެ. މިއީ ޒުވާނުން ބާރުވެރިކޮށް، މަސައްކަތުގެ އަޚުލާޤާއި ސުލޫކު އަށަގެންނެވުމަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމް ރަސްމީކޮށް އިފްތިތާހުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގެ 1 ވަނަ ދުވަހުއެވެ. މި ޕްރޮގްރާމުގެ ފުރަތަމަ ބުރުގައި 344 ޒުވާނުން ވަނީ ކާމިޔާބުކަމާއެކު ދަސްވެނިވެފައެވެ.



ކިޔުންތެރިންގެ ހިޔާލު