ވ. އަތޮޅު އަލިމަތާ ކައިރީގައި އޮންނަ ކަނޑުއަޑީގެ ނުރައްކާތެރި ކޭވްއަކަށް ފީނަން އުޅުމުގެ ތެރޭގައި، މީގެ ފަސް ދުވަސް ކުރިން މަރުވި އިޓަލީގެ ފަސް ޑައިވަރުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު މިއަދުގެ ވަގުތެއްގައި މޫދު އަޑިން ފެންމައްޗަށް ނަގައިފިއެވެ.

ހާދިސާ ހިނގި ދުވަހު އެ ގްރޫޕްގެ 44 އަހަރުގެ ޑައިވިން އިންސްޓްރަކްޓަރު ޖިއަންލޫކާ ބެނެޑެޓީގެ ހަށިގަނޑު ކަނޑުގެ 60 މީޓަރު (197 ފޫޓު) އަޑިން، ހޮހަޅައިގެ އެތެރެއިން ފެނިފައިވާއިރު، މި ރެސްކިއު އޮޕަރޭޝަންގެ ތެރޭގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރު، ސާޖަންޓް ފަސްޓް ކްލާސް މުހައްމަދު މަހުދީ ވަނީ ނިޔާވެފައެވެ.

ގެއްލުނު ޑައިވަރުންގެ ހަށިގަނޑުތައް ހޯދުމުގެ މަސައްކަތް އިތުރަށް ކުރިއަށް ގެންދިއުމަށްޓަކައި އިޓަލީ ސަރުކާރުން ހަމަޖެއްސި ފިންލޭންޑްގެ ހާއްސަ ޓީމެއް ރާއްޖެ އައީ އާދީއްތަ ދުވަހުއެވެ. އަދި އެމީހުންގެ ރެސްކިއު އޮޕަރޭޝަން ފެށީ އިއްޔެއެވެ.

އޮޕަރޭޝަނުގައި އިސްކޮށް ހަރަކާތްތެރިވާ ޑައިވާސް އެލާޓް ނެޓްވޯކް (ޑޭން) އިން ހާމަކޮށްފައިވާ ގޮތުގައި، ގެއްލުނު ޑައިވަރުން ހޮހަޅައިގެ ތެރެއިން ލޮކޭޓް ކުރެވުނީ މިފަދަ ކަންކަމަށް ހާއްސަ އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން، ފިންލެންޑުގެ އެންމެ ތަޖުރިބާކާރު ތިން ޑައިވަރުން އިއްޔެ ކުރި ތިން ގަޑިއިރުގެ ދިގު ޑައިވްއަކަށް ފަހު އިއްޔެ ކަމަށެވެ. އެމީހުންގެ ހަށިގަނޑު ފެނުނީ ހޮހަޅައިގެ އެންމެ ފުނުންނެވެ.

އަދި އޭގެތެރެއިން ދެ މީހެއްގެ ހަށިގަނޑު މިއަދު ކާމިޔާބުކަމާއެކު ވަނީ ނަގާފައެވެ. ހަށިގަނޑުތައް ކޭވްގެ ތެރެއިން ނެރުނީ ބޭރުގެ ޑައިވަރުންނެވެ. 30 މީޓަރާ ހަމައިން ހަށިގަނޑުތަކާ އެމްއެންޑީއެފްގެ ޑައިވަރުން ހަވާލުވެ، 7 މީޓަރާ ހަމައިން ފުލުހުންގެ ޑައިވަރުން ހަށިގަނޑުތަކާ ހަވާލުވެ ފެނުން މައްޗަށް ނަގައި 2 ހަށިގަނޑުވެސް އަރުވާފައިވަނީ ފުލުހުންގެ އުޅަނދަކަށެވެ.

މިއަދު ފެނުން މައްޗަށް ނަގާފައިވަނީ އަންހެނަކާއި ފިރިހެނެއްގެ ހަށިގަނޑެވެ. އަދި ކޭވްގައި ތާށިވެފައިވާ ހަތަރު މީހުންގެ ތެރޭގައި ހިމެނެނީ އެންމެ ފިރިހެނެއް ކަމުން ނެގުނު ފިރިހެން މީހާ އަކީ ކާކުކަން ދެނެގަނެވުނު ނަމަވެސް އަންހެން މީހާ އަކީ ކާކުކަން މިހާތަނަށް ދެނެގަނެވިފައެއް ނުވެއެވެ. ކޭވްގައި ބާކީ އޮތް އަނެއް ދެ ހަށިގަނޑު ކަނޑުއަޑިން ނެގުމުގެ މަސައްކަތްކުރިއަށް ގެންދާނީ މާދަމާގެ ވަގުތެއްގައި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މި ހާދިސާގައި ކޭވްގައި ތާށިވެފައިވާ މީހުންގެ ތެރޭގައި ޔުނިވާސިޓީ އޮފް ޖެނޯއާގެ ފަރާތުން މޫސުމީ ބަދަލުތަކާ ގުޅޭ ދިރާސާއެއް ކުރުމަށް ރާއްޖެ އައިސް އުޅުނު އުމުރުން 51 އަހަރުގެ މެރިން ބަޔޮލޮޖިސްޓް މޮނިކާ މޮންޓެފަލްކޯން ހިމެނެއެވެ. އޭނާއާއެކު އޭނާގެ ދަރިފުޅު ޖިއޯޖިއާ ސޮމަކަލް (22 އަހަރު) އާއި އެ ޔުނިވާސިޓީގެ ރިސާޗް ފެލޯއެއް ކަމަށްވާ މުރިއެލް އޮޑެނީނޯ (31 އަހަރު) ވެސް ވަނީ ހޮހޮޅައިގައި ތާށިވެ މަރުވެފައެވެ. މީގެ އިތުރުން އެ ޔުނިވާސިޓީން މާސްޓާސް ހާސިލްކޮށްފައިވާ އަދި ރާއްޖޭގެ ފަރުތަކާ ބެހޭގޮތުން ތީސީސް ލިޔުނު ފްރެޑެރިކޯ ގުއަލްޓިއޭރީ (31 އަހަރު) ވަނީ މަރުވެފައެވެ.

މި ޙާދިސާ ހިނގާފައިވަނީ، މިދިޔަ ބުރާސްފަތި ދުވަހު އަލިމަތާ ކޭވްގެ ގާތްގަނޑަކަށް 160 ފޫޓު ފުންމިނުގައެވެ. މި ޑައިވަރުން ދަތުރުކުރި 'ޑިއުކް އޮފް ޔޯކް' ސަފާރީއަކީ ޕަޑީ ފައިވް ސްޓާ ސަފާރީއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދެކެވެ. މި ހާދިސާއާ ގުޅިގެން މިނިސްޓްރީ އޮފް ޓޫރިޒަމުން ވަނީ މިދިޔަ ހުކުރު ދުވަހު އެ އުޅަނދުގެ ލައިސަންސް ސަސްޕެންޑް ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު