ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް
ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލައިގައި ޖަވާބުދާރީވުމަށް އޭނާއަށް 10 މިނެޓުގެ ފުރުސަތެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން، މަގާމުން ވަކިކުރުމުގެ މައްސަލައެއް ކުރިއަށްދާއިރު އެ ބޭފުޅަކަށް ދިފާއުގައި ވާހަކަދެއްކުމުގެ ފުރުސަތު ދޭންޖެހެއެވެ. މިއަދު ބޭއްވި އާންމު ކޮމިޓީގެ ބައްދަލުވުމުގައި ނިންމާފައިވަނީ، ނާޒިމް ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހަޅާ ދުވަހު، އޭނާއަށް ޖަވާބުދާރީވުމަށް ޖުމްލަ 10 މިނެޓް ދިނުމަށެވެ.

ޕީއެންސީގެ މެންބަރެއްގެ ގޮތުގައި ހުންނެވި އަހުމަދު ނާޒިމް، މަޖިލީހުގެ ނައިބު ރައީސްކަމުން ވަކިކުރުމުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ ޖުމްލަ 73 މެންބަރުންގެ ސޮޔާއެކުގައެވެ. ނާޒިމް މަޤާމުން ވަކިކުރުމަށްޓަކައި ޕީއެންސީން ވަނީ މަޖިލީހުގެ މިދައުރުވެސް ދަންމާލާފައެވެ.

މަޖިލީހުގެ ގަވާއިދު ބުނާގޮތުން، މައްސަލައިގެ ނޯޓިސް ނާޒިމަށް ފޮނުވުމަށްފަހު، ރަސްމީ ބަންދު ނޫން 14 ދުވަހުގެ މުއްދަތެއް ދޭންޖެހެއެވެ. އެ މުއްދަތު ހަމަވުމުން މަޖިލީހުގެ ޖަލްސާއަށް މި މައްސަލަ އެޖެންޑާ ކުރެވޭނެއެވެ.

ނާޒިމް ވަކިކުރަން ހުށަހެޅި މައްސަލާގައި ބުނެފައިވަނީ، އޭނާ މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ނާޖާއިޒު ފައިދާ ނަގަމުންދާ ކަމަށާއި، ފިތުނަ އުފައްދައި ވަކި ފަރާތަކަށް ބުރަވެ މަސްލަހަތު ގެއްލޭ ގޮތަށް ތަކުރާރުކޮށް އަމަލުކުރަމުންދާ ކަމަށެވެ. އަދި މަޖިލީހުގެ މަސައްކަތްތަކުގައި ވަކި ސިޔާސީ ފިކުރަކަށް ތައައްސުބުވެ، މަޖިލީހުގެ މަސްލަހަތު ގެއްލުވާލަން ހިތްވަރުދީ، މަގާމުގެ ޒިންމާއިން ބަރީއަވެފައިވާ ކަމަށް ވެސް އެ މައްސަލާގައި ތުހުމަތުކޮށްފައިވެއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅުމުގެ ކުރިން ފުލުހުން ވަނީ ނާޒިމާ ގުޅޭ އިންޓެލިޖެންސް ރިޕޯޓެއް އެކުލަވާލާފައި ކަމަށް ބައެއް މީޑިއާތަކުގައި މީގެ ކުރިން ރިޕޯޓް ކޮށްފައިވެއެވެ. މި މައްސައިގެ ތެރޭގައި މަޖިލީހުގެ އެންމެ މުހިންމު ދެ ކޮމިޓީ ކަމަށްވާ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އާއި މާލިއްޔަތު ކޮމިޓީން ވެސް ނާޒިމް ވަނީ ވަކިކޮށްފައެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލިސް މެންބަރުންނާ މުއާމަލާތް ކުރުމަށް ބޭނުންކުރައްވާ ވަޓްސްއެޕް ގްރޫޕުން ވެސް ނާޒިމް ވަނީ ބޭރުކޮށްލާފައެވެ.

އަހުމަދު ނާޒިމަކީ ރާއްޖޭގެ ސިޔާސީ ދާއިރާގައި ވަރަށް ތަޖުރިބާކާރު ބޭފުޅެކެވެ. އޭނާ ވަނީ މީގެ ކުރިން 2009 އިން 2015 އަށް ވެސް މަޖިލީހުގެ ނައިބު ރައީސްކަން ކުރައްވާފައެވެ. ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައި ހުންނެވުމަށްފަހު، 2015 ވަނަ އަހަރު މަކަރާއި ހީލަތުގެ ކުށް ސާބިތުވެ 25 އަހަރުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އައެވެ. އެ ހުކުމުން އޭނާ ސަލާމަތްވީ 2018 ވަނަ އަހަރު ސުޕްރީމް ކޯޓުން އެ ހުކުމް ބާތިލް ކުރުމާ ގުޅިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު