ރައީސް ނަޝީދުގެ ބޮޑު ބަދަލު ޖަލްސާގެ ތެރެއިން
ރައީސް ނަޝީދުގެ ބޮޑު ބަދަލު ޖަލްސާގެ ތެރެއިން
މިއަދުގެ ޒުވާނުން ބޭނުންވަނީ ހަމައެކަނި ޒުވާން މޫނެއް ނޫން ކަމަށާއި، ޒުވާނުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި މައްސަލަތަކަށް ހައްލު ހޯދައިދެވޭނެ ފަދަ ގާބިލް ލީޑަރެއް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް މިހެން ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ކެމްޕޭނުގެ ތެރެއިން، ކުރީގެ ރައީސް މުހައްމަދު ނަޝީދު "ބޮޑު ބަދަލު" ގެ ނަމުގައި އާޓިފިޝަލް ބީޗުގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ، މީގެ ވިހި އަހަރު ކުރިން ރާއްޖެއަށް ޑިމޮކްރަސީއާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހޯދުމަށްޓަކައި ދިވެހި ރައްޔިތުން ވީ ބޮޑެތި ގުރުބާނީތައް މިއަދުގެ މުޖުތަމައު ހަނދާން ނެތެމުންދާ ކަމަށެވެ. އަދި 2008 ވަނަ އަހަރު ރާއްޖެއަށް އައި އިސްލާހީ ބަދަލުތަކަކީ އެތައް ބައެއްގެ ފުރާނައާއި، މުދަލާއި، މިނިވަންކަން ގުރުބާންކޮށްގެން ލިބުނު ބޮޑު ކާމިޔާބީއެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ އެ އިސްލާހީ މަސައްކަތުން ލިބުނު އެންމެ އަގުބޮޑު ހައްގު ކަމުގައި ސިފަކުރައްވަމުން ފައްޔާޒް ވިދާޅުވީ، މިއަދު އެ މިނިވަންކަން މަޑުމަޑުން ބީވަމުންދާ ކަމުގެ އިހުސާސް ކުރެވޭ ކަމަށެވެ. ނޫސްވެރިންނާއި އެކްޓިވިސްޓުން ޖަލަށްލަމުންދާ ކަމަށް ތުހުމަތު ކުރައްވައި، އެފަދަ ފަރާތްތައް ވަގުތުން މިނިވަން ކުރުމަށްވެސް އޭނާ ވަނީ މި ޖަލްސާގައި ގޮވާލައްވާފައެވެ.

ހަމައެއާއެކު ފައްޔާޒު ވިދާޅުވީ ރައްޔިތުންގެ ބުރަ މަސައްކަތުން ހޯދި ޤާނޫނު އަސާސީން ލިބިދޭ ބާރުތަކާއި މިނިވަންކަން، ޚާއްޞަކޮށް ބަސްބުނުމާއި މުޒާހަރާކުރުމުގެ ޙައްޤު މި ސަރުކާރުން ނިގުޅައި ގަންނަމުންދާ ކަމަށެވެ. އަދި ޤާނޫނު އަސާސީ ޤަބޫލުނުކުރާ، ހުދުމުހުތާރު ވެރިކަމަކަށް ބޭނުންވާ ބަޔަކު ވެރިކަމަށް އައިސް، އެބޭފުޅުން ބޭނުންވާ ގޮތަށް ޤާނޫނު އަސާސީ ބަދަލުކުރަމުންދާ ކަމަށްވެސް ފައްޔާޒު ތުހުމަތުކުރެއްވިއެވެ.

ޒުވާން ޖީލާ މެދު އޮތް ކަންބޮޑުވުންތައް ހިއްސާކުރައްވަމުން ފައްޔާޒް ވިދާޅުވީ، "ޒުވާނުން ބޭނުންވަނީ ހަމައެކަނި ޒުވާން މޫނެއް ނޫން، ބޭނުން ވަނީ ހައްލު ހޯދައިދޭނެ ގާބިލް ލީޑަރެއް،" ކަމަށެވެ. އަދި ގައުމުގެ މައްސަލަތަކަށް ހަގީގީ ހައްލެއް ގެނެވޭނީ ގާބިލްކަން ހުރި ލީޑަރަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"ބޮޑު ބަދަލު" ހަރަކާތުގެ މައިގަނޑު މަގްސަދަކީ ރައްޔިތުންގެ ހަގީގީ ކަންބޮޑުވުންތައް އަޑުއެހުން ކަމަށާއި، ރައީސް މުހައްމަދު ނަޝީދުގެ އިރުޝާދުގެ ދަށުން ހުށަހަޅާ އިސްލާހީ ބަދަލުތަކާއެކު ރާއްޖެއަކީ މިއަށްވުރެ ފާގަތި ތަނަކަށް ހެދޭނެ ކަމުގެ ޔަގީންކަން ރޭގެ ޖަލްސާގައި ފައްޔާޒް ދެއްވިއެވެ.

ފައްޔާޒް މިހެން ވިދާޅުވެފައިވާއިރު އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހު އޮންނަ އެމްޑީޕީ ޗެއަރޕާސަން އިންތިޚާބުގެ ކެމްޕޭން ފޯރި މިހާރުވަނީ ވަރަށް ގަދަވެފައެވެ.



ކިޔުންތެރިންގެ ހިޔާލު