މިއީ އޭއި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއެއް | ރަސް އޮންލައިން
މިއީ އޭއި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއެއް | ރަސް އޮންލައިން
ޑަބްލިއުޑީސީ ރައީސާއިންގެ މުސާރަ މި ސަރުކާރުން 48 ގަޑިއިރުގެ ތެރޭގައި ތިންވަނަ ފަހަރަށް ބަދަލު ކޮށްފިއެވެ.

ނޭޝަނަލް ޕޭ ކޮމިޝަނުން އެންމެ ފުރަތަމަ ނިންމާފައި އޮތީ ސިޓީތަކުގެ ޑަބްލިއުޑީސީ ރައީސާއިންނަށް 41،000 ރުފިޔާގެ މުސާރައެއް ދިނުމަށެވެ. އަދި ރަށްރަށުގެ އަންހެނުންގެ ކޮމިޓީތަކުގެ ރައީސާއިންނަށް 21،000 ރުފިޔާ ދޭން ނިންމިއެވެ. އޭގެފަހުން ސިޓީތަކުގެ ރައީސާއިންގެ މުސާރަ 33000 ރުފިޔާއަށް ކުޑަކޮށް ފިނޭންސް މިނިސްޓްރީން އެލްޖީއޭއަށް އެކަން އަންގާފައިވެސްވެއެވެ.

ނަމަވެސް މިހާރު ފިނޭންސް މިނިސްޓްރީން ވަނީ ތިންވަނަ ފަހަރަށް ސިޓީތަކާއި ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ދޭ މުސާރައަށް ބަދަލު ގެނައުމަށް ނިންމައިފިއެވެ.

އެގޮތުން ސިޓީ ކައުންސިލްތަކުގެ ޑަބްލިއުޑީސީ ރައީސުންނަށް ދެން ލިބޭނީ މަހަކު 20،000 ރުފިޔާއެވެ. އަދި، ނައިބު ރައީސުންނަށް 7،000 ރުފިޔާ ދޭން ނިންމާފައިވާއިރު، މެންބަރުންނަށް ދޭނީ 6،000 ރުފިޔާއެވެ.

މީގެ އިތުރުން، ރަށްރަށުގެ ޑަބްލިއުޑީސީތަކުގެ ރައީސުންނަށް 15،000 ރުފިޔާ، ނައިބު ރައީސުންނަށް 6،000 ރުފިޔާ އަދި މެންބަރުންނަށް 5،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖައްސާފައެވެ.

މީގެ އިތުރުން، ކޮމެޓީގެ ނައިބު ރައީސުންނާއި މެމްބަރުން ބައިވެރިވާ ކޮންމެ ބައްދަލުވުމަކަށް 500 ރުފިޔާގެ ސިޓިން އެލަވަންސެއް ދިނުމަށް ވަނީ ނިންމައިފައެވެ. ނަމަވެސް މި އެލަވަންސްގެ ގޮތުގައި މަހަކު އެންމެ ގިނަވެގެން ދެވޭނީ 2,000 ރުފިޔާއެވެ.

އަންހެނުންގެ ކޮމިޓީތަކުގެ މުސާރަ ބޮޑުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވަޢުދުފުޅެކެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕޭން ތެރޭގައި އެމަނިކުފާނު ވަނީ، މަޖިލީހުގެ މެޖޯރިޓީ ލިބިވަޑައިގެންފި ނަމަ އަންހެނުންގެ ކޮމިޓީތައް ބާރުވެރިކޮށް، އެ ކޮމިޓީތަކުގެ ބަޖެޓު ދެގުނަކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

މި ސަރުކާރުން އަންހެނުންގެ ކޮމިޓީތަކުގެ ކުރިއެރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މިދިޔަ ރޯދަމަހުން ފެށިގެން އެ ކޮމިޓީތަކުގެ މެންބަރުންނަށް ރޯދަ އެލަވަންސް ދިނުމަށް ވެސް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު