މާލޭ ސިޓީ ކައުންސިލްގެ މެންބަރު ޒާޔާ މުހައްމަދު
މާލޭ ސިޓީ ކައުންސިލްގެ މެންބަރު ޒާޔާ މުހައްމަދު
ނޫސްވެރިކަމުގެ މިނިވަންކަމާއި ރައްޔިތުންގެ ބަސްބުނުމުގެ ހައްގުތަކަށް މިހާރުގެ ސަރުކާރުން ހުރަސްއަޅަމުންދާ ކަމަށް ބުނެ، މާލޭ ސިޓީ ކައުންސިލްގެ މެންބަރު ޒާޔާ މުހައްމަދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އެމްޑީޕީން ރޭ ބޭއްވި ޚާއްސަ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޒާޔާ ވިދާޅުވީ، ޚިޔާލުފާޅުކުރުމާއި އެއްވެއުޅުމުގެ މިނިވަންކަން މިއަދު މި ގައުމުން ފޭރިގަނެ، ލޫޓުވާލާފައިވާ ކަމަށެވެ. އަދި ނޫސްވެރިން ޖަލަށްލައި، ދިވެހި ހުރިހާ ރައްޔިތުންގެ އަނގަ ބަންދުކުރުމަށްޓަކައި ކޯޓުތައް މެދުވެރިކޮށް އަމުރުތައް ނެރެމުންދާ ކަމަށް ވިދާޅުވެ އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ޒާޔާގެ ވާހަކަފުޅުގައި މިހާރު ހިނގަމުންދާ ވެރިކަމަކީ ދިވެހި ރައްޔިތުން މިހާތަނަށް ދެކެފައިވާ އެންމެ ހިތްދަތި ވެރިކަން ކަމަށް ސިފަކުރެއްވިއެވެ.

ރައްޔިތުންގެ ހައްގުތައް ބޭއިންސާފުން އަތުލަމުންދާ މި ދަނޑިވަޅަކީ ޒުވާނުން ނެރެގެން ސިޔާސީ "އެކްސްޕެރިމެންޓް" ތައް ހަދަންވީ ވަގުތެއް ނޫން ކަމަށާއި، މިއީ ގައުމަށް ބަދަލު ގެނެސްދެއްވި، ހިކުމަތްތެރި އަދި ތަޖުރިބާކާރު ލީޑަރުންގެ ފަހަތްޕުޅަށް ހުރިހާ ޒުވާނުންވެސް އަރަންވީ ވަގުތު ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، އެމްޑީޕީގެ "ރަންރީނދޫ ލަޝްކަރު" ގެ ސިޔާސީ ރޫހާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޒާޔާ ވިދާޅުވީ، މީގެކުރިން ޕާޓީގެ އިސް ލީޑަރަކު ނެތް ދުވަސްވަރެއްގައި މުޅި ޕާޓީގެ ޖޯޝާއި ރޫހު ވަޅުލެވިގެންދިޔަ ކަމަށެވެ.

އަދި އެ ދުވަހު އޭނާ ނެތުމުން ކުރިމަތިވި ފަޅުކަމާއި ދެރަ، އިހުސާސް ނުކުރާ ހަމަ އެކަކުވެސް މިއަދު އެމްޑީޕީގެ ތެރޭގައި ނެތް ކަމަށް ވިދާޅުވެ، ޒާޔާ ވަނީ ޕާޓީގެ އެއްބައިވަންތަކަމަށާއި ވަރުގަދަ ލީޑަޝިޕެއްގެ މުހިންމުކަމަށް ބާރުއަޅުއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު