ޕީއެންއެފްގެ ސެކްރަޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް
ޕީއެންއެފްގެ ސެކްރަޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެއްވެސް ފުރުސަތެއް ނުދެއްވާނެ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި ވާހަކަފުޅަށް، ޕީއެންއެފްގެ ސެކްރަޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ސިޔާސީ މަސްރަހުގައި އުފެދިފައިވާ މި ހޫނު ބަހުސާ ގުޅިގެން މަލީހް ވަނީ އަބްދުއްރަހީމްގެ ނިޔަތާމެދު ބޮޑެތި ސުވާލުތަކެއް އުފައްދަވާފައެވެ.

މަލީހް ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ، ސިޔާސީ ހާލަތު ބަދަލުވެގެންދާ ހިނދެއްގައި ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ގަރާރެއްގައި އެންމެ ފުރަތަމަ ސޮއިކުރައްވާނެ ބޭފުޅަކީ ވެސް އަދި އެ ފަދަ ގަރާރެއް މަޖިލީހަށް ހުށަހަޅުއްވާނެ ބޭފުޅަކީ ވެސް ހުދު އަބްދުއްރަހީމް ކަމަށެވެ.

އަދި އަބްދުއްރަހީމްގެ ހިތްޕުޅުގައި ރައީސް މުއިއްޒާ މެދު އޮތީ ހަގީގަތުގައި ބޮޑު "ކަޅު ފާރެއް" ލެވިފައި ކަމަށް ވިދާޅުވެ، އޭނާ ވަނީ އަބްދުއްރަހީމްގެ ވަފާތެރިކަމާ މެދު ތުހުމަތުތަކެއް ކުރައްވާފައެވެ.

މި ބަހުގެ ހަމަލާތައް ފެށިގެންައީ އައްޑޫ ސިޓީގައި ބޭއްވި ޕީއެންސީގެ ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން، ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް އިދިކޮޅުން ކުރާ މަސައްކަތަކީ ހަމައެކަނި ދެކޭ "ނަނާ ހުވަފެނެއް" ކަމަށް އަބްދުއްރަހީމް ވިދާޅުވުމާ ގުޅިގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނަށް ޕީއެންސީން ނެރުނު ކެންޑިޑޭޓް އަހުމަދު ސައީދުގެ ކެމްޕޭން ރަސްމީކޮށް ފެށުމަށް ބޭއްވި އެ ޖަލްސާގައި، އަބްދުއްރަހީމް ވަނީ ސަރުކާރު ދިފާއުކުރައްވައި، ރައީސް މުއިއްޒު މަގާމުން ވަކިކުރުމުގެ އެއްވެސް ޖާގައެއް މަޖިލީހުގެ ތެރެއިން ފަހިވިޔަ ނުދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ނަމަވެސް މަލީހް ބާރުއަޅުއްވައި ވިދާޅުވަނީ، މިހާރު ފެންނަމުންދާ ސިޔާސީ ސަޕޯޓަކީ ވަގުތީ ކަމެއް ކަމަށާއި، މަސްރަހަށް އަންނަ ބަދަލުތަކާއެކު ރައީސް މުއިއްޒާ ދެކޮޅަށް އެންމެ ފުރަތަމަ ނުކުންނަވާނެ އިސް ސިޔާސީ ޝަހުސިއްޔަތަކަށް ވާނީ ވެސް އަބްދުއްރަހީމް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު